ބޮޑުވަޒީރުގެ ހެލިކޮޕްޓަރުގެ ޚަރަދުތައް ހާމަކުރަން އަމުރުކޮށްފި

ޕާކިސްތާން ބޮޑުވަޒީރުގެ ހެލިކޮޕްޓަރު ބޭނުން ކުރާ ގޮތާއި އެ ހެލިކޮޕްޓަރާ ގުޅޭ ޚަރަދުތަކުގެ ތަފްސީލު ހާމަކުރުމަށް އިންފޮރމޭޝަން ކޮމިޝަނަރު އޮފީހުން ސަރުކާރަށް އަމުރުކޮށްފިއެވެ. 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހެލިކޮޕްޓަރުގެ ދަތުރުތަކާއި، ތެލަށް ކުރި ޚަރަދާއި، މަރާމާތުތަކާއި އަދި އެކަމުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ފުރިހަމަ ރެކޯޑު ދިހަ ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.

މި މައުލޫމާތުތައް ސިއްރު ކުރަމުން ސަރުކާރުން ބުނެފައިވަނީ، ގައުމީ ސަލާމަތީ ސަބަބުތަކާއި ގާނޫނީ ހައިސިއްޔަތުން އެ މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް، ޕާކިސްތާން އިންފޮރމޭޝަން ކޮމިޝަނުން ވަނީ ސަރުކާރުގެ މި ބަހަނާ ބަލައިނުގަނެ، އެ މައުލޫމާތުތައް ހާމަކުރުމަށް ނިންމާފައެވެ. ކޮމިޝަނުން ބުނާ ގޮތުގައި، އެދިފައިވާ މައުލޫމާތުތަކަކީ ގައުމީ ދިފާއީ ނުވަތަ އެއްވެސް ބާވަތެއްގެ ސިއްރު މައުލޫމާތާ ގުޅުންހުރި ކަންކަމެއް ނޫނެވެ.

މިކަމާ ގުޅިގެން، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ޚާއްސަ ކޮމިޓީއެއް ބޮޑުވަޒީރު މިހާރު ވަނީ އުފައްދަވާފައެވެ. މީގެ އިތުރުން، ގައުމުގެ އިސްވެރިންގެ ޚަރަދުތައް ކަނޑައެޅުމަށްޓަކައި ގާނޫނެއް ތައާރަފް ކުރުމަށް ވެސް ބޮޑުވަޒީރު ވަނީ އިރުޝާދު ދެއްވާފައެވެ.

ހިއްސާ ކުރައްވާ!