އަޔޯދިޔާގެ މުގައްދަސް ބިމުގައި ހިޔާނާތުގެ ބޮޑު ޖަރީމާއެއް: ރާމް މަންދިރުގެ ޚައިރާތު ފޮށިތަކުން މިލިއަނުން ފައިސާ ވަގަށް ނެގި މައްސަލަ ފެންމަތިވެއްޖެ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ފިކުރުގެ ސިޔާސަތުގެ އެންމެ ވަރުގަދަ ރަމްޒު ކަމަށްވާ އަޔޯދިޔާގެ ރާމް މަންދިރުގައި ބަހައްޓާފައި ހުރި ޚައިރާތު ފޮށިތަކުން ބިލިއަނުން ފައިސާ ވަގަށް ނެގިކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، މުޅި އިންޑިއާ ސިއްސުވާލައިފިއެވެ.
ޒަމާންވީ ބާބްރީ މިސްކިތް ތަޅާލުމަށްފަހު ބިނާކުރި މި ފައްޅިއަކީ މޯދީގެ ވެރިކަމުގެ ޝާނާއި ޝައުކަތު ދައްކުވައިދޭ މައި މަރުކަޒެވެ. ނަމަވެސް، މިހާރު މިތަން ވެފައިވަނީ 20 މިލިއަން ޑޮލަރަށްވުރެ ބޮޑު ހިޔާނާތެއް ހިންގި ކަމަށް ބުނާ ބޮޑު ޖަރީމާއެއްގެ ކުޅިގަނޑަކަށް ވެ ގައުމީ ފެންވަރުގައި ތަހުގީގަށް ހުށަހެޅިފައެވެ.
އިންޑިއާ ސަރުކާރުގެ ޚާއްސަ ތަހުގީގު ޓީމު (އެސްއައިޓީ) އިން މި މައްސަލަ ބަލަން ފަށާފައި ވެއެވެ. މިހާތަނަށް ތަހުގީގަށް ލިބުނު ހޯދުންތަކުން މުޅި ގައުމު ވަނީ ސިހިފައެވެ.
ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފާއިތުވި އެގާރަ މަސް ދުވަހުގެ ތެރޭގައި 1.2 މިލިއަން އެމެރިކާ ޑޮލަރު ފައްޅިން ޚަރަދުކޮށްފައި ވެއެވެ. ، ފައްޅީގެ ސީސީޓީވީ ފުޓޭޖްތައް ބަދަލުކޮށްފައިވާކަމުގެ ހެކިތައް ވަނީ ފެނިފައެވެ. މިއީ ފާދިރީންނާއި އެމީހުންނާ ގުޅިފައިވާ ބަޔަކު މި ބޮޑު ވައްކަމުގައި ބައިވެރިވެފައިވާކަން އަންގައިދޭ ސާފު ނިޝާނެކެވެ.
އުއްތަރު ޕްރަދޭޝްގެ ހައްދުފަނައަޅާފައިވާ މުސްލިމުންނާ ދެކޮޅުވެރި ޗީފް މިނިސްޓަރު ޔޯގީ އަދިތިއަނާތު އަމިއްލައަށް މިކަން ހިނގާފައިވާ ކަން އިއުލާން ކޮށްފައި ވެއެވެ. އަދި އޭނާ ވަނީ މައްސަލަ ބެލުމަށް އެސްއައިޓީއެއް އެކުލަވާލާފައެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަނީ މިއީ އާދައިގެ ވައްކަމެއް ނޫން ކަމަށެވެ. ފައްޅީގެ ޚައިރާތު ފޮށިތަކަށް ދުވާލަކު 10،000 އާއި 60،000 ޑޮލަރާ ދެމެދުގެ އަދަދަކަށް ފައިސާ ޖަމާވަމުންދާއިރު، މި ފައިސާގެ ހިސާބުތަކުން މިހާތަނަށް ގެއްލިފައިވާ ފައިސާގެ އަދަދު 20 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ.
ތަހުގީގު ޓީމުން މިހާރު ވަނީ ފައްޅީގެ ސަލާމަތީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ 200 މީހެއްގެ ލިސްޓެއް އެކުލަވާލައި، 125 މީހަކާ އެކު ތަހުގީގުކޮށްފައެވެ. ފައިސާ ގުނުމުގެ މަރުހަލާގައި ހިންގާފައިވާ މި ޖަރީމާގެ މަންޒަރުތައް ފެންނަ ފޮޓޯތައް އާންމުވުމާއެކު، މިއީ އެންމެ މަތީ ފެންވަރުގެ ފާދިރީންނާއި ވެރިންނާ ގުޅުންހުރި ބޮޑު ހިޔާނާތެއްގެ ގޮތުގައި އިންޑިއާގެ ސިޔާސީ މަސްރަހު މިހާރު ދަނީ ހޫނުވަމުންނެވެ. ބާބްރީ މިސްކިތް ރޫޅާލުމުން އުފެދުނު މި ބޮޑު ފައްޅި މިހާރު މިވަނީ ހިޔާނާތުގެ އަނދަވަޅަކަށް ވެފައެވެ.





