ޓްރަމްޕްގެ ވިސްނުންފުޅުގައި އީރާނާއެކު ވެވުނު އެއްބަސްވުމަކީ "ޝަރުތެއް ނެތި އީރާނުން އަމާންދިނުމެއް"

އެމެރިކާއާއި އީރާނާ ދެމެދު ވެވުނު ފަހުމުނާމާއަކީ އީރާނުން ޝަރުތެއް ނެތި އަމާންދިނުމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައިފިއެވެ. އަދި މި ހަނގުރާމައިގެ ތެރެއިން އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ ބާރުތައް ހުރި މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެކްސިއޯސް" އަށް ދެއްވި އިންޓަވިއުއެއްގައި، މިއީ ހަގީގަތުގައި ވެސް ޝަރުތެއް ނެތި އީރާނުން އަމާންދިނުންތޯ ނޫސްވެރިޔާ މާކް ކެޕޫޓޯ ތަކުރާރުކޮށް ސުވާލު ދެންނެވުމުން، ރައީސް ޓްރަމްޕް ވިދާޅުވީ "އަހަރެން ގަބޫލުކުރަނީ އެއީ ހަމަ އެފަދަ ކަމެއް ކަމަށެވެ."

މި އެއްބަސްވުމާ ގުޅިގެން ރައީސް ޓްރަމްޕްގެ އަމިއްލަ ޕާޓީ، ރިޕަބްލިކަން ޕާޓީގެ ތެރޭގައި ވެސް ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ސީއެންއެން އިން ރިޕޯޓުކުރާ ގޮތުގައި، އެއްބަސްވުމުގެ ތަފްސީލުތައް އެނގުމުން ބައެއް ސެނެޓަރުން ވަނީ ވަރަށް ބޮޑަށް ހައިރާންވެފައެވެ. އަދި އޭގެ 24 ގަޑިއިރުގެ ތެރޭގައި، ރިޕަބްލިކަން ގިނަ ސެނެޓަރުންތަކެއް ވަނީ މި އެއްބަސްވުމާމެދު ޝައްކު އުފައްދައި، ޓްރަމްޕްގެ ސްޓްރެޓެޖީ ބަދަލުކުރުމަށް ގޮވާލާފައެވެ.

މަގާމުން ވަކިވެވަޑައިގަންނަވާ ސެނެޓަރު ބިލް ކެސިޑީ ވިދާޅުވީ، "މި އެއްބަސްވުމުން އީރާނުގެ ބާރު ގަދަވެ، އެމެރިކާގެ ބާރު ދެރަވެފައިވާ" ކަމަށެވެ. އަދި ސެނެޓަރު ޖޯން ކޯނިން ވިދާޅުވީ، މި އެއްބަސްވުމާ ގުޅޭގޮތުން އަޑުއިވޭ ހުރިހާ ވާހަކަތަކަކީ ވެސް ކަންބޮޑުވާން ޖެހޭ ކަންކަން ކަމަށެވެ.

ރައީސް ޓްރަމްޕްގެ ބާރުތަކުގެ އިންތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، ރައީސްގެ ބާރުތަކަށް ވަކި އިންތަކެއް ހުރި ކަމަށް ނުދެކޭ ކަމަށެވެ.

"އަހަންނަކަށް ނޭނގެ ވަކި އިންތަކެއް ހުރި ކަމެއް، އަހަރެން ދެކޭ ގޮތުގައި އެއްވެސް އިންތަކެއް ނެތް. އަހަރުމެން މިވަނީ އަސްކަރީ ގޮތުން އެމީހުން މުޅިން ބަލިކޮށްފައި،" ޓްރަމްޕް ވިދާޅުވިއެވެ.

އީރާނާއި އެމެރިކާއާ ދެމެދު މިހާރު ފެށިފައިވާ 60 ދުވަހުގެ މަޝްވަރާތަކަކީ ޓްރަމްޕް ފެށި އަދި ނިންމަން ނޭނގިގެން އުޅޭ ހަނގުރާމަ ދާއިމީކޮށް ނިންމާލުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ.

ހިއްސާ ކުރައްވާ!