އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގާފައިވާ ސޮލީބީ ސަހުޔޫނީ އުދުވާނީ ހަމަލާތަކާ ގުޅިގެން، އެ ދެ ގައުމުގެ މައްޗަށް ގިނަ އަދަދެއްގެ ޖިނާއީ އަދި މަދަނީ މައްސަލަތައް އީރާނުގެ ޝަރުއީ ކޯޓުތަކުގައި ފަށައިފިއެވެ. އީރާނުގެ ޕްރޮސެކިއުޓާ ޖެނެރަލް މުހައްމަދު މުވާހިދީ އަޒާދު ހާމަކުރެއްވި ގޮތުގައި، މި މައްސަލަތައް ބެލުމުގެ މަސައްކަތް ފެށީ 2025 ވަނަ އަހަރުގެ ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމައަށްފަހުއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވީ، 200 އަށް ވުރެ ގިނަ ޖިނާއީ މައްސަލަ މިހާރު ޚާއްސަ ތަހުގީގީ ބްރާންޗުތަކުން ބަލަމުންދާ ކަމަށެވެ. މީގެ އިތުރުން، މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަދަލު ހޯދުމަށް މަދަނީ ކޯޓުތަކުގައި 300 އަށް ވުރެ ގިނަ ދައުވާ މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވެއެވެ.
މި ދައުވާތަކުގައި 32،000 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހަމަލާތަކުން ސީދާ ގެއްލުން ލިބުނު ފަރާތްތަކާއި، ނަފްސާނީ އަދި ސަލާމަތީ ގޮތުން އަސަރުކުރި ފަރާތްތައް ހިމެނެއެވެ. ބައެއް ހުކުމްތައް މިހާރު އިއްވާފައިވާއިރު، ބައެއް ހުކުމްތައް ތަންފީޒު ކުރުމުގެ މަރުހަލާގައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި މައްސަލަތަކުގައި ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 2،000 އަށް ވުރެ ގިނަ ވަކީލުން ވަނީ ނުކުމެފައެވެ.
އީރާނުން މި ފިޔަވަޅުތައް އަޅަމުން މިދަނީ 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ ގައުމަށް އަމާޒުވެފައިވާ ސިލްސިލާ އުދުވާނީ ހަމަލާތަކާ ގުޅިގެންނެވެ.
-
2025 ޖޫން 13: އިޒްރޭލުން ދިން ހަމަލާތަކުގައި އީރާނުގެ މަތީ ފަންތީގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިއާ ސައިންސްވެރިން އަދި އާންމުން ޝަހީދުކުރިއެވެ. ހަފުތާއެއް ފަހުން އެމެރިކާއިން ވަނީ އީރާނުގެ ނިއުކްލިއާ ތިން ފެސިލިޓީއަކަށް ބޮމުން ހަމަލާދީފައެވެ.
-
2026 ފެބްރުއަރީ 28: އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން އާ ހަމަލާތަކެއްގައި، އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އިސް އަސްކަރީ ކޮމާންޑަރުން އަވަހާރަކޮށްލިއެވެ.
މި 40 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ތެލާއި ގޭހުގެ ވަސީލަތްތަކާއި ކަރަންޓު އުފައްދާ މަރުކަޒުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އަދި ވައިގެ ހަމަލާތަކުގައި އެތައް ސަތޭކަ އާންމުން މަރުވެފައިވާއިރު، އޭގެ ތެރޭގައި މީނާބް ސިޓީގެ ޝަޖަރަތުއް ޠައްޔިބާ އެލިމެންޓްރީ ސްކޫލަށް ދިން ހަމަލާގައި 168 ކުޑަކުދިން ޝަހީދު ކޮށްލުން ފާހަގަކޮށްލެވެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވީ، ގެއްލުން ލިބުނު ފަރާތްތަކަށް އިންސާފު ލިބެންދެން އަދި ގެއްލުމުގެ ބަދަލު ހޯދަންދެން މި ގާނޫނީ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.




