ފަލަސްތީނުގެ ޅެންވެރިޔާ އާލާ އަލްގަތްރަވީއަށް ފްރާންސުން ވިސާ ދޭން ދެކޮޅު ހަދައިފި

ޣައްޒާގައި ހިނގަމުންދާ ޒަޔަނިސްޓް ރެޖީމުގެ ގަތުލުއާންމުގެ ތެރޭގައި 2023 ވަނަ އަހަރު އިޒްރޭލުން ދިން ހަމަލާއެއްގައި އޭނާގެ ހަތަރު ދަރިން ޝަހީދުވި ފަލަސްތީނުގެ މަޝްހޫރު ޅެންވެރިޔާ ޑރ. އާލާ އަލްގަތްރަވީއަށް ފްރާންސުން ވިސާ ދޭން ދެކޮޅު ހެދުމުން، އެ މައްސަލަ ފްރާންސްގެ އާންމުންގެ މެދުގައި ބޮޑު މައްސަލައަކަށް ވެއްޖެއެވެ.

ފްރާންސްގެ "ކޮލެޖް ޑި ފްރާންސް" އިން ބޭރުގެ އާޓިސްޓުންނާއި ދިރާސާކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ދޭ "ޕޯޒް" ސްކޮލާޝިޕް އާލާ އަލްގަތްރަވީއަށް ލިބިފައިވީ ނަމަވެސް، ފްރާންސްގެ ސަރުކާރުން އޭނާއަށް ވިސާ ދިނުން ފަސްކުރާތާ މިހާރު ހަ މަސް ދުވަސް ވަނީ ވެފައެވެ. މިކަމާ ގުޅިގެން ފްރާންސްގެ ނޫސްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އާލާ އަލްގަތްރަވީއަށް ވިސާ ދިނުމަށް ގޮވާލައި 21 މަޝްހޫރު ފަރާތަކުން ސަރުކާރަށް ވަނީ ސިޓީ ފޮނުވާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި ނަތާލީ ޕޯޓްމަން އާއި ފަލްސަފާވެރިއެއް ކަމަށްވާ އެލިޒަބަތު ބަޑިންޓާ ހިމެނެއެވެ. މީގެ އިތުރުން، މަޝްހޫރު ޅެންވެރިޔާ އަދޫނީސް ވެސް ވަނީ އާލާއަށް ވިސާ ދިނުމަށް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގެންފައެވެ.

ފްރާންސްގެ "ލާ ޓްރިބިއުން" ނޫހުން ސުވާލު އުފައްދާފައިވަނީ، އެހެން ގައުމުތަކުން ޣައްޒާގެ ރައްޔިތުންނަށް ހިމާޔަތް ދެމުންދާއިރު، ފްރާންސުން މި ފަދަ ޅެންވެރިއަކަށް ހިމާޔަތް ނުދޭންވީ ކީއްވެގެންތޯއެވެ. އާލާއަކީ އަރަބި ދުނިޔޭގައި ޅެންވެރިކަމުން ގިނަ އެވޯޑުތަކެއް ހޯދާފައިވާ، ފަލަސްތީނުގެ ފަޚުރުވެރި ޒުވާން އަންހެނެކެވެ.

އޭނާގެ ހަތަރު ދަރިންގެ ޖަނާޒާގެ ކަންކަން ވެސް ޣައްޒާގެ ހާލަތުގެ ސަބަބުން ކުރިއަށް ގެންދެވުނީ ވަރަށް ދަތި ހާލެއްގައެވެ. މިހާރު ވެސް އާލާ ހުންނެވީ ޣައްޒާގައި ތާށިވެފައެވެ. ފްރާންސްގެ ސަރުކާރުގެ މި ފިޔަވަޅަކީ އެ ގައުމުގެ ހަރުކަށި ފިކުރުގެ ޕާޓީތަކަށް ބިރުގަނެގެން ނިންމި ނިންމުމެއް ކަމަށް ފްރާންސްގެ މީޑިއާ ދަނީ ތުހުމަތުކުރަމުންނެވެ.

ޔަހޫދީ ރެޖީމުން މި ހަތަރު ކުދިންވެސް ޝަހީދުކޮށްލި
ހިއްސާ ކުރައްވާ!