އެމެރިކާގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަދަދު އިތުރުވަނީ: މައިގަނޑު ސަބަބަކީ ޓްރަމްޕް

އެމެރިކާގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޚާއްސަކޮށް، ގައުމުން ބޭރުގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުންގެ މެދުގައި މި ނިންމުން ނިންމާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

"އެމެރިކަންސް އޯވަސީސް" ނަމަކަށް ކިޔާ ޖަމިއްޔާއަކުން އެއްކުރި މައުލޫމާތުތަކަށް ބަލާއިރު، 2025 ވަނަ އަހަރު 4،889 މީހަކު ވަނީ އެމެރިކާގެ ރަށްވެހިކަން ރަސްމީކޮށް ދޫކޮށްލާފައެވެ. މިއީ 2020 ވަނަ އަހަރަށް ފަހު ރިކޯޑު ކުރެވުނު އެންމެ މަތީ އަދަދެވެ. އަދި މި އަހަރު މި އަދަދު 15 ޕަސެންޓުން އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

ރަށްވެހިކަން ދޫކޮށްލުމުގެ ސަބަބުތައް

  • އެމެރިކާގެ ގާނޫނުތައް ބުނާ ގޮތުން، އެމެރިކާގެ ރައްޔިތުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން އާމްދަނީ ހޯދި ނަމަވެސް، އެމެރިކާއަށް ޓެކްސް ދައްކަން ޖެހެއެވެ. "އެމެރިކަންސް އޯވަސީސް" ގެ ޕާޓްނަރު، ޑޭން ޑޯލަޗާ ވިދާޅުވި ގޮތުގައި، ގިނަ މީހުން ރަށްވެހިކަން ދޫކޮށްލަނީ ސިޔާސީ ސަބަބުތަކަށް ވުރެ ބޮޑަށް، މި ޓެކްސްގެ ބުރައާ ހެދިއެވެ.

  • ބައެއް މީހުން އެމެރިކާގެ ރަށްވެހިކަން ދޫކޮށްލަނީ ޓްރަމްޕްގެ ނަސްލީ ތަފާތު ކުރުމުގެ ސިޔާސަތާ ހެދި ހިތްހަމަނުޖެހިގެންނެވެ. ނިއުޒިލެންޑުގައި ދިރިއުޅޭ އީރިން ކްލެޓް، 34، ބުނި ގޮތުގައި އެމެރިކާގެ މިސްރާބާމެދު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އޭނާ ވަނީ މި އަހަރުގެ ކުރީކޮޅު 2،350 ޑޮލަރުގެ ފީއެއް ދައްކައި، ރަށްވެހިކަން ދޫކޮށްލާފައެވެ.

ރަށްވެހިކަން ދޫކޮށްލުމުގެ ޕްރޮސެސް

އެމެރިކާގެ ރަށްވެހިކަން ދޫކޮށްލުމަކީ އުނދަގޫ އަދި ގިނަ ވަގުތު ހޭދަވާ ކަމެކެވެ. މީގެ ތެރޭގައި އެމެރިކާގެ އެމްބަސީއަކަށް ނުވަތަ ކޮންސިއުލޭޓަކަށް ގޮސް، ޚާއްސަ ހުވާކުރުމާއި، ފާއިތުވި ފަސް އަހަރުގެ ޓެކްސް ރިޕޯޓުތައް ހުށަހެޅުން ހިމެނެއެވެ.

އެމެރިކާގެ ރަށްވެހިކަން ދޫކޮށްލުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، "ސްޕާ އެންޑް ބާންސްޓައިން" ލޯ ފާމްގެ ވެރިޔާ ބްރެޑް ބާންސްޓައިން ވިދާޅުވީ، ރަށްވެހިކަން ދޫކޮށްލުމުން ލިބޭ ގެއްލުންތަކާމެދު ގިނަ މީހުންނަށް ނުވިސްނޭ ކަމަށެވެ. އެމެރިކާގެ ރަށްވެހިކަން ދޫކޮށްލުމުން ދުނިޔޭގެ އެކި ގައުމުތަކަށް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ގެއްލޭނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

މިކަމާ ގުޅޭގޮތުން ޔުނިވަރސިޓީ އޮފް މިނެސޯޓާގެ ޕްރޮފެސަރ ހޮވާޑް ލެވިން ވިދާޅުވީ، ރަށްވެހިކަން ދޫކޮށްލުމަކީ އަމިއްލަ ހަޔާތާއި، އައިޑެންޓިޓީ ބަދަލުކުރުމުގެ ގޮތުން މީހުން އަޅާ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.

ހިއްސާ ކުރައްވާ!