އެމެރިކާއާއި އިންޑިއާއާއި އޮސްޓްރޭލިއާއާއި ޖަޕާން ބައިވެރިވާ ކުއަޑް އުވިދާނެ ކަމަށް ހީވެފައި އޮތް ހީވުން ނިމުމެއް ގެނެސް، އިންޑިއާގެ ވެރިރަށް ދިއްލީގައި ބޭއްވި ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުން އެ ގްރޫޕް އަދިވެސް ހަރަކާތްތެރިކަން ސާބިތުކޮށްދީފިއެވެ. ލީޑަރުންގެ ސަމިޓު ފަސްކުރުމާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން މި ޖަމައަތަށް މާބޮޑު ޝައުގުވެރިކަމެއް ނެތުމުގެ ސަބަބުން ކުއަޑްގެ މުސްތަގުބަލާ މެދު ސުވާލު އުފެދުނެވެ. ނަމަވެސް، މި ބައްދަލުވުމުން އެމެރިކާގެ ބައިވެރިވުން ވަނީ ކަށަވަރުކޮށްދީފައެވެ.
ކުއަޑްގެ މައިގަނޑު ބާރަކީ އިންޑިއާ އާއި އެމެރިކާގެ ގުޅުމެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި ވިޔަފާރީގެ މައްސަލަތަކާއި، ވިސާގެ ދަތިކުރުންތަކާއި، ޕާކިސްތާނުގެ ސިފައިންނާ އެމެރިކާ އިން ގާތް ގުޅުމެއް ބޭއްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވަނީ އިތުބާރު ކުޑަވެފައެވެ. މިކަން ރަނގަޅު ކުރުމަށްޓަކައި މާކޯ ރުބިއޯ އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ޑިޕްލޮމެޓިކް ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
އިންޑިއާގެ އޭއައި އިމްޕެކްޓް ސަމިޓަށް އެމެރިކާ ދައުވަތު ދިނުމާއި، ޕެކްސް ސިލިކާ އިސްނެގުމުގައި އިންޑިއާ ހިމެނުމަކީ ގުޅުންތައް އަލުން އިއާދަކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެވެ.
އެމެރިކާގެ ސީދާ ބައިވެރިވުން ނެތް ހާލަތެއްގައި، ޖަޕާނާއި އޮސްޓްރޭލިއާ އަދި އިންޑިއާ ގުޅިގެން ވަކި ސްޓްރެޓެޖީއެއް އެކުލަވާލިޔަސް، އޭގެ އަސަރު މާބޮޑެއް ނުވާނެއެވެ. ޓޯކިޔޯއަކީ ސަލާމަތީ ގޮތުން ވޮޝިންޓަންގެ ބަދަލުގައި މިވަގުތު އޮތް ބާރަކަށް ނުވާތީ، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ހަމަޖެހުމަށް އެމެރިކާގެ ދައުރު ކޮންމެހެން މުހިންމެވެ.
ޗައިނާގެ ފަރާތުން ފެންނަމުންދާ ނުފޫޒުތަކާއި، ސަރަހައްދީ ހަމަނުޖެހުންތަކާ ހެދި ކުއަޑްގެ މުހިންމުކަން އަދިވެސް ބޮޑު ކަމަށް އިންޑިއާއިން ބުނެއެވެ. އިންޑިއާއަށް އެމެރިކާގެ ފަރާތުން ޒަމާނީ ޓެކްނޮލޮޖީއާއި، ސްޓްރެޓެޖިކް އިންވެސްޓްމަންޓްތަކާއި، ދިގު މުއްދަތުގެ ދިފާއީ އެހީތެރިކަން ބޭނުންވާތީ ކުއާޑް ދިރުވުމަކީ އިންޑިއާއަށް މުހިންމު ޖކޖަމާއަތެކެވެ. އެމެރިކާއަށް ވެސް ޗައިނާގެ ބާރު ކަނޑުވާލުމަށާއި، ޒިންމާދާރު ބައިވެރިއެއްގެ ގޮތުން އިންޑިއާގެ އެހީތެރިކަން ކޮންމެހެން ބޭނުންވެއެވެ.
އިންޑިއާ އާއި އެމެރިކާގެ ގުޅުމަކީ ހަމައެކަނި ޗައިނާއާ ދެކޮޅަށް އޮތް ގުޅުމެއް ނޫނެވެ. އެއީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާއި، ގާނޫނުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަގްވާމީ ނިޒާމެއް ހިމާޔަތް ކުރުމަށްޓަކައި ދެ ގައުމުން ވެސް ގަބޫލުކުރާ އަގުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. ކުއަޑްގެ ކާމިޔާބީ ބިނާވެފައިވަނީ މި ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމުގެ މައްޗަށެވެ.






