ލުބުނާނުގައި އިޒްރޭލުގެ އަސްކަރީ ބާރުތައް އަހަރުތަކަކަށް ދެމިތިބޭނެކަމަށް ސްމޮޓްރިޗް ބުނެފި

އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ބުނީ، ލުބުނާނުގެ ދެކުނުގައި އިޒްރޭލުގެ އަސްކަރީ ބާރުތައް ކުރިއަށް އޮތް އެތައް އަހަރަކަށްވެސް ދެމިތިބޭނެ ކަމަށެވެ. އަދި އެމެރިކާގެ ފަރާތުން ސީދާ ގޮތެއްގައި އެތަންތަނުން ފޭބުމަށް އެދުނު ކަމުގައިވި ނަމަވެސް، އެ ސަރަހައްދު ދޫކޮށް ފޭބުމަށް އިޒްރޭލުން ދެކޮޅު ހަދާނެ ކަމަށާއި އެކަމަށް ގަސްތުނުކުރާ ކަމަށް އޭނާ ހާމަކުރިއެވެ.

މިކަމާ ގުޅޭގޮތުން އިޒްރޭލް މީޑިއާގައި ރިޕޯޓުކޮށްފައިވަނީ، އެމެރިކާއިން މިފަދަ ފިއްތުންތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ. އޭނާ ބުނާ ގޮތުން، އިޒްރޭލުގެ ރަތް ރޮނގުތައް އެމެރިކާއަށް ރަނގަޅަށް އެނގެއެވެ.

ލުބުނާނުގައި ޖެނޮސައިޑް ސިފައިން އަހަރުތަކަކަށް ދެމިތިބޭނެތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން، އޭނާ ވަނީ ވަރަށް ސާފުކޮށް އާނއެކޭ ބުނެފައެވެ. ކުރިއަށް އޮތް 10 އަހަރު ދުވަހަށް ދިފާއީ ބަޖެޓު ކަނޑައެޅުމާ ގުޅޭ މަޝްވަރާތަކުގައި އޭނާ ބައިވެރިވާކަން ވެސް އޭނާ ފާހަގަކުރިއެވެ.

އޭނާ ވަނީ ލުބުނާނުގައި އިޒްރޭލުގެ ދާއިމީ އަސްކަރީ މަރުކަޒުތައް ގާއިމުކުރުމަށް ގޮވާލާފައެވެ. ހިޒްބުﷲގެ ހަތިޔާރުތައް ނައްތާލެވެންދެން އަދި އޭގެ ފަހުން ވެސް އެތަނުގައި އިޒްރޭލު ތިބޭނެ ކަމަށާއި، ބޭނުންވަނީ ދިފާއު ކުރެވޭނެ ފަދަ ސަރަހައްދީ ރޮނގެއް ކަމަށް އޭނާ ބުންޏެވެ.

ސަރަހައްދީ އިންތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން، 1916 ވަނަ އަހަރު ގާއިމުކުރި ސައިކްސް ޕީކޯ އެއްބަސްވުމުގެ ދަށުން ކަނޑައެޅި އިންތައް އޭނާ ސިފަކުރީ ބުއްދިވެރި ނޫން އަދި ސަރަހައްދުގެ ޖިއޮގްރަފީއާ ނުގުޅޭ އިންތަކެއްގެ ގޮތުގައެވެ.

މި ސްޓޭންޑަކީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި، ދިފާއީ ވަޒީރު ޔެޝްރާއިލް ކާޓްޒްގެ ވެސް ތާއީދު ކުރާ ގޮތްތަކެއް ކަމަށް ސްމޮޓްރިޗް ބުންޏެވެ.

ހިއްސާ ކުރައްވާ!