ހިފަފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލު ސެޓްލަރުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކާއި އަނިޔާވެރި އަމަލުތައް، އަރަބި އަދި އިސްލާމީ އަށް ގައުމެއްގެ ޚާރިޖީ ވަޒީރުން ކުށްވެރިކުރައްވައިފިއެވެ.
މި އަށް ގައުމުގެ ޚާރިޖީ ވަޒީރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ވަނީ، ރާމަﷲގެ އުތުރުގައި ހުންނަ ދެ މިސްކިތަކަށް ދާދި ފަހުން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އޭގެ ތެރޭގައި ޖިލްޖިލްޔާ އަވަށުގައި ހުންނަ ޖާމިއު މިސްކިތަށާއި، މަޒާރަތު އްނުބާނީ އަވަށުގައި ހުންނަ އަލްފާރޫގް މިސްކިތަށް ދިން ހަމަލާތައް ހިމެނެއެވެ.
މި ބަޔާނުގައި ސޮއިކޮށްފައިވާ ގައުމުތަކަކީ:
- ޕާކިސްތާން
- މިސްރު
- ތުރުކީ
- އިންޑޮނޭޝިއާ
- ޖޯޑަން
- ގަތަރު
- ސައުދީ އަރަބިއްޔާ
- ޔުނައިޓެޑް އަރަބް އެމިރޭޓްސް
އެ ޚާރިޖީ ވަޒީރުން ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލުގ ޔަހޫދީ ޒަޔަނިސްޓު ސެޓްލަރުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް މިހާރު ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރުވަމުން ދިއުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި ދީނީ ބިނާތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އެބޭފުޅުން ސިފަކުރެއްވިއެވެ.
މި ގައުމުތަކުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، ހުޅަނގު އައްސޭރީގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.






