ޒަމާނީ ފެޝަންގެ ދުނިޔޭގައި އާންމުކޮށް ފެންނަނީ ހަމައެކަނި ލައިގެން އުޅޭ ހެދުންތަކެއް ނޫނެވެ. އެއީ ތާރީޚާއި، އާދަކާދައާއި، އަދި ޝަޚުސިއްޔަތުތަކެއް ދައްކުވައިދޭ ކެންވަސްއެކެވެ. ފަލަސްތީނުގެ ޑިޒައިނަރު ޒައިދު އަލްފާރޫޤީގެ މަސައްކަތްތަކުން ފެންނަނީ މި ކުލަވަރެވެ. އޭނާ ފެޝަންގެ ދުނިޔޭގައި މަސައްކަތްކުރަނީ ހަމައެކަނި ޑިޒައިނަރެއްގެ ގޮތުގައެއް ނޫނެވެ؛ އޭނާއަކީ "ފަލަސްޠީނުގެ ވާހަކަ ކިޔައިދޭ" މީހެއް ކަމަށް އޭނާ ދެކެއެވެ.
އަލްފާރޫޤީގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ފަހުން ފެނިގެންދިޔަ އެއް މަސައްކަތަކީ ގައުމި ސަގާފަތުގެ ހުރިހާ ސިފަތަކެއް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޚާއްސަ "ބްރޫޝް" ތަކުގެ ސެޓެކެވެ.
އަލްފާރޫޤީ ބުނާ ގޮތުގައި، މި މަޝްރޫއު ފެށުނީ އޭނާގެ ކާފަގެ ޒުވާން އުމުރުގެ ފޮޓޯއަކުންނެވެ. 20 ވަނަ ގަރުނުގެ ކުރީކޮޅު ޒަޔަނިސްޓުން ހިފާފައިވާ ގުދުސް ސިޓީގައި ނަގާފައިވާ އެ ފޮޓޯގައި އޭނާގެ ކާފަ، އޭނާގެ ކޯޓުގައި މަލެއްގެ ބައްޓަމަށް ހުރި ބްރޫޝެއް ހަރުކޮށްފައިވެއެވެ. އެ މަންޒަރު އަލްފާރޫޤީގެ ސިކުނޑީގައި ބިންވަޅު ނެގުނެވެ.

"ބްރޫޝަކީ ކުޑަ އެއްޗެއް ކަމަށް ވެދާނެ، އެކަމަކު އެއީ އާދައިގެ އެއްޗެއް ނޫން،" އަލްފާރޫޤީ ބުންޏެވެ. "އެއީ ހިތާ ވަރަށް ކައިރީގައި، މީހުންގެ ލޮލުގައި ވަގުތުން އަޅައިގަންނަ، އަދި އަސްލާއި ހަނދާންތައް ރަމްޒުކޮށްދޭ އެއްޗެއް." އޭކާ ކިޔައި ދެއެވެ.
އަލްފާރޫޤީގެ ޑިޒައިންތަކުގައި އެމްބްރޮއިޑަރީ އާއި ގެތުން ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއެވެ. އޭނާ ދެކޭ ގޮތުގައި މިއީ ފަލަސްޠީނުގެ އަމިއްލަ ޘަޤާފީ ބަހެކެވެ. ކޮންމެ ނިޝާނަކާއި، ކޮންމެ ފަރުމާއަކީ އާއިލީ ވާހަކައަކާއި، ޖިއޮގްރަފީއާއި، ޖީލުތަކުން ވާރުތަވެފައިވާ ތާރީޚެއްގެ ރަމްޒެކެވެ. އަތުން ފަހާ މިފަދަ ހެދުންތަކަކީ ހަމައެކަނި ޒީނަތްތެރިވާން ލާ އެއްޗެއް ނޫން ކަމަށާއި، އެއީ ލައިގެން ހުންނަ މީހާގެ ވާހަކަ ކިޔައިދޭ ދިރޭ އަރުޝީފެއް ކަމަށް އޭނާ ސިފަކުރެއެވެ.
ފަލަސްތީނުގެ ފަންނާނު ސަމަރު ހިޖާޒީ 2026 ވަނަ އަހަރުގެ 'މެޓް ގާލާ' ގައި އަލްފާރޫޤީގެ ޑިޒައިނެއްގައި ފެނިގެންދިޔައެވެ. އެއިން ފެޝަންގެ ދުނިޔޭގައި އޭނާގެ މަގުބޫލުކަން ހާމަކޮށްދިން ކަމެކެވެ. އެ ފަހަރުގެ ޑިޒައިނުގައި ފަލަސްތީނުގެ ސަގާފީ އެމްބްރޮއިޑަރީ ބޭނުންކޮށްފައިވަނީ ވަރަށް ތަފާތު ގޮތަކަށެވެ. އަދި ފިރިހެނުން ބޮލުގައި އަޅާ ސަގާފީ "އިގާލް" އަތުކުރީގައި އަޅާ ގަހަނާއެއްގެ ގޮތަށް އޭނާ ބަދަލުކުރި ގޮތަކީ ފާހަގަކޮށްލެވޭ އީޖާދީ ފިޔަވަޅެކެވެ.
ފަލަސްޠީނަށް ކުރިމަތިވެފައިވާ ސިޔާސީ ނުތަނަވަސްކަމާއި ހަނގުރާމަތަކާމެދު އަލްފާރޫޤީ ދެކެނީ ވަރަށް ފުން ނަޒަރަކުންނެވެ. އޭނާ ގަބޫލުކުރަނީ، ސިޔާސީ ހަލަބޮލިކަމަކީ މި ސަރަހައްދުގެ މީހުންގެ މައްޗަށް ބަޔަކު މަޖުބޫރުކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އެއީ މުޅި ސަގާފަތުގެ ވާހަކައެއް ނޫން ކަމަށް އޭނާ ބުނެއެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ރީތިކަން ދައްކުވައިދޭން. އަޅުގަނޑުމެންނަކީ ހަމައެކަނި ހަނގުރާމައިގެ ވާހަކަތަކެއްގެ ތެރޭގައި ފެންނަ ބައެއް ނޫން،" އޭނާ ބުންޏެވެ. "ފަލަސްޠީނުގެ ތާރީޚުގެ މި ހިނދުކޮޅުގައި ދިރިއުޅޭ، މުއްސަނދި ސަގާފަތެއް އޮތް ބައެއް. އަޅުގަނޑުމެންގެ މަސައްކަތުން ދުނިޔެއަށް އެ މުއްސަނދިކަން ފެންނަން ޖެހޭނެ." ކަމަށް ބުންޏެވެ.
އަލްފާރޫޤީގެ މި ދަތުރަކީ ހަމައެކަނި ފެޝަންގެ ދަތުރެއް ނޫނެވެ. މިއީ ފަލަސްޠިނުގެ ސަގާފަތުގެ ފަޚުރުވެރި މާޒީއާއި، ޒަމާނީ ހުނަރުވެރިކަން ގުޅުވައިދޭ ފާލަމެކެވެ.








