އިސްރާއީލުން އެމެރިކާ-އީރާން އެއްބަސްވުން ނާކާމިޔާބު ކުރަން އުޅޭކަމުގެ އިންޒާރު އެމެރިކާގެ ޖާސޫސީ އިދާރާތަކުން ދީފި

އެމެރިކާއާއި އީރާނާ ދެމެދު މި ހަފުތާގައި ސޮއިކުރެވުނު ފަހުމުނާމާ ނާކާމިޔާބު ކުރުމަށްޓަކައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މާޔޫސްވެގެން  ދެކޮޅުވެރި ފިޔަވަޅުތަކެއް އަޅައިފާނެ ކަމުގެ އިންޒާރު އެމެރިކާގެ ޖާސޫސީ އިދާރާތަކުން ދީފިއެވެ.

އެމެރިކާގެ ޖާސޫސީ ރިޕޯޓުތަކުން ދައްކާ ގޮތުގައި، އިސްރާއީލުގެ އެތެރޭގެ ސިޔާސީ ޕްރެޝަރުތަކުން ސަލާމަތްވުމަށްޓަކައި ނަތަންޔާހޫ ބޭނުންވަނީ ލުބުނާނުގައި ހިޒްބުﷲ އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަކުރާށެވެ. މި ހަނގުރާމަ ހުއްޓާލުމަކީ ނަތަންޔާހޫގެ ވެރިކަމަށް ލިބޭނެ ބޮޑު ނާކާމިޔާބީއެއް ކަމަށް އޭނާ ދެކެއެވެ. "އެމެރިކާ-އީރާން އެއްބަސްވުމަކީ ލުބުނާނުގައި އިސްރާއީލުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް އެޅޭ ހުރަހެއް ކަމަށް ނަތަންޔާހޫ ދެކެވައެވެ،" ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކުރެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ގެންދަވަނީ ނަތަންޔާހޫގެ އަމަލުތަކަށް ފާޑުވިދާޅުވަމުންނެވެ. ލުބުނާނުގެ ހަނގުރާމައާ ގުޅޭގޮތުން ޓްރަމްޕް ވަނީ ނަތަންޔާހޫއާ ޚިޔާލު ތަފާތުކަން ހާމަކުރައްވައި، ހިޒްބުﷲއާ ދެކޮޅަށް ހިންގާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

އިސްރާއީލުގެ ސަރުކާރުގެ ބައެއް ވަޒީރުން ޚާއްޞަކޮށް އިތަމާރް ބެން-ގްވީރު ލުބުނާނާ ދެކޮޅަށް ހަރުކަށި ބަސްތައް ބޭނުންކުރަމުން ދާއިރު، އެމެރިކާގެ އޮފިޝަލުން އަންނަނީ މިއީ "ކާރިސާއަކަށް މަގުފަހިވާނެ" ކަމެއް ކަމަށް އިންޒާރު ދެމުންނެވެ. އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ލުބުނާނުން ސިފައިން ނުބާލައިފި ނަމަ، ހިޒްބުﷲ އާއެކު އަލުން ހަނގުރާމަ ފެށުން ވަނީ "ޔަޤީން" ވެފައެވެ.

ޓްރަމްޕްގެ އިދާރާއިން ފާހަގަކުރާ ގޮތުގައި، އިސްރާއީލުގެ ކަންބޮޑުވުންތަކަށް ވުރެ މިވަގުތު މުހިންމީ އީރާނާ އެކު ވެވުނު އެއްބަސްވުން ފައިނަލް ކުރުމާއި، ހުރުމަޒް ކަނޑުއޮޅި ހުޅުވާލުމެވެ. މީގެ މަޤްޞަދަކީ މުޅި ދުނިޔެ އިޤްތިޞާދީ ކާރިސާއަކަށް ވެއްޓުނަ ނުދިނުމެވެ.

ނަތަންޔާހޫގެ ކޯލިޝަނުގައި ތިބި ހަރުކަށި ފަރާތްތަކުން އެމެރިކާގެ މި އެއްބަސްވުމާ ދެކޮޅަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެމެރިކާގެ ޖާސޫސީ ރިޕޯޓުތަކުން ބުނާ ގޮތުގައި، ނަތަންޔާހޫގެ ސިޔާސީ ދިފާޢު ބަރޯސާވެފައިވަނީ ހަނގުރާމަ ކުރިއަށް ގެންދިއުމުގެ މައްޗަށެވެ. މިއީ އެމެރިކާ އާއި އިސްރާއީލާ ދެމެދު އޮތް ގުޅުމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމެކެވެ.

ހިއްސާ ކުރައްވާ!