ޕާކިސްތާނުގެ ދިފާއީ ވަޒީރު އިންޑިއާއާ ދެކޮޅަށް ހަނގުރާމައިގެ އިންޒާރު ދެއްވައިފި

ފެނުގެ ރައްކާތެރިކަމުގެ މައްސަލާގައި އިންޑިއާއާ ދެކޮޅަށް ހަނގުރާމަކުރާނެ ކަމުގެ އިންޒާރު ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚާވާޖާ އާސިފް، ދެއްވައިފިއެވެ. ގައުމުގެ އެތެރޭގެ ހަމަނުޖެހުންތަކާއި، ފެނުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި  މި ވާހަކަތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ވާހަކަތަކެކެވެ. އޭއާރްވައި ނިއުސްއަށް ހޮނިހިރު ދުވަހު ދެއްވި އިންޓަވިއުއެއްގައި ޚަވާޖާ އާސިފް ވިދާޅުވީ، "އަޅުގަނޑުމެންގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް އިހުސާސްވާ ހިނދު، އަދި ފެނަކީ ގައުމީ ސަލާމަތުގެ ބައެއް ކަމަށްވާއިރު، އަޅުގަނޑުމެން އިންޑިއާއާ ދެކޮޅަށް ހަނގުރާމައަކަށް ދާނަން،" ކަމަށެވެ. އަދި އިންޑިއާއިން ފެނުގެ ޚިދުމަތްތައް ހުއްޓުވަން މަސައްކަތްކުރާ ކަމުގެ ހެކި ލިބިއްޖެނަމަ، އަސްކަރީ ފިޔަވަޅު އެޅުން މޭޒުމަތީގައި އޮންނާނެ ކަމަށް ވިދާޅުވިއެވެ.

މިވާހަކަތައް މި އައީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާނުން އައި ޓެރަރިސްޓް ހަމަލާއެއްގައި 26 މީހުން މަރުވުމާ ގުޅިގެން، އިންޑިއާއިން 1960 ވަނަ އަހަރުގެ ސިންދު ކޯރުގެ މުއާހަދާ ކަމަށްވާ އިންޑަސް ވޯޓާސް ޓްރީޓީއަށް އަމަލު  ކުރުން ހުއްޓާލުމާ ގުޅިގެންނެވެ. އިންޑިއާ ބުނަނީ ޕާކިސްތާނު ބޯޑަރު ހުސްރަސްކޮށްދޭ ޓެރަރިސް އަމަލ؛ުތައް ހުއްޓާލުމަށް ފިޔަވަޅު ނާޅަނީސް މި މުއާހަދާ އަލުން އިއާދަ ނުކުރާނެ ކަމެވެ.

ވޯލްޑް ބޭންކްގެ މެދުވެރިކަމާއެކު ވެފައިވާ މި މުއާހަދާގެ ދަށުން، އިންޑަސް ކޯރުގެ 80 ޕަސެންޓް ފެން ބޭނުންކުރުމުގެ ހައްގު ޕާކިސްތާނަށް ލިބިފައި އޮތް ނަމަވެސް، އެ ގައުމުގެ ފެނުގެ ވަސީލަތްތައް މެނޭޖްކުރުމުގައި މައްސަލަ އުޅޭ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ޚަވާޖާ އާސިފް އިންޑިއާއަށް ތުހުމަތުތަކެއް ކުރެއްވި ނަމަވެސް، ޕާކިސްތާނުގެ އެތެރޭގެ ހާލަތު ވެސް ވަރަށް ނާޒުކެވެ. ޕާކިސްތާންގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ފެނުގެ ދަތިކަން އިހުސާސް ކުރެވިފައި ވެއެވެ. ޚާއްސަކޮށް ސިންދު އަދި ބަލޫޗިސްތާނު ޕްރޮވިންސުގައި ފެނުގެ މައްސަލަ ވަރަށް ބޮޑެވެ. ޕާކިސްތާންގެ ނޯތު ވެސްޓް ކެނަލްގައި 64.1 ޕަސެންޓް، ރައީސް ކެނަލްގައި 38 ޕަސެންޓް، އަދި ދާދޫ ކެނަލްގައި 82 ޕަސެންޓަށް ފެނުގެ ދަތިކަން އޮތް ކަމަށް ވެއެވެ. މީގެ އިތުރުން ސައްކަރު ބަރާޖްގައި ފެނުގެ ލެވެލް ދަށަށް ދިއުމުގެ ސަބަބުން އިގްތިސާދީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް ސަރަހައްދީ ވެރިން ވަނީ ދީފައެވެ.

ހިއްސާ ކުރައްވާ!