ބަންގްލަދޭޝްގެ ބޭންކިން ނިޒާމު ދެކުނު އޭޝިއާގެ އެންމެ ބަލިކަށި ނިޒާމަށް ބަދަލުވެއްޖެއެވެ. 2024 ވަނަ އަހަރުގެ އޯގަސްޓް މަހު ވެރިކަން ބަދަލުވުމާ އެކު ފަޅާއެރި ފޮރުވިފައި ހުރި ބޮޑެތި ދަރަނިތަކުގެ ސަބަބުން، ބޭންކުތަކުގެ ކެޕިޓަލް ބަފަރްތައް ހުސްވެ، ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ ސީއާރްއޭއާރް ވަނީ ނެގެޓިވް ޓެރިޓަރީއަކަށް ވެއްޓިފައެވެ.
ބަންގްލަދޭޝް ބޭންކުން އިއްޔެ އާންމުކުރި ފައިނޭންޝަލް ސްޓެބިލިޓީ ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރު ނިމުނުއިރު ބަންގްލަދޭޝްގެ ސީއާރްއޭއާރް ހުރީ މައިނަސް 2.64 ޕަސެންޓުގައެވެ. މިއީ ސަރަޙައްދީ އެހެން ޤައުމުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ފަރަގެކެވެ. އިންޑިއާގައި މި ރޭޝިއޯ 17.20 ޕަސެންޓުގައި ހުރިއިރު، ސްރީލަންކާގައި 19.40 ޕަސެންޓު އަދި ޕާކިސްތާނުގައި 20.80 ޕަސެންޓުގައި ހުއްޓެވެ. ބައިނަލްއަޤްވާމީ 'ބޭސަލް 3′ މިންގަނޑުތަކުން ބޭންކުތަކުން މަދުވެގެން 10 ޕަސެންޓުގެ ރޭޝިއޯއެއް ބެހެއްޓުމަށް ލާޒިމު ކުރާއިރު، ބަންގްލަދޭޝް މިހާރު އޮތީ އެ މިންގަނޑަށް ވުރެ މާ ދަށުގައެވެ.
ބޭންކިން ދާއިރާގެ އެތެރޭގެ ފަރާތްތަކުން ބުނާ ގޮތުގައި، މި ވެއްޓުމަކީ ކުރީގެ އަވާމީ ލީގުގެ ސަރުކާރުގައި ހިންގި މަކަރާއި ހީލަތުގެ ބޮޑެތި މުޢާމަލާތްތަކުގެ ނަތީޖާއެވެ. އެ ދުވަސްވަރު ލިބުނު ބޮޑެތި ގެއްލުންތައް ރަސްމީކޮށް ފޮރުވާފައި ބެހެއްޓުމުން، މިހާރު އެ ގެއްލުންތައް ފެންމަތިވެ ބޭންކުތަކުގެ ކެޕިޓަލް ބަފަރްތައް ވަނީ މުޅިން ހަލާކުވެފައެވެ.
މިއަހަރުގެ މާރިޗު މަހާ ހަމައަށް އައިއިރު، ބަންގްލަދޭޝްގެ ބޭންކިން ސިސްޓަމްގައި ނުދެއްކި ހުރި ދަރަނި ވަނީ 588,704 ކްރޯރް ޓާކާއަށް (ޖުމްލަ ލޯނުގެ 32.26 ޕަސެންޓު) އަރާފައެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި، މިހާރުގެ ފިނޭންސް މިނިސްޓަރު އާމިރު ޚުސްރޫ މަހްމޫދު ޗައުދުރީ ވަނީ ބަލިކަށި ބޭންކުތައް އަލުން ކެޕިޓަލައިޒް ކުރުމަށްޓަކައި 40،000 ކްރޯރް ޓާކާ ހޭދަކުރާނެ ކަމަށް ވިދާޅުވެފައެވެ. މީގެ ތެރެއިން 20،000 ކްރޯރް ޓާކާ ވަނީ ފަސް ބޭންކެއް އެއްކޮށްލައިގެން އުފެއްދި "ސައްމިލިތޯ އިސްލާމީ ބޭންކު" އަށް ޚާއްޞަ ކޮށްފައެވެ.
މިއުޗުއަލް ޓްރަސްޓް ބޭންކުގެ ސީއީއޯ ސައްޔިދު މަޙްބޫބުރް ރަހްމާން ވިދާޅުވީ، ޤައުމުގެ މާލީ ޙާލަތު އޮތް ގޮތުން ސަރުކާރަށް މި މައްސަލަ ހައްލުކުރުން ވަރަށް އުނދަގޫ ވާނެ ކަމަށެވެ. "އެތެރޭގެ ޚަރަދުތައް ހަމަޖައްސަން ސަރުކާރު އަތުގައި ފައިސާ ނެތުމަކީ ބޮޑު ގޮންޖެހުމެއް. ގްރީސް ފަދަ ޤައުމުތަކުން މިފަދަ ކާރިސާތަކުން އަރައިގަތީ ބޭރުގެ އެހީތެރިކަމާ އެކު، ނަމަވެސް ބަންގްލަދޭޝްގެ ފިސްކަލް ޤާބިލުކަން އެ ހާލަތުގައި ނެތް،" އޭނާ ފާހަގަކުރެއްވިއެވެ.
މާހިރުން އިންޒާރު ދެއްވާ ގޮތުގައި، މި ބަލިކަށިކަން އިތުރަށް ގޯސްވެގެން ދާނީ، ބޭންކުތަކުން މިހާރު ގެންގުޅޭ 'ރެގިއުލޭޓަރީ ޑިފަރަލް' ގެ ގެއްލުންތައް ފޮރުވުމަށް ދީފައިވާ ލުއިތަކުގެ މުއްދަތު ހަމަވުމުންނެވެ. ބޭންކިން ނިޒާމު ސަލާމަތް ކުރުމަށްޓަކައި މުޅި ސިސްޓަމް އަލުން ފަރުމާކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އިޤްތިޞާދީ މާހިރު މުސްތަފާ ކޭ މުޖީރީ ވިދާޅުވިއެވެ.



