މައްކާއަށް ޓްރަމްޕް އިހާނެތި ބަސް ރައްދު ކުރިކަމަށް ބުނެ ޔަމަނުގައި މުޒާހަރާ ކުރަނީ

އެމެރިކާގެ ކުރީގެ ރައީސް އޮބާމާ ޕްރެޒިޑެންޝަލް ސެންޓަރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި މުސްލިމުންގެ އެންމެ މުގައްދަސް ބިން ކަމަށްވާ މައްކާއަށް އިހާނެތި ބަސް ރައްދުކުރި ކަމަށް ތުހުމަތުކޮށް، ޔަމަނުގެ އެކި ސިޓީތަކުގައި ބޮޑެތި މުޒާހަރާތަކެއް ފަށައިފިއެވެ.

ޓްރަމްޕް މިދިޔަ ހަފުތާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޗިކާގޯގައި ހުންނަ އޮބާމާ ލައިބްރަރީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އެމެރިކާދެކެ ނަފްރަތުކުރާ މީހުން އެއްވާ "މައްކާއަކަށް" ވެގެންދާނެ ކަމަށެވެ. ޓްރަމްޕް މި ބަސް އިސްތިއާރީ މާނައެއްގައި ބޭނުންކުރެއްވި ނަމަވެސް، މި ބަސްބޭނުންކުރެއްވި ގޮތާމެދު އިސްލާމީ ގައުމުތަކުގެ ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ޔަމަނުގެ ސަންޢާ އާއި ސަޢުދާ ފަދަ ސިޓީތަކުގައި ނުކުތް އެތައް ހާސް ބަޔަކު ވަނީ ޓްރަމްޕާ ދެކޮޅަށް އަޑުއުފުލައި، އެއީ މުސްލިމުންގެ ދީނީ އިހުސާސްތަކަށް ކުރި ފުރައްސާރައެއް ކަމަށް ގޮވާލާފައެވެ. މި މުޒާހަރާތަކުގައި ބައިވެރިވި މީހުން ވަނީ ޓްރަމްޕްގެ އަމަލު ކުށްވެރިކޮށް، މުސްލިމުންގެ ޝިއާރުތައް ހިމާޔަތްކުރުމަށް ގޮވާލާފައެވެ.

މި މައްސަލައާ ގުޅިގެން އީރާނުގެ ދައުލަތުގެ މީޑިއާތައިން ވެސް ވަނީ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި އިންޑިއާގެ ބައެއް އިސްލާމީ ޖަމާއަތްތަކުން ވެސް ވަނީ ޓްރަމްޕްގެ ބަހުރުވައަކީ ދެކޮޅުޖެހޭ އަދި ހޮޅި ބަހުރުވައެއް ކަމަށް ބުނެފައެވެ.

އިސްލާމޯފޯބިއާގެ އަމަލުތައް ހިންގާކަމަށ ްތުހުމަތު ކުރެވޭ ޓްރަމްޕްގެ ޓީމުން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ، ޓްރަމްޕް އެ ބަސް ބޭނުންކުރެއްވީ ހަމައެކަނި ސިޔާސީ މައިދާނުގައި ވާދަވެރިންނަށް ފާޑުވިދާޅުވުމަށް، އިނގިރޭސި ބަހުގައި އާންމުކޮށް ބޭނުންކުރާ އިސްތިއާރީ މާނައިގައި ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި އިސްލާމް ދީނަށް ނުވަތަ މުސްލިމުންގެ މުގައްދަސް ބިމަކަށް ހަޖޫޖެހުމުގެ ނިޔަތުގައި ކުރެއްވި ކަމެއް ނޫން ކަމަށް އެ ފަރާތްތަކުން ދިފާއުކުރެއެވެ.

އޮބާމާ ޕްރެޒިޑެންޝަލް ސެންޓަރު ހުޅުވުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 19 ވަނަ ދުވަހަށެވެ. މި މައްސަލައަކީ ޓްރަމްޕްގެ ސޯޝަލް މީޑިއާ ބޭނުންކުރެއްވުމުގެ ވައްޓަފާޅިއާ ގުޅިގެން ބައިނަލްއަގްވާމީ ފެންވަރުގައި ހޫނުވެފައިވާ އެންމެ ފަހުގެ މައްސަލައެވެ.

ހިއްސާ ކުރައްވާ!