އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރަން މަސައްކަތްކޮށްފިނަމަ، އީރާންގެ ދައުލަތް މުޅިން ނެތިކޮށްލާނެ ކަމުގެ ވަރުގަދަ އިންޒާރެއް ދެވަނަ އާދު ބާގައިގެ ރައީސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވަނީ އަޑު އަހާ މީހާވެސް ހީހީ ބިނދިދާނެ ފަދަ ވާހަކައެއް ވިދާޅުވެފައެވެ! ވިދާޅުވީ، އީރާނުގެ ވެރިންނަށް މި މެސެޖް ވަރަށް ސާފުކޮށް އަރުވާފައިވާނެ ކަމަށެވެ.
"އަހަރެން އީރާނުގެ މީހުންނަށް ބުނިން، ތިޔަބައިމީހުން ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފިނަމަ، ދެން ތިޔަބައިމީހުންގެ ގައުމެއް ނޯންނާނެ. އަދި އެނބުރި ދާނެ ތަނެއް ވެސް ނޯންނާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
މި އިންޒާރާއެކު ޓްރަމްޕް ވަނީ އެމެރިކާގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާގެ އިގްތިސާދު މިހާރު އޮތީ ތާރީޚުގައި ވެސް ނުދެކޭ ފަދަ އެންމެ ރަނގަޅު ހާލަތުގައެވެ.
"އަހަރެމެން މި އަންނަނީ ވަރަށް ބޮޑު ކާމިޔާބީތަކެއް ހޯދަމުން. ވަޒީފާގެ ފުރުސަތުތަކާއި ސްޓޮކް މާކެޓްގެ މާލީ ރެކޯޑުތައް ހުރީ ތާރީޚީ މަތީ މިންވަރެއްގައި. އަހަރެމެންގެ ސިފައިންނަކީ ދުނިޔޭގައި ވެސް ވާދަވެރިއެއް ނެތް އެންމެ ވަރުގަދަ ބާރު. ކޮންމެ ދާއިރާއަކުން ވެސް އަހަރެމެން މި ހޯދަނީ ކުރިން ދުވަހަކު ވެސް ނުލިބޭ ފަދަ ބޮޑެތި ކާމިޔާބީތައް،" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ މި އިންޓަރބިއުގެ ކުރިން އީރާނުން ބުނެފައި ވަނީ އެމެރިކާގެ ބަލި ފަޔަކީ އިގްތިސާދު ކަމަށެވެ. އަދި އެކަމުގައި އެމެރިކާ ބިރު ގެންނެވުމުގައި އީރާން ކާމިޔާބު ވެފައިވާ ކަމަށެވެ.





