ދުނިޔޭގެ އެންމެ ހުތުރު މިޔަރުގެ ވީޑިއޯއެއް ސައިންސްވެރިން ހޯދައިފި

ސައިންސްވެރިން ވަނީ ދުނިޔޭގެ އެންމެ ހުތުރު މިޔަރުގެ ގޮތުގައި ބެލެވޭ "ގޮބްލިން ޝާކް" ކަނޑުގެ އަޑީގައި އުޅޭ މަންޒަރު ވީޑިއޯކޮށްފައެވެ.

"ޖަރނަލް އޮފް ފިޝް ބަޔޮލޮޖީ" ގައި ޝާއިއުކޮށްފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި، ގޮބްލިން ޝާކް އަކީ ދިރޭ ފުރޭތައެއްގެ ގޮތުގައި ވެސް މަޝްހޫރު ޖަނަވާރެކެވެ. ސަބަބަކީ މި ބާވަތުގެ ޝާކް 125 މިލިއަން އަހަރު ކުރިން ފެށިގެން ދުނިޔޭގައި އުޅެމުން ދިއުމެވެ.

މި ޝާކް އެންމެ ފުރަތަމަ ފެނިފައިވަނީ 2019 ވަނަ އަހަރު ހަވާއީ ކައިރީގައި އޮންނަ ޖާވިސް ގަޒީރާ ކައިރިންނެވެ. އޭގެ ފަހުން 2024 ވަނަ އަހަރު ޓޮންގާ ޓްރެންޗް ކައިރިން ވެސް ވަނީ ފެނިފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، މި ޝާކްގެ އަނގަ އާންމުކޮށް ހުންނަނީ އެތެރެއަށް ލެވިފައެވެ. ނަމަވެސް، ޝިކާރަކުރާ ވަގުތު ހަލުވިކަމާއެކު އޭގެ ދަތްދޮޅި ކުރިއަށް ނެރެ ޝިކާރަ ހިފައެވެ. އަޅި ކުލައަކަށް ހުންނަ މި ޝާކްގެ ނޭފަތް ދިގުވެފައި ހުންނަނީ ފޫޅުދަނޑިއެއްގެ ތުންގަނޑު ހުންނަ ގޮތަށެވެ. އަދި ބިރުވެރި ފިލްމުތަކުގެ ކެރެކްޓަރުންނާ މި ޝާކްގެ ސިފަ ވަރަށް ގިނައިން އަޅާކިޔައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، މި ޝާކް ދިރިއުޅެނީ ކަނޑުގެ 2،000 މީޓަރަށް (ގާތްގަނޑަކަށް 6،500 ފޫޓަށް) ވުރެ ފުން ސަރަހައްދުގައެވެ. އެހެންކަމުން، މި ޝާކްގެ ދިރިއުޅުން ކައިރިން ބެލުމަކީ ދަތި ކަމެކެވެ.

މި ޝާކްގެ މިފަދަ ވީޑިއޯއެއް ހޯދުމަކީ، ކަނޑުގެ އެންމެ ފުން ސަރަހައްދުތަކުގައި ދިރިއުޅޭ މިފަދަ އާދަޔާ ހިލާފު ދިރުންތައް ދިރާސާ ކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ހިއްސާ ކުރައްވާ!