އެމެރިކާއާއި އީރާނާ ދެމެދު އެކުލަވާލާފައިވާ ތާރީޚީ ސުލްހައިގެ ފަހުމުނާމާގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ރަސްމީކޮށް ސޮއިކުރައްވައިފިއެވެ. އީރާނުގެ ރަސްމީ ނިއުސް އެޖެންސީ (އިރްނާ) އިން ވަނީ މިކަން ކަށަވަރުކޮށްދީ، ސޮއިކުރެއްވުމުގެ މަންޒަރު ފެންނަ ދެ ފޮޓޯއެއް އާންމުކޮށްފައެވެ.
އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ރައީސް ޕެޒެޝްކިއާން ފަހުމުނާމާގައި ސޮއިކުރައްވާ މަންޒަރާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޮއި ވެސް ހިމެނޭ އެ ލިޔުން ޕެޒެޝްކިއާން ދައްކާލައްވާ މަންޒަރު ވަރަށް ސާފުކޮށް ފެނެއެވެ. މިއީ ދެ ގައުމުގެ ވެރިން މި އެއްބަސްވުމުގައި ސޮއިކުރެއްވިކަން ދުނިޔެއަށް ރަސްމީކޮށް ސާބިތުކޮށްދޭ އެންމެ މުހިންމު ހެއްކެވެ.
މިކަމާ ގުޅިގެން ދެ ގައުމުގެ ފަރާތުން ވެސް މިހާރު އަންނަނީ 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ އަމަލީ މަސައްކަތްތައް ފަށަމުންނެވެ. އީރާނުގެ މި ފިޔަވަޅަކީ ސުލްހައިގެ އެއްބަސްވުމަށް އެގައުމުން ދޭ ފުރިހަމަ އެއްބާރުލުން ދައްކުވައިދޭ ކަމެއް ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ފާހަގަކުރެއެވެ.
އެހެންނަމަވެސް، އިއްޔެ އީރާނުގެ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ދެއްވި އިންޒާރުގެ މަތިން، މި އެއްބަސްވުމުގެ ކޮންމެ މާއްދާއަކީ ވެސް "އަމަލުގެ ބަދަލުގައި އަމަލު" މި އުސޫލުން ހިނގާނެ ކަމެއް ކަމުން، އެމެރިކާއިން މި ވައުދުތައް ފުއްދާ މިންވަރަކަށް އީރާނުން ވެސް މިކަންކަމަށް އިޖާބަ ދޭނެކަން ވަނީ ޔަގީންކޮށްފައެވެ.







