އީރާނުގެ އަމީރުކަބީރު ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ 12 ފެކަލްޓީ މެމްބަރަކު ދުނިޔޭގެ އެންމެ ގިނައިން މީހުން ޙަވާލާދެވޭ، ނުވަތަ ސައިންޓިފިކް ދިރާސާތަކުގެ އެންމެ ކުރީ ސަފުގައި ހިމެނޭ 1 ޕަސެންޓް ދިރާސާވެރިންގެ ތެރޭގައި ހިމެނިއްޖެއެވެ.
އިސްލާމީ ދުނިޔޭގެ ސައިންޓިފިކް ސައިޓޭޝަން އެންޑް މޮނިޓަރިން އިންސްޓިޓިއުޓުން އާންމުކުރި އެންމެ ފަހުގެ ރިޕޯޓުން ހާމަވާ ގޮތުގައި، މި ދިރާސާވެރިންގެ މަސައްކަތްތަކަކީ ބައިނަލްއަގްވާމީ ފެންވަރުގައި ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ދިރާސާތަކެކެވެ. މި ލިސްޓު އެކުލަވާލާފައިވަނީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ އެސެންޝައަލް ސައިންސް އިންޑިކޭޓަރސްގެ ޑޭޓާބޭސްއަށް ބިނާކޮށެވެ.
މި ލިސްޓުގައި ހިމެނޭ އަމީރުކަބީރު ޔުނިވަރސިޓީގެ ޕްރޮފެސަރުންގެ ތެރޭގައި މުޙައްމަދު ރަބީޢީ، ފަރީދޫން މުގައްދަސް ނަޖާދު، ގޯކް ބީ ގަރެޕެޓިއާން، ހައިދަރު އަލީ ތާލިބީ، މުސްތަފާ އައްބާސްޒާދާ، ސައްޔިދު ހުސައިން ހަސަނިއާން، ސައްޔިދު މުޖްތަބާ އާގާ މިރްސަލިމް، މަހްދީ ދެހްގާން، މުޙައްމަދު ރިޒާ އިސްލާމީ، ސައްޖާދު ޖަޢުފަރީ، ޒަހްރާ ޝަރީއަތީ ނިއާ އަދި މެހްރްދާދު އާބާދީ ހިމެނެއެވެ.
އީރާނުގެ ސައިންޓިފިކް ދާއިރާ ކުރިއަރަމުންދާ ކަން މި ލިސްޓުން ރަނގަޅަށް ސާބިތުކޮށްދެއެވެ. އިސްލާމީ ދުނިޔޭގެ ސައިންޓިފިކް ސައިޓޭޝަން އެންޑް މޮނިޓަރިން އިންސްޓިޓިއުޓުގެ ރައީސް މުޙައްމަދު މަހްދީ އަލަވިއަން މެހްރު ވިދާޅުވީ، އީރާނަކީ ދުނިޔޭގެ އެންމެ ކުރީގައި އުޅޭ 20 ސައިންޓިފިކް އުފެއްދުންތެރި ގައުމުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ގައުމު ކަމަށެވެ.
އާ ދިރާސާތަކުން ދައްކާ ގޮތުގައި، އީރާނުން އުފައްދާ ސައިންޓިފިކް ލިޔުންތަކުގެ ތެރެއިން 15.9 ޕަސެންޓް ލިޔުންތައް މިހާރު ހިމެނެނީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 10 ޕަސެންޓް ލިޔުންތަކުގެ ތެރޭގައެވެ. މިއީ 2023 ވަނަ އަހަރު 14.1 ޕަސެންޓުގައި ހުރި އަދަދެކެވެ. މިއާއެކު އީރާން ވަނީ ދުނިޔޭގެ ސައިންޓިފިކް އުފެއްދުންތެރިންގެ ރޭންކިންގައި 2023 ވަނަ އަހަރު އޮތް އަށްވަނަ މަގާމުން 2025 ވަނަ އަހަރު ހަވަނަ މަގާމަށް ކުރިއަރާފައެވެ.
އިގްތިސާދީ ގޮންޖެހުންތަކާއެކު ވެސް އީރާނުގެ ސައިންސްވެރިން ހޯދަމުންދާ މި ކާމިޔާބީތަކަކީ އެ ގައުމުގެ ސައިންޓިފިކް ދާއިރާގެ ވަރުގަދަކަމާއި، ލިބިފައިވާ މަދު ވަސީލަތްތަކުން ވެސް ބައިނަލްއަގްވާމީ ފެންވަރުގެ ނަތީޖާތަކެއް ހާސިލުކުރެވޭނެކަމުގެ ހެއްކެކެވެ.





