އެމެރިކާ އާއި އީރާނާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު މަޝްވަރާތަކަށް ތައްޔާރުވުމުގެ ގޮތުން، އީރާންގެ ވަފުދު ސްވިޓްޒަލޭންޑްގެ ޒިއުރިކް ސިޓީއަށް ހޮނިހިރު ދުވަހުގެ ރޭ ފޯރައިފިއެވެ. ސްވިޒަލޭންޑްގެ ޚާރިޖީ ވުޒާރާއިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، މި ވަފުދު މިހާރު ދަނީ އަލްޕްސް ފަރުބަދަމަތީގައި އޮންނަ ބޯގެންސްޓޮކް ރިސޯޓާ ދިމާލަށް ދަތުރުކުރުމަށް ތައްޔާރުވަމުންނެވެ.
މި މަޝްވަރާތަކާ ގުޅިގެން އެމެރިކާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ވަފުދުގެ ލީޑަރު ވެސް މިހާރު ސްވިޓްޒަލޭންޑަށް ދަތުރުކުރައްވަމުން ގެންދަވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މަޝްވަރާތަކުގެ ޚަބަރުތަކުގެ އިތުރުން، ސަރަހައްދީ ހަމަނުޖެހުންތައް ވެސް ވަނީ އިތުރުވެފައެވެ. ލުބްނާންގެ ނޭޝަނަލް ނިއުސް އެޖެންސީން ރޭ ހާމަކުރި ގޮތުގައި، އިޒްރޭލުން ދެކުނު ލުބްނާންގެ "ޒަބްދީން" އަދި "ކަފްރްސީރު" އަވަށަށް ދިން ވައިގެ ހަމަލާތަކެއްގައި ދެ މީހަކު ވަނީ މަރުވެފައެވެ.
މި ހަމަލާތަކާއި އެމެރިކާ-އީރާން މަޝްވަރާތަކަކީ މިހާރު މެދުއިރުމަތީގެ މަސްރަހުގައި ހިނގަމުންދާ އެންމެ ހޫނު މައުޟޫއުތަކެވެ. މަޝްވަރާތައް ފެށޭނެ އިރަކާއި އޭގެ ތަފްސީލުތައް ކުރިއަށް އޮތް ގަޑިތަކުގައި އެނގިގެންދާނެއެވެ.




