އީރާނުގެ އިމާމް އާޔަތުﷲ މުޖްތަބާ ޚާމަނާއީ ގައުމާ މުޚާތަބު ކުރައްވައިފި

އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި ސުލްހައިގެ ފަހުމުނާމާއާ ގުޅޭގޮތުން އީރާނުގެ މަތީ ވެރިޔާ އާޔަތުﷲ މުޖްތަބާ ޚާމަނާއީ އީރާނުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައިފިއެވެ.

ޚާމަނާއީ ވިދާޅުވި ގޮތުގައި، މި އެއްބަސްވުމާ މެދު އޭނާގެ އަމިއްލަފުޅު ޚިޔާލުތަކެއް ހުރި ނަމަވެސް، ރައީސް މަސްއޫދު ޕެޒެޝްކިއާން އެދިވަޑައިގަތުމުން އެ އެއްބަސްވުމަށް ހުއްދަ ދެއްވީއެވެ. "މި އެއްބަސްވުމުގެ ސަބަބުން އީރާނުގެ ރައްޔިތުންނާއި ރެސިސްޓެންސް ފްރަންޓްގެ ހައްގުތައް ރައްކާތެރިކުރާނެ ކަމަށް ރައީސް ޕެޒެޝްކިއާން ވަނީ ޔަގީންކަން ދެއްވާފައި. އަދި މިކަމުގެ ފުރިހަމަ ޒިންމާ އެމަނިކުފާނު ވަނީ ނަންގަވާފައި،" ޚާމަނާއީ ވިދާޅުވިއެވެ.

އެމެރިކާއިން އިތުރު އެދުންތަކެއް ހާމަކޮށް، ޝަރުތުތައް އިތުރުކުރަން އުޅެފިނަމަ، އެކަމަށް އީރާނުން ދުލެއް ނުދޭނެ ކަމަށް ރައީސް ޕެޒެޝްކިއާން ޔަގީންކަން ދެއްވާފައިވާ ކަމަށް ޚާމަނާއީ ފާހަގަކުރެއްވިއެވެ.

ޚާމަނާއީގެ މެސެޖުގައި ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެމެރިކާއާއެކު ބާއްވާ ސީދާ މަޝްވަރާތަކަކީ އެމެރިކާގެ ޚިޔާލުތައް ގަބޫލުކުރުން ނޫން ކަމަށެވެ. "މިހާރު އަޅުގަނޑުމެން މިތިބީ އެއްބަސްވުމުގައިވާ ޝަރުތުތައް ފުރިހަމަވޭތޯ ބަލަން. ސީދާ މަޝްވަރާތަކުގައި ބައިވެރިވުމަކީ ދުޝްމަނުންގެ ޚިޔާލުތަކަށް އެއްބަސްވުމެއް ނޫން،" އޭނާ ތަކުރާރުކުރެއްވިއެވެ.

އާޔަތުﷲ މުޖުތަބާ ޚާމަނާއީގެ ބަޔާން:

އީރާނުގެ ހިތްވަރުގަދަ އަދި ވަފާތެރި ރައްޔިތުންނޭވެ!

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އީރާނުގެ ރައީސާއި އެމެރިކާގެ ރައީސާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކުރެވިފައެވެ. މި ހިސާބަށް ވާސިލުވުމުގެ މަގުމަތީގައި، ކަމާބެހޭ ވެރިން ވަނީ އެބޭފުޅުންގެ ހެޔޮ ނިޔަތާއި ހީވާގިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ؛ އަދި ހަމަ ޔަގީނުންވެސް، އެމެރިކާގެ ރައީސް އެ އުޅުއްވާ ނާއުންމީދީ އަދި ނުކުޅެދުންތެރިކަމުގެ ހާލަތުގެ ސަބަބުން، އެކި ބާވަތުގެ ފިއްތުންތައް ބޭނުންކުރެއްވީ އެމަނިކުފާނެވެ.

އަޅުގަނޑުގެ އަމިއްލަ ޚިޔާލު ހުރީ އެހެން ގޮތަކަށް ނަމަވެސް، ޤައުމީ ސަލާމަތާ ބެހޭ މަތީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ މަސްއޫދު ޕެޒެޝްކިއާން އަމިއްލަފުޅަށާއި އެ މަޖިލީހުގެ އެހެން މެމްބަރުންގެ ނަމުގައި އީރާނުގެ ރައްޔިތުންނާއި ރެސިސްޓެންސް ފްރަންޓުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ވެވަޑައިގެންނެވި ވަޢުދާއި، އެކަމުގެ ޒިންމާ އުފުއްލަވާނެކަމަށް ފާޅުގައި އިޢުލާންކުރެއްވުމުން، އަޅުގަނޑު ހުއްދަ ދިނީއެވެ. އަދި އެމެރިކާ ފަރާތުން އިތުރު ދަހިވެތިކަމެއް ދައްކައި، ޑިމާންޑުތައް އިތުރުކުރަން އުޅެފިނަމަ، އެކަމަށް އީރާނުން ދުލެއް ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ހިނދުން ފެށިގެން، ތިޔަ މަތިވެރި ރައްޔިތުންނާއި އަޅުގަނޑު ތިޔަ ރައްޔިތުންގެ ޚާދިމު މި ފަހުމުނާމާގައި، ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވޭތޯ އިންތިޒާރުގައި ތިބޭނަމެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ބާއްވާ ސީދާ މަޝްވަރާތަކަކީ އެއްވެސް ޙާލެއްގައި ދުޝްމަނުންގެ ޚިޔާލުތައް ގަބޫލުކުރުން ކަމުގައި ނުވާނެކަން ކަށަވަރެވެ.

އަޅުގަނޑުމެން އުންމީދު ކުރަނީ ﷲއާއި މައުލާ ސާހިބުއްޒަމާންގެ ދުޢާތަކާއި ބަރަކާތުން، އީރާނުގެ މަތިވެރި ރައްޔިތުންނަށް އެކި ބާވަތުގެ ނަސްރުތަކާއި ފަތަޙަތައް ލިބިގެން ދިއުމެވެ.

މަސްދަރު: "ތަސްނީމް"

ހިއްސާ ކުރައްވާ!