އެމެރިކާއާއި އީރާނާ ދެމެދު ސުވިޒަލެންޑްގައި ކުރިއަށްދިޔަ މުހިންމު މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިމިއްޖެއެވެ. އީރާނުގެ ދައުލަތުގެ ޓީވީއަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ، ގަތަރާއި ޕާކިސްތާނުން މެދުވެރިންގެ ދައުރު އަދާކުރާ މި މަޝްވަރާތަކުގެ ފުރަތަމަ ބުރު މިހާރު ނިންމާލާފައިވާ ކަމަށެވެ. މި މަޝްވަރާތަކަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށާއި، މެދުއިރުމަތީގެ މަސްރަހު ބަދަލުކޮށްލާނެ "އާ އެއްބަސްވުމަކަށް" ވާސިލުވުމަށް ކުރެވޭ މަސައްކަތެއްކަން އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެވެ.
ފުރަތަމަ ބުރުގެ މަޝްވަރާތައް ނިމުނުއިރު، ދެ ފަރާތުން ވެސް މި ބައްދަލުވުންތަކާ ގުޅޭގޮތުން އަދި މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މި މަޝްވަރާތަކުގެ ދެވަނަ ބުރެއް ނުވަތަ ކުރިއަށް އޮތް ތަނުގައި މި މަޝްވަރާތައް ކުރިއަށްދާނެ ގޮތަކާ ގުޅޭގޮތުން ރަސްމީ ފަރާތްތަކުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މުހިންމު މަޝްވަރާތައް، އޮތީ ސުވިޒަލެންޑްގެ ބޯގަންސްޓޮކް ރިސޯޓްގައެވެ. މި މަޝްވަރާތަކުގައި އީރާނުގެ ވަފުދުގެ އިސްވެރިއަކީ އެ ގައުމުގެ ޕާލިމަންޓްގެ ރައީސް ޑރ. މުހައްމަދު ބާގިރު ޤާލިބާފް އެވެ. އެމެރިކާގެ ވަފުދުގެ އިސްވެރިއަކީ އެ ގައުމުގެ ނައިބު ރައީސް ޖޭ.ޑީ. ވެންސްއެވެ.
މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ:
- ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވިފައިވާ އިސްލާމްއާބާދު ފަހުމުނާމާ ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.
- ދެ ގައުމުގެ ދެމެދުގައި ހައްލުނުވެ ހުރި ސިޔާސީ އަދި ޑިޕްލޮމެޓިކް މައްސަލަތަކާމެދު މަޝްވަރާކުރުން.
މި ބައްދަލުވުމުގައި ދެ ގައުމުގެ ސިޔާސީ އަދި ޑިޕްލޮމެޓިކް އިސް އޮފިޝަލުން ހިމެނޭ ވަފުދުތައް ބައިވެރިވެއެވެ.





