ޓްރަމްޕްގެ އިންޒާރަށް އީރާނުގެ ރައްދު

ސުވިޒަލޭންޑުގައި ފެށުނު އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ކުރިއަށް ދަނިކޮށް މަސްރަހު ފަނިކޮށްލުމުގެ ގޮތުން ޓްރަމްޕް ބިރު ދައްކައި ބަހުގެ ހަމަލާތައް ދީފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ލުބްނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއަތުގެ ހަރަކާތްތައް ހުއްޓުވުމަށް އީރާނަށް އިންޒާރު ދެއްވާފައެވެ. އަދި އީރާނުން އެކަން ނުކޮށްފިނަމަ، ވަރަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި އިންޒާރާ ގުޅިގެން އީރާނުގެ ޗީފް ނެގޯޝިއޭޓަރު މުހައްމަދު ބާގިރު ގާލިބާފް ވަނީ އެމެރިކާއަށް ވަރަށް ހޫނު ރައްދެއް ދެއްވާފައެވެ. އޭނާ ވަނީ ވާހަކަ ދެއްކުމުގައި "ބަސްމަގު ތަހުޒީބުކަމާއެކު އަދަބު ވެރިކޮށް ބެހެއްޓުމަށް" އެމެރިކާއަށް ނަސޭހަތްތެރިވެ، އެމެރިކާގެ ކޮންމެ ހަމަލާއަކަށް ރައްދު ދޭން އީރާނުގެ ސިފައިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕްގެ މި އިންޒާރުތަކުގެ ސަބަބުން މަޝްވަރާތަކަށް ހުރަހެްއ ނޭޅެއެވެ. ނަމވެސް، އެމެރިކާގެ އޮފިޝަލުންނާއެކު ފޮޓޯ ނެގުމަށް ރާވާފައިވާ ހަރަކާތުގައި ބައިވެރިވުމަށް އީރާނުގެ ވަފުދުން ވަނީ ދެކޮޅު ހަދާފައެވެ. އަދި މިއީ އެމެރިކާގެ "މީޑިއާ ޝޯއެއް" ކަމަށް ސިފަކޮށް، އީރާނުގެ ޓީމު މަޝްވަރާތަކުން ކުޑަ ހިނދުކޮޅަކަށް ބޭރަށް ނުކުތެވެ. ނަމަވެސް މަޝްވަރާތައް މުޅިން ހުއްޓުމަކަށް ނާދެއެވެ.

މި މަޝްވަރާތަކުގައި އިސްކަންދެމުންދަނީ އީރާނުގެ ތެޔޮ ވިއްކުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމާއި، ދުނިޔޭގެ ބޭންކުތަކުގައި ހިފެހެއްޓިފައިވާ އީރާނުގެ ފައިސާތައް މިނިވަން ކުރުމުގެ މައްޗަށެވެ. އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް މި މައްސަލައިގައި ސުލްހަވެރިކަމުގެ ރާގަކަށް ވާހަކަ ދެއްކެވި ނަމަވެސް، ލުބްނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނުހުއްޓޭހާ ހިނދަކު މަޝްވަރާތަކުގެ މިސްރާބު ބަދަލުވެދާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

ހިއްސާ ކުރައްވާ!