އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި ސުލްހައިގެ އެއްބަސްވުމުގެ ދަށުން، އީރާން އާރާސްތުކުރުމަށް 300 ބިލިއަން ޑޮލަރުގެ ފަންޑެއް ގާއިމުކުރުމަށް ހިމަނާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަން ދޮގުކުރައްވައިފިއެވެ. ޕެރިހުގައި ބޭއްވި ޖީ-7 ސަމިޓުގެ ހަވާސާގައި މިސްރުގެ ރައީސް އަބްދުލްފައްތާހު އައްސީސީއާ އެކު ބޭއްވި ބައްދަލުވުމެއްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެ ފަންޑަށް ޚަލީޖީ ގައުމުތަކުން ފައިސާ ދޭނެ ކަމަށް ބުނާ ވާހަކަތަކަކީ "ތެދެއް ނޫން" ކަމަށެވެ.
"އެމެރިކާއިން އެއްވެސް ފައިސާއެއް ނުދޭނަން، 10 ސެންޓުވެސް އެކަމަށް ޚަރަދެއް ނުކުރާނަން،" ޓްރަމްޕް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އިންވެސްޓްކުރުމަކީ އެކި ފަރާތްތަކުގެ އަމިއްލަ ނިންމުމެއް ކަމަށާއި، ނަމަވެސް އީރާނުގެ އަމަލުތައް ހުންނަ ގޮތުން ޚަލީޖީ ގައުމުތަކުން މިވަގުތު އިންވެސްޓްކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ފާންސް މީގެ ކުރިން ވިދާޅުވެފައިވަނީ، އީރާން އާރާސްތުކުރަން ޚަލީޖީ ގައުމުތަކުން ފައިސާ ހަމަޖައްސާނެ ކަމަށެވެ. ނަމަވެސް، މިކަމަށް އެއްވެސް ޚަލީޖީ ގައުމަކުން އަދި އެއްބަސްވެފައެއް ނުވެއެވެ.
ޖޭ.ޑީ. ވޭންސް: އީރާނަށް 300 ބިލިއަން ޑޮލަރު ލިބޭނީ ޝަރުތުތަކެއް ފުރިހަމަ ކުރުމުން
އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ވިދާޅުވާ ގޮތުގައި، އީރާން އާރާސްތުކުރުމަށް 300 ބިލިއަން ޑޮލަރުގެ ފަންޑެއް ޚަލީޖުގެ އަރަބި ގައުމުތަކުން ހަމަޖައްސައިދިނުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މި ފައިސާ ލިބޭނީ އީރާނުން އެއްބަސްވެފައިވާ ޝަރުތުތައް ފުރިހަމަ ކުރުމުން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
އެމެރިކާގެ ސީބީއެސް ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި ވެންސް ވިދާޅުވީ، ޚަލީޖު ގައުމުތަކުގެ އެހީތެރިކަމާއެކު އީރާނަށް މި ބޮޑު މާލީ އެހީ ލިބުމުގެ މަގު ފަހިވެފައިވާ ކަމަށެވެ. "އެމީހުން ވެފައިވާ ވަޢުދުތައް ފުއްދައިފިނަމަ، މި ފަންޑުން އެމީހުންނަށް ފައިދާ ލިބޭނެ،" އޭނާ ވިދާޅުވިއެވެ. ނަމަވެސް އީރާނުގެ ސަރުކާރުގެ ތެރޭގައި ތިބި ހަރުކަށި ފަރާތްތަކުން މި އެއްބަސްވުމުން ލިބޭނެ ފައިދާތައް މާބޮޑަށް އަންދާޒާކުރާ ކަމަށާއި، އޭގެ ބަދަލުގައި އެމީހުން ދޫކުރަންޖެހޭ ކަންކަމުގެ އަގު ކުޑަކޮށް ބަލާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރުހާން ސީއެންއެންއަށް ވިދާޅުވީ، އެ ފަންޑާ ބެހޭ އެއްވެސް ތަފުސީލެއް އެނގި ވަޑައި ނުގަންނަވާ ކަމަށެވެ. އަދި ހަނގުރާމައިގެ ތެރޭގައި އީރާނުން ޚަލީޖީ ގައުމުތަކަށް ދިން ހަމަލާތަކުގެ ސަބަބުން "އިތުބާރު ގެއްލިފައިވާ ކަމުގެ ހާލަތެއް" އުފެދިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "އިގުތިސާދީ އެއްބާރުލުމުގެ ވާހަކަ ދެއްކުމުގެ ކުރިން، އަޅުގަނޑުމެން ޖެހޭނީ އިތުބާރު އަލުން ބިނާކުރަން،" ފައިސަލް ވިދާޅުވިއެވެ.
ޓްރަމްޕާ ބައްދަލުކުރެއްވި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީ ވިދާޅުވީ، ސުލްހައިގެ އެއްބަސްވުމަށްފަހު އީރާނުގައި "ބޮޑެތި ފުރުސަތުތަކެއް" އުފެދޭނެ ކަމަށެވެ. ނަމަވެސް އަމީރު ސީދާ އެ ފަންޑާ ބެހޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެއެވެ.
މިހާރު އޮތް ހާލަތަކީ، 300 ބިލިއަން ޑޮލަރުގެ މި ފަންޑު އުފެއްދުމަކީ ޓްރަމްޕްގެ ސަރުކާރާއި ޚަލީޖީ ގައުމުތަކުގެ މެދުގައި އަދިވެސް ސާފު ނޫން މައްސަލައަކަށް ވުމެވެ. އީރާނުގެ އަމަލުތައް ބަހައްޓާ ގޮތަކުން މެނުވީ މިފަދަ ބޮޑު އިންވެސްޓްމަންޓަކަށް ޚަލީޖީ ގައުމުތަކުން ހޭދަކުރާނެ ކަމުގެ އުއްމީދެއް ނެތްކަން ފާހަގަކުރެވެއެވެ.



