ލުބުނާނުގައި އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަކީ އީރާނުން އެންމެ އިސްކަމެއް ދިންކަން: ބަޤާއީ

އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާއަކީ މިހާރު ރަސްމީކޮށް ދެ ގައުމުގެ ވެރިންގެ ސޮޔާއެކު ތަންފީޒުކުރަން ފަށާފައިވާ އެއްބަސްވުމެއް ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއި ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ބަގާއި ވިދާޅުވީ، ލުބުނާނުގައި އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަކީ އީރާނުން އެންމެ އިސްކަމެއް ދިން ކަމެވެ. އަދި ލުބުނާނުގެ ބިމުގެ އެއްބައިވަންތަކަމާއި ސިޔާދަތަށް އިހުތިރާމު ކުރުމަށް އެއްބަސްވުމުގައި ބާރުއަޅާފައިވާ ކަމަށާއި، މި ހަމަލާތައް ދެމިއޮތުމަކީ އެމެރިކާއާ އެކު ވެވުނު އެއްބަސްވުމާ ޚިލާފުވުން ކަމަށް އޭނާ ސިފަކުރެއްވިއެވެ. އީރާނުން ދެކޭ ގޮތުގައި އެމެރިކާއާއި އިޒްރޭލަކީ އެއް ފިކުރެއްގެ ދެ ބައިވެރިންނެވެ.

އީރާނުގެ ތެޔޮ ބޭރުކުރުމަށް އަޅާފައިވާ ހުރަސްތައް ބުރާސްފަތި ދުވަހުން ފެށިގެން އުވާލަން ފަށާފައިވާކަން ފާހަގަކުރައްވައި ބަގާއި ވިދާޅުވީ، ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީ އެއްވެސް ހުރަހަކާ ނުލައި އީރާނަށް ލިބެންޖެހޭނެ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގައި ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކުރުމަށްޓަކައި ޚާއްސަ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނިއުކްލިއަރ މައްސަލައާ ގުޅޭގޮތުން ބަގާއި ވިދާޅުވީ، އީރާނުގެ މުއްަދިކޮށްފައިވާ މާއްދާތައް ގައުމުން ބޭރަށް ގެންދިއުމަކީ އީރާނުން ދެކޮޅު ހަދާ ކަމެއް ކަމަށެވެ. ނަމަވެސް، ނިއުކްލިއަރ މާއްދާތައް ފައްކާކުރާ މިންވަރު ކުޑަކުރުމާ ބެހޭގޮތުން މަޝްވަރާކުރެވިދާނެ ކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ. ހަމައެއާއެކު، އީރާނުގެ އަސްކަރީ ޤާބިލުކަން، ޚާއްސަކޮށް މިސައިލްތަކަކީ އެއްވެސް ހާލެއްގައި މަޝްވަރާ ކުރެވޭނެ މައުޟޫއެއް ނޫން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ހުރުމްޒް ކަނޑުއޮޅީގެ ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބަގާއި ވިދާޅުވީ، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ޚިދުމަތް ދިނުމުގެ ބަދަލުގައި ފީއެއް ނެގުމަށް އީރާނުން ނިންމާފައިވާ ކަމަށެވެ. އަދި މި އިންތިޒާމުތައް ހަމަޖައްސަމުން ދަނީ އީރާނާއި އޮމާނާ ގުޅިގެން ކަމަށާއި، މިކަމުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ، އީރާނުގެ ފުރިހަމަ ސިޔާދަތު ހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!