1990 ގެ އަހަރުތަކުގައި ބޮސްނިއާ ހަނގުރާމައިގެ ތެރޭގައި ސަރަޔޭވޯގައި ހިނގި ކަމަށް ތުހުމަތުކުރެވޭ "ހިއުމަން ސަފާރީ" ނުވަތަ އިންސާނުން ޝިކާރަކުރުމުގެ ނުރައްކާތެރި މައްސަލަ އިޓަލީން ބަލަން ފަށައިފިއެވެ. މި މައްސަލައިގައި އިޓަލީގެ ބައެއް މުއްސަނދިން ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭއިރު، އެމީހުން ވަނީ ސާބިއާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދީގެން، އާންމު ރައްޔިތުންނަށް އަމާޒުކޮށް ސްނައިޕަރުންގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.
އިޓަލީގެ ފުލުހުން މިހާރު އަންނަނީ މި ކަމުގައި ޝާމިލުވާ ކަމަށް ބެލެވޭ ހަތަރު މީހަކު ތަހުގީގު ކުރަމުންނެވެ. އޭގެ ތެރެއިން އެކެއްގެ ގެއިން ފުލުހުން ވަނީ ހަތިޔާރުގައި ހަރުކުރާ ސައިލެންސަރަކާއި، ސްނައިޕަރުން ބޭނުންކުރާ ހާއްސަ އާލާތްތަކުގެ ފޮޓޯއެއް ހޯދާފައެވެ. އޭނާގެ ކުރީގެ އަނބިމީހާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވަނީ، އެމީހާ އޭނާގެ ގާތުގައި 1990 ގެ އަހަރުތަކުގައި ބޮސްނިއާއަށް ގޮސް މުސްލިމުން މެރިކަމަށް އެއްބަސްވެފައިވާ ކަމަށާއި، އެ ހާދިސާތަކުގެ ސަބަބުން އޭނާއަށް ނިދީގައި ބިރުވެރި ހުވަފެންތައް ފެންނަމުންދާ ކަމަށެވެ.
ސަރަޔޭވޯ ހިސާރުކޮށްފައި އޮތް ދުވަސްވަރު، އެތައް ހާސް މޭލު ދުރަކުން އައިސް، މައުސޫމް އާންމުން ޝިކާރަކުރަން އުޅުނު ހަތިޔާރު އެޅި މީހުން، އެންމެ ރީތި އަންހެނަކު ޝިކާރަކޮށް މަރަނީ ކާކުތޯ ބަލަން މުބާރާތް ބޭއްވި ކަމަށް ޑޮކިއުމެންޓް ކޮށްފައި ވެއެވެ.
1992 އިން 1995 އަށް، ރަޝިއާ، ކެނެޑާ އަދި އެމެރިކާގެ މުއްސަނދި ފަތުރުވެރިން، މުސްލިމުން ގިނަ އެ ސަހަރަށް ހަފުތާ ބަންދުތަކުގައި ގޮސް، "ސަރަޔޭވޯ ސަފާރީ"ގެ ނަމުގައި ފައިސާ ދީގެން ހިންގި ޖަރީމާތަކުގައި ބައިވެރިވުމަށް ސާބިއާގެ ހަނގުރާމަވެރިންނަށް ފައިސާ ދީފައިވެއެވެ.
11,500 އަށްވުރެ ގިނަ އާންމުން މަރުވި މި ހަނގުރާމައިގެ ބިރުވެރިކަން ހާމަކޮށްދޭ މި ވާހަކަތައް، 2022 ގައި ނެރުނު ޑޮކިއުމެންޓްރީއެއްގައި ވެސް ހިމަނާފައިވެއެވެ. އެ ޑޮކިއުމެންޓްރީގައި ބުނާ ގޮތުން، އިނގިރޭސިންނާއި، ޖަރުމަނުންނާއި، ސްޕެއިން އަދި އިޓަލީގެ ފަތުރުވެރިންނާއި، ރަޝިއާ، އެމެރިކާ އަދި ކެނެޑާގެ ސްނައިޕަރުން، ކުޑަކުދިންނަށް ބަޑިޖަހަން އިތުރު ފައިސާ ދީފައިވެއެވެ.
ކްރޮއޭޝިއާގެ ނޫސްވެރިއެއް ކަމަށްވާ ޑޮމަގޯޖް މާގެޓިކް ލިޔުއްވި ފޮތެއްގައި ބުނެފައިވާ ގޮތުން، މި "ސަފާރީ" ގައި މީހުން މެރުމަށް ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން:
- އާންމު ފިރިހެނުންނާއި އަންހެނުން މެރުމަށް 80,000 މާކްސް (35,000 ޑޮލަރު) ހޭދަކުރިއެވެ.
- ރީތި އަންހެނުން މެރުމަށް 95,000 މާކްސް ހޭދަކުރިއެވެ.
- އެންމެ އަގުބޮޑު އަމާޒަކީ މާބަނޑު އަންހެނުންނެވެ، އެއީ 110,000 މާކްސްއެވެ.
މި ހާދިސާތަކަކީ ހަމައެކަނި ހަގީގަތެއްކަން ސާބިތުކޮށްދޭ އެތައް ހެއްކެއް ވަނީ ލިބިފައެވެ. 2022 ވަނަ އަހަރު ނެރުނު "ސަރާޔޭވޯ ސަފާރީ" ޑޮކިއުމެންޓްރީގައި، މިކަމުގައި ޝާމިލުވި ބައެއް މީހުންނާއި، ހަނގުރާމައިގެ ތެރޭގައި އެތަން ދުށް ފަރާތްތަކުގެ ހެކިބަސް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހުޅަނގުގެ މުއްސަނދިންނާއި، ބައެއް ގައުމުތަކުގެ ޝާހީ އާއިލާތަކުގެ މީހުން ވެސް ހިމެނޭ ކަމަށް ތުހުމަތު ކުރެވެއެވެ.
ސަރަޔޭވޯގެ 44 މަސް ދުވަހުގެ ހިސާރަ ކުރުމުގެ މި ބިރުވެރި ހިސާރުގެ ތެރޭގައި 11,500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ މުސްލިމުންނެވެ. މި މައްސަލަ އަލުން ތަހުގީގު ކުރަން ފެށުމުން، ޒަމާންތަކެއް ވަންދެން ފޮރުވިފައިވާ މި އަނިޔާވެރި އަމަލުތަކުގެ ހަގީގަތް ހާމަވެ، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދު ވަނީ އާވެފައެވެ.







