އީރާން މައްސަލަ ހައްލުކުރުމުގައި އުޅުއްވީ އަބޫދާބީގެ ބިލިއަން ޑޮލަރުގެ ވެރިޔާ: ބްލޫމްބާގް

ޝައިޚް ތަހުނޫން ބިން ޒާއިދު އާލަނަހްޔާން މަޝްހޫރުވެފައިވަނީ އަބޫދާބީގެ ވެރިކަންކުރާ އާއިލާގެ 1.5 ޓްރިލިއަން ޑޮލަރުގެ މުދަލާއި ވިޔަފާރިތައް ހިންގަވާ އިސް ފަރާތުގެ ގޮތުގައެވެ. ނަމަވެސް، ފަރުދާގެ ފުރަގަހުގައި އޭނާ އަދާކުރައްވަނީ އެހެން ދައުރެކެވެ؛ އެއީ އީރާނާއެކު ގުޅުންތައް އަލުން ބިނާކުރުމަށް އެހީތެރިވެދެއްވާ ޚާރިޖީ މަންދޫބުގެ ދައުރެވެ.

ސަރަހައްދީ ހަނގުރާމަ ފެށުނުތާ ތިން މަސް ދުވަހުގެ ތެރޭގައި، އަބޫދާބީން ވަނީ ކުރިން ގެންގުޅުނު ހަރުކަށި ސިޔާސަތު ދޫކޮށް، އަވަށްޓެރި ބޮޑު ގައުމު އީރާނާއެކު މުއާމަލާތުކުރުމުގެ ބުއްދިވެރި މަގެއް އިޚްތިޔާރުކޮށްފައެވެ. ޔޫއޭއީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޝައިޚް ތަހުނޫން، މިކަމުގައި މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ކަމަށް، މިކަމުގެ މައުލޫމާތު އެނގޭ އަދި ކަމުގެ ހައްސާސްކަމަށްޓަކައި ނަން ހާމަކުރަން ބޭނުންނުވާ ފަރާތްތަކުން މައުލޫމާތު ދެއެވެ.

އަބޫދާބީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ޒާއިދުގެ ކޮއްކޯ ޝައިޚް ތަހުނޫން، އީރާނުގެ ލީޑަރުންނާ ސީދާ ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި، ހަމަ އެއާއެކު ހުޅަނގުގެ ގައުމުތަކާއި ސަރަހައްދީ ބައިވެރިންނާ އޮތް ގުޅުންވެސް ދަމަހައްޓަވަމުން ގެންދަވާ ކަމަށް ދެ ފަރާތަކުން މައުލޫމާތު ދީފައިވެއެވެ.

ޔޫއޭއީގެ އޮފިޝަލަކު ވިދާޅުވީ، "ޔޫއޭއީގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ މުޅި ސަރަހައްދުގައި ނުތަނަވަސްކަން ކުޑަކޮށް، ދާއިމީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމުގެ މައްޗަށެވެ." އަދި، "ސަރަހައްދުގެ ރައްޔިތުން ހަނގުރާމައިގެ ނޭދެވޭ އަސަރުތަކުން ސަލާމަތް ކުރުމަށް އެމެރިކާ ފަދަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ޔޫއޭއީން ތާއީދު ކުރާ" ކަމަށް  ވިދާޅުވެއެވެ.

ޝައިޚް ތަހުނޫން ތެހެރާނަށް ކުރެއްވި ދަތުރު

2021 ވަނަ އަހަރު، ޝައިޚް ތަހުނޫން ވެވަޑައިގަތީ އެތައް އަހަރަށް ވުރެން ގިނަ ދުވަހުގެ ތެރޭގައި ތެހެރާނަށް ވަޑައިގެންނެވި ޔޫއޭއީގެ އެންމެ މަތީ ފަންތީގެ އޮފިޝަލަށެވެ. އެ ދަތުރުފުޅަކީ ތުރުކީއާއި ގަތަރާއެކު ސަރަހައްދީ ގުޅުންތައް ރަނގަޅު ކުރުމަށް ޔޫއޭއީން ކުރި ފުޅާ މަސައްކަތުގެ ބައެކެވެ.

