ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކަމަށްވާ ޗައިނާގެ އިޤްތިޞާދު އަލުން އާރާސްތުކުރުމަށް ބެއިޖިން އިން ކުރަމުންދާ މަސައްކަތްތަކަށް، އެ ޤައުމުގެ ރައްޔިތުންގެ ދަރަނި ބޮޑުވުމުގެ ސަބަބުން ބޮޑު ހުރަހެއް އެޅިއްޖެއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 100 މިލިއަނަށް ވުރެ ގިނަ ޗައިނާ ރައްޔިތުން ތިބީ އަމިއްލަ ދަރަނިތައް އަދާނުކުރެވިގެން ހާސްކަމުގެ ތެރޭގައެވެ.
އާންމުކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުން، 2025 ވަނަ އަހަރު ނިމުނުއިރު ޗައިނާގެ 1.1 ބިލިއަން ބޮޑެތި މީހުންގެ އާބާދީގެ 10.6% އިންސައްތަ މީހުން ތިބީ ދަރަނި ދެއްކުން ލަސްވެފައެވެ. މިދިޔަ އަހަރު އެކަނިވެސް ގެވެހި ދަރަނިތައް 21% އިތުރުވެ، 2.22 ޓްރިލިއަން ޔުއާން (329 ބިލިއަން ޑޮލަރު) އަށް ވަނީ އަރާފައެވެ.
ޗައިނާގެ ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އެންޓް ގްރޫޕް، ބައިޓްޑާންސް އަދި މެއިޓުއަން ފަދަ ޕްލެޓްފޯމްތަކުން، ފަސޭހައިން ލޯނު ލިބޭނެ މަގުތައް ފަހިކޮށްދިނުމުގެ ސަބަބުން، ހާއްސަކޮށް ޒުވާނުން ވަނީ ދަރަނީގެ ދަލުގައި ޖެހިފައެވެ. "އިންސްޓަންޓް ޑިސްބާސްމަންޓް" ނުވަތަ ވަގުތުން ފައިސާ ލިބޭނެ ކަމަށް ބުނެ ކުރާ އިޝްތިހާރުތަކުގެ ސަބަބުން، ޒުވާނުން ދަރަނި ނަގަނީ ފަހުން އެ ދަރަނި ދެއްކޭނެތޯ ނުވިސްނިއެވެ.
މިކަމުގެ ޝިކާރައަކަށްވި 23 އަހަރުގެ ޒުވާން އަންހެނަކު ބުނި ގޮތުގައި، އޭނާ ފުރަތަމަ ލޯނު ނެގީ ރީތިވުމަށް ކުރާ އޮޕަރޭޝަނަކަށެވެ. ނަމަވެސް، ލޯނު ދައްކަން އައު ލޯނުތައް ނަގަން ޖެހުމުގެ ސަބަބުން، މިހާރު އޭނާގެ ބޮލުގައި 100،000 ޔުއާންގެ ދަރަނި އެބައޮތެވެ.
މި މައްސަލަ ހައްލުކުރުމަށް ޗައިނާގެ މަރުކަޒީ ބޭންކުން ވަނީ ބައެއް ފިޔަވަޅުތައް އަޅަން ފަށާފައެވެ. އޭގެ ތެރޭގައި 10،000 ޔުއާންއަށް ވުރެ ދަށް ދަރަނި ހުރި މީހުންނަށް އެމީހުންގެ ކްރެޑިޓް ސްކޯ ރަނގަޅުކުރުމުގެ ފުރުސަތު ދިނުމާއި، އޮންލައިން ލޯނުތަކުގެ އިންޓަރެސްޓް ރޭޓް 20% އަށް ވުރެ މަތި ނުކުރުމަށް އެންގުން ހިމެނެއެވެ.
ނަމަވެސް، ޗައިނާގެ ބޭންކިން ސިސްޓަމްގައި މިހާރުވެސް ދަރަނީގެ މައްސަލަ އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ޗައިނާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ އައިސީބީސީގައި ހުރި ކްރެޑިޓް ކާޑު ދަރަނިތަކުގެ ތެރެއިން 4.61% ދަރަނި އަދިވެސް ވަނީ ދެއްކޭނެ ގޮތެއް ނުވެފައެވެ.
މިކަމާ ގުޅޭގޮތުން އިޤްތިޞާދީ މާހިރުން ބުނަނީ، ޗައިނާގެ އިޤްތިޞާދީ ހާލަތު އޮތް ގޮތުން މީހުންގެ އާމްދަނީ ދަށްވެ، ދަރަނި އަދާކުރެވޭނެ ތަނަވަސްކަން ހުރި މީހުން ދަރަނި ނަގަން ބޭނުން ނުވާ ކަމަށެވެ. އޭގެ ބަދަލުގައި، އެންމެ ނާޒުކު ހާލަތުގައި ތިބި މީހުން ދަރަނި ނަގައި، އެ ދަރަނީގެ ދަލުގައި އެމީހުންގެ މުޅި އާއިލާ ބަނދެވިގެން ދިއުމަކީ މުޅި ޤައުމަށް ކުރިމަތިވެފައިވާ ބޮޑު ކާރިސާއެއް ކަމަށެވެ.





