ލުބުނާނުގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން ނިންމައިފިއެވެ. އެމެރިކާގައި ހުންނަ އިސްރާއީލުގެ ސަފީރު ޔަހީއެލް ލައިޓަރު ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ހިޒްބުﷲ ޖަމާއަތުން ހަމަލާތައް ހުއްޓާލައިފި ނަމަ، އިސްރާއީލުން ވެސް އެކަމަށް ފުރިހަމައަށް އިޖާބަދީ، ސުލްހަވެރިކަން ޤާއިމުކުރާނެ ކަމަށެވެ.
މިއީ ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އިސްރާއީލުގެ ރަސްމީ ފަރާތަކުން އާންމުކޮށް މިފަދަ އިއުލާނެއް ކުރި ފުރަތަމަ ފަހަރެވެ.
ސަފީރުގެ މި ބަޔާނާ ގުޅިގެން ހިޒްބުﷲއިން "އަލްޢަރަބި" ޓީވީ މެދުވެރިކޮށް ބުނެފައި ވަނީ، އިސްރާއީލުން ހަނގުރާމަ ހުއްޓާލުމަށް ތެދުވެރިކަމާއެކު އަމަލުކުރާ ނަމަ، އެ ޖަމާއަތުން ވެސް އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރާނެ ކަމަށެވެ. މީގެ ކުރިން ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، މެދުވެރިން ވަނީ އިސްރާއީލާއި ހިޒްބުﷲ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްކުރުވުމުގައި ކާމިޔާބީތަކެއް ހޯދާފައެވެ.
މި މަޝްވަރާތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، އަންނަ ހަފުތާގައި ވޮޝިންގްޓަންގައި ބާއްވަން ހަމަޖެހިފައިވާ މަޝްވަރާތަކުގައި އިސްރާއީލާއި ލުބުނާނުގެ އިސް ވަފުދުތަކުން ބައިވެރިވާނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާގެ ބެލުމުގެ ދަށުން ބާއްވާ މި ބައްދަލުވުންތަކުގައި، ދެ ޤައުމުގެ ދެމެދުގައި ދާއިމީ ހަމަޖެހުމެއް ޤާއިމުކުރުމަށްޓަކައި މުހިންމު މަޝްވަރާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.
ސަފީރު ލައިޓަރު ވެސް މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ ހަމަޖެހިފައެވެ.