ފަސް އަހަރު ފަހުން، ތަހުނޫނު އަނެއްކާވެސް އެ ދައުރަށް އެނބުރި ވަޑައިގެންނެވިއިރު، އޭނާ ހުންނެވީ ބޮޑު ބަދަލެއްގެ މެދުގައެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު ހަނގުރާމަ ފެށުނު ފަހުން، އެހެން އެއްވެސް ގައުމަކަށްވުރެ ބޮޑަށް އީރާނުގެ ހަމަލާތައް ޔޫއޭއީއަށް އަމާޒުވިއެވެ. މިއާއެކު ޝައިޚް މުހައްމަދު ބިން ޒާއިދު ވަނީ "ގައުމުގެ ދުޝްމަނުންނަށް" އިންޒާރު ދެއްވާފައެވެ.

އީރާނުން ދިން ހަމަލާތަކަށްފަހު، އަބޫދާބީން ވަނީ އީރާނަށް ރައްދު ހަމަލާތަކެއް ދީފައެވެ. އީރާނުގެ މިސައިލްތަކާއި ޑްރޯންތައް ގިނައިން ވައްޓާލި ނަމަވެސް، ޔޫއޭއީގައި 12 މީހަކު މަރުވެ، ބަނދަރުތަކާއި ތެޔޮ ނަގާ ތަންތަނާއި ހޮޓާތަކަށް ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.

މައުލޫމާތު އެނގޭ ފަރާތަކުން ބުނާ ގޮތުގައި، އީރާނުން ހަމަލާތައް ހުއްޓާލަންދެން މަޝްވަރާ ފަށަން ޔޫއޭއީން ދެކޮޅު ހެދިއެވެ. ހަމަލާތައް ހުއްޓުމުން، ދެ ފަރާތުގެ ސަލާމަތީ އޮފިޝަލުން ބައްދަލުކުރިއެވެ. އީރާނަކީ 90 މިލިއަން މީހުންގެ އާބާދީއެއް އޮތް، އަދި ދުނިޔޭގެ އެންމެ ބޮޑު އެއް މަޝްކަރު އޮތް ގައުމަކަށްވާތީ، އެ ގައުމާއެކު އަމަލީ ގޮތުން މަސައްކަތް ކުރުން ނޫން ގޮތެއް ނެތް ކަމަށް މައުލޫމާތު އެނގޭ އެހެން ފަރާތަކުން ބުންޏެވެ. ނަމަވެސް، އީރާނުން ދިން ހަމަލާތަކުގެ ސަބަބުން ގުޅުންތައް ކުރީގެ ހާލަތަށް ރުޖޫއަވާން އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

އީރާނަށް އިތުބާރު ކުރުން

ޕެރިހުގައި ހުންނަ "ޕޮލިސްފިއާ" ކުންފުނީގެ ވެރިޔާ އަދި "އަރަބް ގަލްފް ސްޓޭޓްސް އިންސްޓިޓިއުޓް" ގެ ފެލޯއެއް ކަމަށްވާ ރޮބާޓް މޮގިއެލްނިކީ ވިދާޅުވީ، "އީރާނަށް އިތުބާރު ނުކުރެވޭނެކަން އެމީހުންނަށް އެނގޭ" ކަމަށާއި، "ނަމަވެސް އީރާނާ ނުގުޅި ތިބުމުން ބޮޑެތި އަގުތަކެއް ދައްކަން ޖެހިދާނެ ކަމުގެ އިހުސާސް އެބައޮތް" ކަމަށެވެ.

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ މަޝްވަރާތަކުގެ ސަބަބުންވެސް، އީރާނާ ދުރުހެލިވުމަކީ ގެއްލުން ހުރި ކަމެއް ކަމަށް އަރަބި ގައުމުތަކަށް ފެނެއެވެ. 1979 ވަނަ އަހަރުން ފެށިގެން އީރާނުގައި އޮތް ދީނީ ވެރިކަމާ މެދު ގަލްފުގެ ގައުމުތައް ކަންބޮޑުވި ނަމަވެސް، ޔޫއޭއީއާއި ސައުދީ އަރަބިއްޔާއިން ދަނީ ގުޅުންތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

އަބޫދާބީގެ މި ވިސްނުމަކީ ހަމައެކަނި ޚާރިޖީ ކަމެއް ނޫނެވެ. މިއީ އިގްތިސާދީ ތަރައްގީ ޖިއޮޕޮލިޓިކަލް ގޮންޖެހުންތަކުން ރައްކާތެރިކުރުމުގެ ބޭނުމުގައި ކުރާ ކަމެކެވެ. ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި ޔޫއޭއީން ވަނީ ތެލަށް ބަރޯސާވުން ކުޑަކޮށް، މާލީ، އޭއައި އަދި އިންވެސްޓްމަންޓުގެ މައި މަރުކަޒަކަށް ވެފައެވެ.

