ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ އާ އިދާރާއިން އެ އެއާލައިންގެ ފްލައިޓް އެޓެންޑެންޓުން ޑިއުޓީ ގަޑީގައި އަނގައިން އަޅިކަނޑީގެ ވަސް ދުވުން މަނާކޮށްފިއެވެ. މިކަމާ ގުޅޭ ރަސްމީ އަމުރު އެ އެއާލައިނުން މިހާރު ވަނީ ނެރެފައެވެ.
މި އަމުރުގައިވާ ގޮތުން، ފްލައިޓް އެޓެންޑެންޓުންނަށް އެމީހުންގެ އަތް ދަބަހުގައި ނުވަތަ އެހެނިހެން ލަގެޖްތަކުގައި ވެސް ސިގިރޭޓާއި ސުއްޓާއާއި އަދި ދުންފަތުގެ އެއްވެސް ބާވަތެއް ގެންދިއުން ވެސް މަނާ ވެގެން ވާނެއެވެ. އަދި ޑިއުޓީ ގަޑީގައި ހޮޓާތަކުގައްޔާއި އާންމު ތަންތަނުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވެއެވެ.
މި ފިޔަވަޅުތަކުގެ އިތުރުން، ޕީއައިއޭގެ ބައެއް ފްލައިޓް އެޓެންޑެންޓުންގެ ފަރާތުން ފެނިފައިވާ ނުރަނގަޅު އަމަލުތަކެއް ވެސް ފާހަގަކުރެވިފައިވެއެވެ. މިގޮތުން، ދުބާއީން މުލްތާނަށް ދިޔަ ފްލައިޓެއްގެ އެޓެންޑެންޓުންގެ އަތުން އަގުބޮޑު 78 ފޯނު ފެނިފައިވާތީ އެކަންވެސް ސަމާލުކަމަށް ގެނަސްފައި ވެއެވެ. ހަމައެއާއެކު، ޓޮރޮންޓޯއަށް ދިޔަ ފްލައިޓެއްގައި މަސައްކަތްކުރި ޕީއައިއޭގެ އެޓެންޑެންޓަކު ކެނެޑާއަށް ފޭބުމަށްފަހު ގެއްލިފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.




