އެމެރިކާ-އީރާން ފަހުމުނާމާ ސޮއިކުރުން ސްވިޒަލޭންޑުގެ ބޯގަންސްޓޮކް ރިސޯޓުގައި ބާއްވަނީ

އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ ފަހުމުނާމާގެ ރަސްމިއްޔާތު، ސްވިޒަލޭންޑުގެ ލޫސިއާން ކޯރުގެ އައްސޭރީގައި އޮންނަ ބޯގަންސްޓޮކް ފަރުބަދަމަތީ ރިސޯޓުގައި ބޭއްވުމަށް ނިންމައިފިއެވެ. މިކަން ސްވިޒަލޭންޑުގެ ޚާރިޖީ ވުޒާރާއިން ސީއެންއެންއަށް ކަށަވަރުކޮށްދީފައިވާއިރު، މި ރަސްމިއްޔާތު ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތީ ޖެނީވާގައެވެ. މިތަން އިޚްތިޔާރުކޮށްފައިވަނީ އެމެރިކާ، އީރާން، ޕާކިސްތާން، އަދި ގަތަރާއެކު ކުރެވުނު މަޝްވަރާތަކަށްފަހުއެވެ.

މި ހަރަކާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސްވިޒަލޭންޑުގެ ސަރުކާރުން ގާތްގަނޑަކަށް 2000 ސިފައިން ހަރަކާތްތެރިވާނެއެވެ. އަދި ޖޫން 18 އިން 20 އަށް، އެ ސަރަހައްދުގެ ވައިގެ ސަރަހައްދު "ނޯ ފްލައި ޒޯން" އެއްގެ ގޮތުގައި ކަނޑައަޅައި، ވައިގެ ދަތުރުފަތުރު މަނާކުރުމަށް ވަނީ ނިންމާފައެވެ.

މި އެއްބަސްވުމަކީ 60 ދުވަހުގެ ތެރޭގައި ފައިނަލް އެއްބަސްވުމަކަށް އައުމަށްޓަކައި ލިބޭ ފުރުސަތެއް ކަމަށް ބެލެވެއެވެ. ނަމަވެސް، އެމެރިކާގެ ބައެއް އޮފިޝަލުން މި ލިޔުމަކީ "ސިޔާސީ ލިޔުމެއް" ކަމަށާއި، އީރާނަށް ޓްރަމްޕް ދީލާލީ ކަމަށާއި މީގެން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު އޮތް ބޮޑެތި ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

ބޯގަންސްޓޮކް ރިސޯޓަކީ މީގެ ކުރިންވެސް ބައިނަލްއަގްވާމީ ބޮޑެތި ބައްދަލުވުންތައް ބޭއްވި ތަނެކެވެ. އެގޮތުން 2024 ވަނަ އަހަރު ޔޫކްރެއިންގެ ސުލްހައިގެ ސަމިޓު ބާއްވާފައިވަނީ ވެސް މި ރިސޯޓުގައެވެ. މީގެ އިތުރުން، 1964 ވަނަ އަހަރު ރިލީޒްވި މަޝްހޫރު ޖޭމްސް ބޮންޑް ފިލްމު "ގޯލްޑްފިންގާ" ގެ ބައެއް މަންޒަރުތައް ވެސް ނަގާފައިވަނީ މި ރިސޯޓުގައެވެ.

ހިއްސާ ކުރައްވާ!