ސޮވަރިން ވެލްތު ފަންޑުތައް

ޝައިޚް ތަހުނޫން މިކަމުގައި އަދާކުރައްވަނީ ވަރަށް މުހިންމު ދައުރެކެވެ. ސޮވަރިން ވެލްތު ފަންޑުތަކާއި އިންވެސްޓްމަންޓު ކުންފުނިތަކުގެ ވިއުގައެއް މެދުވެރިކޮށް، އަބޫދާބީގެ މާލީ ކަންކަން އޭނާ ބަލަހައްޓަވައެވެ.

އެޑިންބަރާ ޔުނިވަރސިޓީގެ ރިސާޗަރު މީރާ އަލްހުސައިން ވިދާޅުވި ގޮތުގައި، "ޝައިޚް ތަހުނޫނަކީ ޔޫއޭއީގެ ނިންމުންތައް ނިންމާ ދާއިރާތަކުގައި ހުންނެވި އެންމެ ހުޝިޔާރު އަދި ހަގީގަތް ގަބޫލުކުރައްވާ ބޭފުޅާ" އެވެ. އަދި ގަތަރުގެ ހިސާރުގެ ފަހުން އެ ގައުމާއެކު ގުޅުން ރަނގަޅު ކުރުމުގައި އޭނާ އަދާކުރެއްވި ދައުރުން އެކަން ސާބިތުވާ ކަމަށް ވިދާޅުވިއެވެ.

ފަރުދާގެ ފުރަގަހުގައި ކުރާ މަސައްކަތް

ހަނގުރާމައިގެ ތެރޭގައި ޝައިޚް ތަހުނޫން ކުރެއްވި ޚާރިޖީ މަސައްކަތްތައް ހުރީ ފަރުދާގެ ފުރަގަހުގައެވެ. ނަމަވެސް، ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އާލަސާނީ، ޔޫއޭއީގެ ޝާހީ އާއިލާގެ ބޭފުޅަކާ މަޝްވަރާ ކުރެއްވި ކަމުގެ ޚަބަރުތަކުން އެކަމުގެ ނިޝާންތައް ފެނުނެވެ. ގިނަ ދުވަސްތަކެއްގެ މަޝްވަރާތަކަށްފަހު، އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އައުމުގައި ގަތަރު ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މި މަޝްވަރާތަކުގެ މައުލޫމާތު ގަތަރުގެ ބޮޑުވަޒީރު ޝައިޚް ތަހުނޫނަށާއި، ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް އަބްދުﷲ ބިން ޒާއިދަށް ގަވާއިދުން ދެއްވަމުން ގެންދެވި ކަމަށް މައުލޫމާތު ލިބެއެވެ.

އިގްތިސާދީ ގޮތުން ދުބާއީއާއި ޝާރުޖާގެ އޮފިޝަލުން ވެސް މި ގުޅުންތައް ރަނގަޅު ކުރުމަށް ބާރުއަޅުއްވައެވެ. ހާއްސަކޮށް ދުބާއީއަކީ ބޭރުގެ ވިޔަފާރިތަކަށް ހިތްފަސޭހަ ތަނަކަށް ހަދާފައިވާތީ، އެތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެމީހުންގެ މުހިންމު އަމާޒެކެވެ.

ހަނގުރާމައިގެ ސަބަބުން ޔޫއޭއީގެ އިގްތިސާދަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، ޝައިޚް ތަހުނޫން ފަދަ ބޭފުޅުންގެ މަސައްކަތުން ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކޮށް، ޖިއޮޕޮލިޓިކަލް ނުރައްކާތައް ކުޑަކުރުމަށް މަސައްކަތްކުރަމުން ދެއެވެ.

މީރާ އަލްހުސައިން އިތުރަށް ވިދާޅުވީ، "ޝައިޚް ތަހުނޫނަކީ ތަޖުރިބާކާރު އަދި މަޑުމައިތިރި ޑިޕްލޮމޭޓެއް" ކަމަށާއި، "ސައުދީއާއި އީރާން ފަދަ ތަފާތު ފަރާތްތަކާ ގުޅުން ބޭއްވުމުގެ ގާބިލުކަމަކީ އޭނާގެ ޚާރިޖީ ހުޝިޔާރުކަން ދައްކުވައިދޭ ކަމެއް" ކަމަށެވެ. ބްލޫމްބާގްގެ ރިޕޯޓަކުން.

ހިއްސާ ކުރައްވާ!