އެމެރިކާގެ ސަރުކާރުން ދާދި ފަހުން ސިއްރު ކެޓަގަރީގައި ހުރި "ޔޫއޭޕީ" ނުވަތަ ދެނެގަނެވިފައި ނުވާ އުދުހޭ އުޅަނދުތަކާ ގުޅޭ އެތައް ސަތޭކަ ލިޔުމެއް އާންމުކުރުމާއެކު، ބޭރު ދުނިޔޭގެ މަޚްލޫގުން އޭލިއަނުން ބިމަށް ޒިޔާރަތްކުރާ ކަމަށް ބުނާ ވާހަކަތައް އަނެއްކާވެސް ވަނީ ފެންމަތިވެފައެވެ. އެމެރިކާ، އޮސްޓްރޭލިއާ އަދި އެހެނިހެން ގައުމުތަކުގައި ކުރިއަށް ގެންދެވުނު ޚިޔާލު ހޯދުމުން ދައްކާ ގޮތުގައި، އާބާދީގެ ގާތްގަނޑަކަށް ތިން ބައިކުޅަ އެއްބައި މީހުން ބޭރު ދުނިޔޭގެ މަޚްލޫގުން ތިބި ކަމަށް ގަބޫލުކުރެއެވެ.
ނަމަވެސް، ސައިންސް އެލާޓް މަޖައްލާ ގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، އެ މަޚްލޫގުން ބިމަށް ޒިޔާރަތްކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. މީގެ މައިގަނޑު ތިން ސަބަބަކީ:
1. ފަޒާގެ ބޮޑުމިން
އަހަރެމެންގެ އިރުން އެންމެ ކައިރީގައި އޮންނަ "ޕްރޮކްސިމާ ސެންޓައުރީ" ތަރިއާ ހަމައަށް 40 ޓްރިލިއަން ކިލޯމީޓަރު (ގާތްގަނޑަކަށް 4.3 އަލި އަހަރު) ހުރެއެވެ. އިންސާނުންގެ މިހާރުގެ ޓެކްނޮލޮޖީން އެ ތަނަށް ދިއުމަށް 6،650 އަހަރު ނަގާނެއެވެ. އަދި އައިންސްޓައިންގެ "ޓައިމް ޑައިލޭޝަން" ނަޒަރިއްޔާއިން ދައްކާ ގޮތުގައި، އުޅަނދުގެ ދުވެލި ބާރުވާ ވަރަކަށް އެތެރޭގައި ތިބޭ މީހުންނަށް ވަގުތު ހިނގާ މިންވަރު މަޑުވާނެއެވެ. މީގެ މާނައަކީ ދިގު ދަތުރަކަށްފަހު އެ މަޚްލޫގުން އެނބުރި ދާއިރު، އެމީހުންގެ ގައުމުގެ މީހުންނަށް 100 ނުވަތަ އެއަށްވުރެ ގިނަ އަހަރު ފާއިތުވެފައި ހުންނާނެއެވެ.
2. ބޭނުންވާ ހަކަތައިގެ މިންވަރު
ތަރިތަކުގެ ދެމެދުގައި ދަތުރުކުރުމަށް ބާރުގަދަ ހަކަތަ ބޭނުން ވެއެވެ. އުޅަނދުގެ ދުވެލި ބާރުވާ ވަރަކަށް އޭގެ ބަރުދަން އިތުރުވެ، އެ ދުވެލި ދެމެހެއްޓުމަށް ބޭނުންވާ ހަކަތަ މިންނުކުރެވޭހާ މިންވަރަކަށް މަތިވެއެވެ. ފިޒިކްސްގެ ހަމަތަކުން ބަލާއިރު، މިހާރުގެ ޓެކްނޮލޮޖީގައި މި މިންވަރުގެ ހަކަތަ އުފެއްދުމަކީ މުސްތަހީލު ކަމެކެވެ.
3. ބިމުގެ ތަފާތު މާހައުލު
ބިމުގެ މާހައުލަކީ އެހެން ޕްލެނެޓްތަކާ އަޅާބަލާއިރު ވަރަށް ތަފާތު ތަނެކެވެ. އިންސާނުންނަށް އޮކްސިޖަންއަކީ ދިރިހުރުމަށް މުހިންމު އެއްޗެއް ނަމަވެސް، ބޭރު ދުނިޔޭގެ މަޚްލޫގުންނަށް އޮކްސިޖަން ވިހަ މާއްދާއަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތެއްގައި ބިމަށް އަންނަން އެ މަޚްލޫގުން ވެސް އިންސާނުން ފަދައިން ރައްކާތެރިކަމުގެ ޚާއްސަ ހެދުންތައް އަޅަން ޖެހޭނެއެވެ.
ކާއިނާތުގައި ހަގީގަތުގައި އޭލިއަނުން އެބަތިބިތަ؟
ސައިންސްވެރިންނަށް އަދި މިހާތަނަށް އެހެން ދުނިޔެއެއްގެ މަޚްލޫގުން ނުވަތަ އޭލިއަނުން ފެނިފައި ނުވި ނަމަވެސް، އަހަރެމެންގެ ކައުނުގައި އެތައް ބިލިއަން ތަރިތަކެއް އެބަހުއްޓެވެ. މިހާތަނަށް ގާތްގަނޑަކަށް 6،200 ޕްލެނެޓް ހޯދިފައިވާއިރު، އެތަނުން ބައެއް ތަންތަން ދިރިއުޅެން އެކަށީގެންވާ ތަންތަނަށް ވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، ބޭރު ދުނިޔޭގެ މަޚްލޫގުން ތިބުން އެކަށީގެންވި ނަމަވެސް، އެމީހުން ބިމަށް އައުމަކީ ފިޒިކްސްގެ ނަޒަރިއްޔާތުން ދަތި އުނދަގޫ ކަމެކެވެ.







