2025-26 ވަނަ މާލީ އަހަރު އިންޑިއާގެ އެކްސްޕޯޓް 863 ބިލިއަން ޑޮލަރަށް އަރައި، ތާރީޚީ ރެކޯޑެއް ހަދައިފިއެވެ. ދުނިޔޭގެ ބާޒާރުގައި ހުޅަނގު އޭޝިއާގެ ހަމަނުޖެހުންތަކާއި އެމެރިކާއިން އެޅި ޓެރިފްގެ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ނަމަވެސް، އިންޑިއާގެ އެކްސްޕޯޓް އީކޯސިސްޓަމް ވަނީ ނުގުޑާފަދަ ހިތްވަރެއް ދައްކުވައިދީފައިކަމަށް އިންޑިއާ ސަރުކރުގެ ތަފާސްހިސާބުން ދައްކައެވެ.
އަހްމަދުއާބާދުގައި ބޭއްވި ޚާއްޞަ ޕްރޮގްރާމެއްގައި އިއުލާން ކުރި ގޮތުގައި، ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އިންޑިއާގެ ޖުމްލަ އެކްސްޕޯޓް ވަނީ ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފައެވެ. 2014-15 ވަނަ އަހަރު 441 ބިލިއަން ޑޮލަރުގައި ހުރި މި ޢަދަދު މިހާރު 863 ބިލިއަން ޑޮލަރަށް މައްޗަށް ޖެހިފައެވެ. މީގެ ތެރޭގައި އިންޖިނިއަރިން އުފެއްދުންތަކާއި، ޕެޓްރޯލިއަމް އުފެއްދުންތަކާއި، އިލެކްޓްރޯނިކްސް އަދި ބޭސްވެރިކަމުގެ އުފެއްދުންތައް ހިމެނެއެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންތަކަކީ އިންޑިއާގެ އިންވެސްޓްމަންޓާއި، ވަޒީފާ އުފެއްދުމާއި، އިނޮވޭޝަންގެ މައިގަނޑު ހަކަތަކަމަށެވެ. ޚާއްޞަކޮށް ގުޖުރާތު ސްޓޭޓުން އެކަނިވެސް އިންޑިއާގެ ޖުމްލަ އެކްސްޕޯޓްގެ ބޮޑު ހިއްސާއެއް (ގާތްގަނޑަކަށް 110 ބިލިއަން ޑޮލަރު) ފޯރުކޮށްދެއެވެ.
އައު ވިޔަފާރިވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އައު ސިޔާސަތެއް ތަޢާރަފްކޮށްފައެވެ. މި ސިޔާސަތުގެ ދަށުން އެކުލަވާލި "ޗޫޒް ޔުއަރ އިންސެންޓިވް" ސްކީމަކީ ވިޔަފާރިތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދެއެވެ. މީގެ އިތުރުން، 10,000 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އިންވެސްޓްމަންޓްތަކަށް ޚާއްޞަކޮށްގެން 'އަލްޓްރާ-މެގާ' ކެޓަގަރީއެއް މިހާރު ވަނީ އުފައްދާފައެވެ.
އިންޑިއާގެ މި ކާމިޔާބީތަކުގެ ތެރޭގައި، ޓާޓާ ސެމިކޮންޑަކްޓަރ މެނިއުފެކްޗަރިން ފަދަ ބޮޑެތި ކުންފުނިތަކުން ޑޮލެރާގައި އައު ޒޯންތައް ޤާއިމުކުރުމަށް ނިންމާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. މިއީ ސެމިކޮންޑަކްޓަރ އުފެއްދުމާއި ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ދާއިރާގައި އިންޑިއާގެ ދައުރު ބޮޑުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.







