ޗައިނާއަކީ އެންމެ ބޮޑު ނުރައްކާ ކަމަށް ޓައިވާނުގެ ރައީސް ލައި ޗިންގ-ޓޭ ވިދާޅުވެއްޖެ

ޓައިވާނުގެ ރައީސް ލައި ޗިންގ-ޓޭ ވިދާޅުވީ، ޓައިވާނުގެ އިރުމަތީ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ އުޅަނދުތަކުން ހިންގަމުންދާ ހަރަކާތްތަކަކީ އެ ސަރަހައްދުގެ ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށެވެ. ޖަޕާނާއި ފިލިޕީންސުން ކަނޑުގެ ސަރަހައްދުތައް ކަނޑައެޅުމާ ބެހޭގޮތުން މަޝްވަރާތައް ފެށުމަށް ނިންމުމުން، އެކަމަށް ބަހަނާއެއް ދައްކައިގެން ޗައިނާއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާތީ ރައީސް ލައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައީސް ލައި ވިދާޅުވި ގޮތުގައި، ޗައިނާއިން ގާނޫނު ތަންފީޒު ކުރުމުގެ ނަމުގައި ޖަޕާނާއި ޓައިވާން އަދި ފިލިޕީންސްގެ ހާއްސަ އިގްތިސާދީ ސަރަހައްދު އީއީޒެޑަށް ޗައިނާގެ އުޅަނދުތައް ވަންނަމުންދަނީ އެ ގައުމުގެ ބާރު ފުޅާކުރުމުގެ މަގުސަދުގައެވެ. ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން އެ ސަރަހައްދުގެ އައްސޭރިފަށުގެ ގައުމެއްގެ ގޮތުގައި ޗައިނާއަށް އެއްވެސް ހައްގެއް ނެތް ކަމަށާއި، އެ ގައުމުގެ ދައުވާތަކަކީ އެއްވެސް އަސާސެއް ނެތް ކަންކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ޓައިވާނުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުންދާއިރު، ރައީސް ލައި ވިދާޅުވީ ޖަޕާނާއި ފިލިޕީންސާ ދެމެދު ކުރެވޭ މަޝްވަރާތަކުން ޓައިވާނުގެ ސިޔާދަތަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. ޓައިވާނުގެ ސިޔާދަތާއި މަސްލަހަތު ހިމާޔަތްކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ޗައިނާގެ މި އަމަލުތަކަކީ ސީރިއަސް އަދި ކުއްލި ނުރައްކަލެއް ކަމަށް ސިފަކުރައްވައި ރައީސް ލައި ވަނީ އިންޑޯ-ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން އެކުވެރިވެ، ޗައިނާގެ މިފަދަ ހަރަކާތްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ގުޅިފައިވާ ދިފާއީ ނިޒާމަކާއި، ޒިންމާތައް ހިއްސާކުރުމުގެ ތެރެއިން ޗައިނާގެ ނުފޫޒު ހުއްޓުވުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ޗައިނާއިން ދެކެނީ ޓައިވާނަކީ އެގައުމުގެ ބާޣީ ސަރަހައްދެއް ކަމަށެވެ.

ހިއްސާ ކުރައްވާ!