ސުވިޒަލޭންޑުގައި އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ މުހިންމު މަޝްވަރާތައް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިންޒާރުތަކާ ގުޅިގެން ކުއްލި ގޮތަކަށް މެދުކަނޑާލާ ކަމަށް އީރާނު ވަފްދުން ބުނެފިއެވެ. އީރާނުގެ ވަފުދުން ބުނާ ގޮތުގައި، ޓްރަމްޕް ދެއްވި "ހަރުކަށި އަދި ނުރައްކާތެރި" އިންޒާރުތަކަށް ނުރުހުން ފާޅުކޮށް، މަޝްވަރާތަކުގައި އިތުރަށް ބައިވެރިވުމަށް އެ ގައުމުން ވަނީ ދެކޮޅު ހަދާފައެވެ.
އީރާނުގެ މީޑިއާ ރިޕޯޓްކުރާ ގޮތުގައި، މަޝްވަރާތަކުގެ ފުރަތަމަ ބުރު 80 މިނެޓަށް ކުރިއަށް ދިޔަ ނަމަވެސް، ޓްރަމްޕްގެ ބަހުގެ ހަމަލާތަކާއެކު އީރާނުގެ ޓީމުން ވަނީ ރަސްމީކޮށް އެމެރިކާގެ ވަފުދުގެ ކުރިމަތީގައި އެކަމާ ދެކޮޅަށް އިހްތިޖާޖުކޮށްފައެވެ.
މި މަޝްވަރާތަކުގައި އީރާނުގެ ވަފުދުގެ އިސްވެރިޔާ މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، އެމެރިކާގެ އިންޒާރުތަކަކީ އީރާނުން އެއްވެސް މިންވަރަކަށް އަޅާލާ ކަންކަން ނޫން ކަމަށެވެ.
"ޓްރަމްޕްގެ ވާހަކަތަކުގައި ތަހުޒީބީ އަދަބުވެރި ބަސްމަގު ބެހެއްޓުން މާ ރަނގަޅުވާނެ. އެފަދަ އިންޒާރުތަކަކީ މިހާރުގެ ހާލަތަށް އެއްވެސް ފައިދާއެއް ކުރާނެ ކަންކަމެއް ނޫން،" ގާލިބާފް ވިދާޅުވިއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، އެމެރިކާގެ ކޮންމެ ހަމަލާއަކަށް ވެސް ރައްދު ދިނުމަށް އީރާނުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށެވެ.
މި މައްސަލައިގައި އީރާނުގެ ޕާލަމެންޓުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޝަނުގެ ތަރުޖަމާނު އިބްރާހިމް ރިޒާއީ ވިދާޅުވީ، ޓްރަމްޕްގެ ވާހަކަތަކަކީ މިހާރު އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.
"އެމެރިކާގެ އަތުގައި އެފަދަ ގާބިލުކަމެއް ހުރިނަމަ، ހަނގުރާމައިގެ ތެރޭގައި ވެސް ހުރުމުޒު ކަނޑުއޮޅި އެމީހުންގެ ބާރުގެ ދަށަށް ގެނެވުނީސް. އެކަން ކުރަން ބޭނުންވިޔަސް، އެކަން ކުރުމުގެ ގާބިލުކަން އެމެރިކާގެ ނެތް،" ރިޒާއީ ވިދާޅުވިއެވެ.
ޕާކިސްތާނާއި ގަތަރުގެ މެދުވެރިކަމާއެކު ކުރިއަށްދިޔަ މި މަޝްވަރާތަކުގައި، އީރާނުގެ ފައިސާ މިނިވަންކުރުމާއި، ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދެކެވުނު ނަމަވެސް، ޓްރަމްޕްގެ އިންޒާރުތަކާއެކު މިހާރު މަޝްވަރާތައް ވަނީ އަދި ހުއްޓިފައެވެ. މަޝްވަރާތައް އެއްކޮށް ހުއްޓިފައި ނުވާ ކަމަށް ބުނި ނަމަވެސް، ޖެނީވާގެ މާހައުލުން ފެންނަމުންދަނީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރުގެ މައްސަލަތައް އިތުރަށް ގޯސްވެފައިވާ މަންޒަރެވެ.





