ޗައިނާއާ ގުޅުންހުރި ހެކަރުންތަކެއް އެމެރިކާ އާއި ކެނެޑާގެ ތަހުގީގީ މަރުކަޒުތަކަށް ހަމަލާދީފި

އެމެރިކާ އާއި ކެނެޑާގެ އެކަޑެމިކް، މެޑިކަލް އަދި އަސްކަރީ ދިރާސާކުރާ މަރުކަޒުތަކުން ސިއްރު މައުލޫމާތުތަކެއް ވަގަށް ނެގުމަށް ޗައިނާއާ ގުޅުންހުރި ހެކަރުންގެ ގްރޫޕަކުން އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ހަމަލާދީފައިވާ ކަމަށް ގޫގްލް އިން ހާމަކޮށްފިއެވެ.

ގޫގްލްގެ "ތްރެޓް އިންޓެލިޖެންސް ގްރޫޕް" އިން ބުނާ ގޮތުގައި، މި ހަމަލާތައް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މި ހަމަލާތައް ނޮވެމްބަރު 2025 އާ ހަމައަށް ދެމިގެން ދިޔައެވެ. "ޔޫއެންސީ6508″ ގެ ނަމުން ނަން ދީފައިވާ މި ހެކަރުންގެ ގްރޫޕުން އަމާޒުކޮށްފައިވަނީ އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަސްކަރީ ސްޓްރެޓެޖީއާއި، އާޓިފިޝަލް އިންޓެލިޖެންސް، ސައިބާ ހަނގުރާމައިގެ ޕްރޮގްރާމްތަކާއި އަދި ސިއްހީ ދިރާސާތަކާ ގުޅޭ މުހިންމު މައުލޫމާތުތަކަށެވެ.

ހެކަރުން ވަނީ ދިރާސާކުރާ މަރުކަޒުތަކުން އޮންލައިން ސާވޭތަކަށް ބޭނުންކުރާ "ރެޑްކެޕް" އެޕްލިކޭޝަންގެ ސާވަރުތަކުގައި ހުރި ބަލިކަށިކަންތައްތައް ބޭނުންކޮށްގެން، އެތަންތަނުގެ ލޮގިން މައުލޫމާތު ވަގަށް ނަގާފައެވެ.

އެމީހުން ވަނީ 150 އަށްވުރެ ގިނަ ކީވޯޑްސް ބޭނުންކޮށްގެން، ޓާގެޓް ކުރެވުނު މަރުކަޒުތަކުގެ އީމެއިލްތައް އެމީހުންގެ ޖީމެއިލް އެކައުންޓަކަށް އޮޓޮމެޓިކުން ފޯވަޑް ވާނެ ގޮތް ހަދާފައެވެ.

ހަމަލާ އަމާޒުވި މަރުކަޒުތަކުގެ ނަންތައް ގޫގްލް އިން ހާމަކޮށްފައި ނުވި ނަމަވެސް، މި މަރުކަޒުތަކަކީ ބިލިއަން ޑޮލަރުގެ ބަޖެޓެއްގައި، އެތައް ހާސް ބަޔަކު މަސައްކަތްކުރާ، ސިއްހީ އަދި އަސްކަރީ ދިރާސާތައް ކުރާ މުހިންމު ތަންތަން ކަމަށް ގޫގްލް އިން ބުނެއެވެ.

ގޫގްލްގެ ތަހުގީގަށްފަހު، ހަމަލާ އަމާޒުވި މަރުކަޒުތައް ދެނެގަނެ، އެ މަރުކަޒުތަކަށް އެކަން އަންގާފައިވާ ކަމަށް ގޫގްލް އިން ވަނީ ބުނެފައެވެ. ޗައިނާ ސަރުކާރުން އަބަދުވެސް މިފަދަ ހެކިންގެ ހަމަލާތަކުގައި އެގައުމުގެ ބައިވެރިވުމެއް އޮތްކަމަށް އިންކާރު ކުރެއެވެ. ނަމަވެސް، ގޫގްލް އިން ބުނާ ގޮތުގައި މި ހަމަލާތަކުގެ އުކުޅުތައް ޗައިނާގެ ހެކަރުންގެ ހަމަލާތަކާ ވަރަށް ބޮޑަށް އެއްގޮތެވެ. މިކަމާ ގުޅޭގޮތުން ވޮޝިންޓަންގައި ހުންނަ ޗައިނާގެ އެމްބަސީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!