ބޭ އޮފް ބެންގޯލަށް ޕާކިސްތާންގެ ސަބްމެރިންތައް ފޮނުވަނީ

ޕާކިސްތާނުގެ ކަނޑުގެ ސިފައިން، ޗައިނާގެ އެހީގައި އުފައްދާފައިވާ އާ "ހަންގޯ" ކްލާހުގެ ސަބްމެރިންތައް ބޭނުންކޮށްގެން، އިންޑިއާ ކަނޑުގެ އިރުމަތީ ސަރަހައްދުގެ ބޭ އޮފް ބެންގަލްގައި ހަރަކާތްތެރިވާން ތައްޔާރުވާން ފަށައިފިއެވެ. 1971 ވަނަ އަހަރުގެ ހަނގުރާމައިން ޕާކިސްތާނު ބަލިވެ، އެ ސަރަހައްދުގައި އޮތް ބާރު ކެނޑުނު ފަހުން، މިފަދަ ސްޓްރެޓެޖިކް ފިޔަވަޅެއް އެގައުމުން އަޅަން އުޅޭކަން މިއީ ފުރަތަމަ ފަހަރެވެ.

ޕާކިސްތާނުން އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާން ރާވަނީ ޗައިނާގައި އުފައްދާފައިވާ 8 ސަބްމެރިންގެ ތެރެއިން ފުރަތަމަ ސަބްމެރިން "ޕީއެންއެސް ހަންގޯ" ބޭނުންކޮށްގެންނެވެ. މި ސަބްމެރިންތަކުގައި "އެއާ-އިންޑިޕެންޑެންޓް ޕްރޮޕަލްޝަން" ޓެކްނޮލޮޖީ ހުރުމުން، މާގިނައިން މައްޗަށް އަރަން ނުޖެހި، ދިގު މުއްދަތަކަށް ކަނޑުއަޑީގައި އޮތުމުގެ ގާބިލުކަން ލިބިގެންވެއެވެ.

 1971 އަށްފަހު ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ ހަރަކާތްތައް މައިގަނޑު ގޮތެއްގައި ހުރީ ޕާކިސްތާންގެ ހުޅަނގު ފަރާތަށް އަރަބި ކަނޑަށެވެ. ނަމަވެސް ބަނގްލަދޭޗްގެ އައު ސަރުކާރުގެ ރަހުމަތްތެރިކަމާއެކު ބޭ އޮފް ބެންގަލްއަށް އަމާޒު ހިފުމަކީ އިންޑިއާގެ ބާރަށް ފަރުވާލެއް ނުބަހައްޓާ ކަމުގެ އިޝާރާތެއް ކަމަށް އަސްކަރީ މާހިރުން ދެކެއެވެ.

މި ހަރަކާތްތައް އިތުރުކުރަން އުޅެނީ ޕާކިސްތާނާއި ބަންގްލަދޭޝްއާ ދެމެދު އަސްކަރީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިވަމުންދާ ދަނޑިވަޅެއްގައެވެ. 2025 ވަނަ އަހަރު ޕާކިސްތާނުގެ ހަނގުރާމަމަތީ އުޅަނދެއް ބަންގްލަދޭޝްގެ ޗެޓޮގްރާމަށް ޒިޔާރަތްކޮށްފައިވުމަކީ މިކަމުގެ ހެއްކެއް ކަމަށް ބެލެވެއެވެ.

ބޭ އޮފް ބެންގަލްއަކީ އިންޑިއާގެ އިރުމަތީ ކަނޑުގެ ސަރަހައްދުގެ ކަނޑުގެ ސިފައިންގެ މައި މަރުކަޒު ހުންނ ސަރަހައްދެވެ. ޕާކިސްތާނުގެ މި އާ އަމާޒަކީ އިންޑިއާއަށް ހިތްހަމަނުޖެހުން އުފެދޭނެ ކަމެއް ކަމަށް ވެއެވެ.

"ހަންގޯ" ގެ ނަމަކީ 1971 ވަނަ އަހަރުގެ ހަނގުރާމައިގައި އިންޑިއާގެ ހަނގުރާމަމަތީ އުޅަނދު "އައިއެންއެސް ކުކްރީ" ޣަރަގުކޮށްލި ޕާކިސްތާނު ސަބްމެރިންގެ ނަމެވެ. ޕާކިސްތާނުގެ ސިފައިން މި ނަން އަލުން ބޭނުންކުރުމަކީ އެމީހުންގެ މާޒީއަށް ލިބިފައިވާ ރަމްޒީ އަހައްމިއްޔަތު ދައްކުވައިދޭ ކަމެކެވެ.

މިކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ވާދަވެރިކަން އިތުރުވެ، މިއީ ހަމައެކަނި ޓެކްނޮލޮޖީގެ ކުރިއެރުމެއް ނޫން ކަމަށާއި، މިއީ ޖިއޯޕޮލިޓިކަލް ގޮތުން ޕާކިސްތާނުން އިންޑިއާ ކަނޑުގައި ބާރުގަދަ ކުރަން ކުރާ މަސައްކަތެއް ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!