އޮސްޓްރޭލިއަން ސްޓްރެޓީޖިކް ޕޮލިސީ އިންސްޓިޓިއުޓް (އޭއެސްޕީއައި) ގެ "ކްރިޓިކަލް ޓެކްނޮލޮޖީ ޓްރެކަރ" އިން ދައްކާ ގޮތުން، އެޑްވާންސްޑް އެއާކްރާފްޓް އިންޖީނާއި ހައިޕަރސޮނިކް ޕްރޮޕަލްޝަން ޓެކްނޮލޮޖީގެ ދާއިރާއިން އީރާން މިހާރު އޮތީ ދުނިޔޭގެ 4 ވަނައިގައެވެ. މި ކާމިޔާބީއާއެކު އީރާން ވަނީ ޖަޕާނު، އިޓަލީ، އަދި އިނގިރޭސިވިލާތް ފަދަ އެއަރޯސްޕޭސް ދާއިރާގައި ގަރުނުތަކެއް ވަންދެން ހަރަކާތްތެރިވި ގައުމުތައް ފަހަނައަޅައި ގޮސްފައެވެ.
މި ޓްރެކަރަކީ އިންޑަސްޓްރިއަލް އުފެއްދުމަށްވުރެ ބޮޑަށް، ދުނިޔޭގެ އެންމެ ނުފޫޒުގަދަ 10 ޕަސެންޓް ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާކޮށް، ގައުމެއްގެ ޓެކްނޮލޮޖީގެ ކުރިމަގުގެ ގާބިލުކަން ވަޒަންކުރާ އާލާތެކެވެ. 2019 އިން 2023 އަށް އެއްކުރެވުނު ޑޭޓާއިން ދައްކާ ގޮތުގައި، މި ދާއިރާއިން 1 ވަނައިގައި އޮތީ ޗައިނާއެވެ. 2 ވަނައިގައި އެމެރިކާ އަދި 3ވަނައިގައި އިންޑިއާ އޮތްއިރު، އީރާނުން 4 ވަނަ ހޯދުމަކީ އެ ގައުމުން ޚިޔާރުކޮށްފައިވާ އެސިމެޓްރިކް ސައިންޓިފިކް އިންވެސްޓްމަންޓް ސްޓްރެޓެޖީގެ ކާމިޔާބީއެކެވެ.

ދިރާސާއިން ސިނާއަތަށް
އީރާނުގެ ޔުނިވަރސިޓީތަކުން ހޯދާ މި ފަންނީ ކުރިއެރުންތައް މިހާރު ދަނީ އަސްކަރީ އަދި ދިފާއީ އޭރޯސްޕޭސް ސިނާއަތަށް އަމަލީ ގޮތުން ތަރުޖަމާކުރަމުންނެވެ. އޭގެ ތެރޭގައި "އައުޖް" ޓާބޯޖެޓް އިންޖީނާއި، 700 ކިލޯގްރާމްގެ ތްރަސްޓް އުފައްދާ "ޖާހޭޝް-700″ ޓާބޯފޭން އިންޖީނު ފާހަގަކޮށްލެވެއެވެ. ޖާހޭޝް-700 އަކީ ސިންގަލް-ކްރިސްޓަލް ޓާބައިން ބްލޭޑްސް ފަދަ ޒަމާނީ ސުޕަރއެލޯއިތައް ބޭނުންކޮށްގެން އުފައްދާފައިވާ، އީރާނުގެ ސްޓްރެޓީޖިކް ޑްރޯންތަކަށް ބާރުދޭ ހައި އެފިޝަންސީ އިންޖީނެކެވެ.
މީގެ އިތުރުން، "ފައްތާހް" ހައިޕަރސޮނިކް މިސައިލްގެ ކާމިޔާބީއަކީ އެރޯޑައިނަމިކްސް، ހައި-ޓެމްޕަރޭޗާ މެޓަލާޖީ، އަދި ސުޕަރސޮނިކް ކޮމްބަސްޝަންގެ ދާއިރާއިން އީރާނުގެ ސައިންސްވެރިން ހާސިލުކޮށްފައިވާ މަތީ ފެންވަރުގެ ފަންނީ ގާބިލުކަމުގެ ހެއްކެކެވެ.
އީރާނުގެ މި ކާމިޔާބީގެ އަސްލަކީ 2011 ގައި އެކުލަވާލި "ކޮމްޕްރެހެންސިވް ސައިންޓިފިކް މެޕް" އެވެ. މި ލިޔުމުގައި އެނާޖީ، އެއަރޯސްޕޭސް، އަދި ނޭނޯ-ޓެކްނޮލޮޖީއަށް އިސްކަންދޭން ކަނޑައަޅައި، ލިބެން ހުރި މަދު ވަސީލަތްތައް މި ދާއިރާތަކަށް ފޯކަސް ކުރުމުންނެވެ. އީރާނަކީ ހުރިހާ ދާއިރާއަކުން ކުރިއަރާފައިވާ ގައުމެއް ނޫން ނަމަވެސް، ސްޓްރެޓީޖިކް މުހިންމު 8 ދާއިރާއަކުން ދުނިޔޭގެ ގަދަ 5 ގެ ތެރޭގައި އީރާން ހިމެނެއެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ވެސް އީރާނުގެ ޔުނިވަރސިޓީތަކުން މިފަދަ ނަތީޖާ ނެރުމުން ސާބިތުވަނީ، އެ ގައުމުގެ ދިރާސާކުރާ ނިޒާމަކީ ބެރުގެ ފިއްތުންތަކަށް ނުގުޑާ، ވަރަށް ހަރުދަނާ އަދި އެފިޝަންޓް ނިޒާމެއްކަމެވެ. އީރާނުން މި ހޯދި ކާމިޔާބީއަކީ އެ ގައުމުގެ ސައިންޓިފިކް އަދި އިންޖީނިއަރިން ފައުންޑޭޝަންގެ ވަރުގަދަކަން ދައްކުވައިދޭ، ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަ ހަގީގަތެކެވެ.






