ކެންސަރު ބަލި ދެނެގަތުމާއި ފަރުވާ ކުރުމުގެ ދާއިރާއިން އީރާނުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. އެގައުމުގެ ސައިންސްވެރިން ވަނީ ކެންސަރުގެ ސެލްތައް ދެނެގަނެ، ސީދާ އެ ސެލްތަކަށް ހަމަލާދޭ، ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ 'އޭންޓިބޮޑީ-ޑްރަގް ކޮންޖަގޭޓްސް' ކަމަށްވާ 'ޓެޑެރޮކްސް' އާއި 'ޕަޑިނެކްސް' އުފައްދައިފައެވެ.
މި ދެ ބޭހަކީ ވެސް 'ހާރ-2 ޕޮޒިޓިވް' ކެންސަރުގެ ވައްތަރުތަކަށް ފަރުވާ ކުރުމަށް އުފައްދާފައިވާ ބޭސްތަކެކެވެ. މިއީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ އުފެއްދުމުގެ ގާބިލުކަން ނެތް، ވަރަށް އުނދަގޫ ބަޔޮލޮޖިކަލް އުފެއްދުމެކެވެ.

އޭންޓިބޮޑީ-ޑްރަގް ކޮންޖަގޭޓްސް އަކީ ކޮބާ؟
އޭޑީސީތަކަކީ ކެންސަރު ބަލީގެ ފަރުވާގައި "ގައިޑެޑް މިސައިލް" ތަކެއް ފަދައިން މަސައްކަތްކުރާ އެއްޗެކެވެ.
- މަސައްކަތްކުރާ ގޮތް: މިއީ އޭންޓިބޮޑީއަކާއި ކެންސަރު ނައްތާލާ ބާރުގަދަ ސައިޓޯޓޮކްސިކް ޕޭލޯޑްއާ ޚާއްސަ ގުޅުމަކުންގުޅުވާލައިގެން އުފައްދާފައިވާ ބޭހެކެވެ.
- ފައިދާ: އޭންޓިބޮޑީއިން ކެންސަރު ސެލްތައް ފާހަގަކޮށް، ސީދާ އެ ސެލްތަކަށް ބޭސް ގެންގޮސްދެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ ސިއްހަތު ރަނގަޅު ސެލްތަކަށް ލިބޭ ގެއްލުން ކުޑަވެ، ކީމޯތެރަޕީގެ ސަބަބުން ޖެހޭ ބޮޑެތި އުނދަގޫތައް ކަމަށްވާ އިސްތަށި ފޭބުން، ހޮޑުލުން ފަދަ ކަންކަން ކުޑަކޮށްދެއެވެ.
އީރާނުގެ އާ އުފެއްދުންތައް
1. ޓެޑެރޮކްސް:
- 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތައާރަފުކުރި މި ބޭހަކީ ދުނިޔޭގައި މަޝްހޫރު 'އެންހާޓޫ' އާ އެއްގޮތް ބޭހެކެވެ.
- މިއީ ހާރޓް-2 ޕޮޒިޓިވް ބްރެސްޓް ކެންސަރާއި، ބަނޑުގެ ކެންސަރުގެ ބައެއް ބާވަތްތަކަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބާރުގަދަ ބޭހެކެވެ.

2. ޕަޑިނެކްސް:
-
2021 ވަނަ އަހަރު ތައާރަފުކުރި މި ބޭހަކީ އީރާނުން އުފެއްދި ފުރަތަމަ އޭޑީސީ އެވެ. މިއީ 'ކަޑްސައިލާ' އާ އެއްގޮތް ބޭހެކެވެ.
ބަލިމީހުންނަށް ލިބޭ ލުއި
މި ބޭސްތައް އީރާންގައި އުފެއްދުމުގެ ސަބަބުން އީރާނުގެ ކެންސަރު ބަލީގެ މީހުންނަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ.
- ފަސޭހައިން ލިބުން: ކުރިން އެތެރެކުރަން ޖެހޭ ބޭސްތައް ދަތިތަކާ ހުރެ ނުލިބޭއިރު، މިހާރު ފަސޭހައިން މި ބޭސް ލިބެން އެބަހުއްޓެވެ.
- އަގުހެޔޮކަން: ބޭރު ގައުމުތަކުގެ ބޭސްތަކާ އަޅާބަލާއިރު، މި ބޭސްތަކުގެ އަގު ވަނީ 90 ޕަސެންޓަށް ވުރެ ބޮޑަށް ކުޑަކުރެވިފައެވެ. ޓެޑެރޮކްސްގެ އެންމެ ފުޅިއެއްގެ އަގަކީ ގާތްގަނޑަކަށް 17 މިލިއަން ތޯމަން ނުވަތަ 4,240 ދިވެހި ރުފިޔާ އެވެ. މިއީ ބޭރުގެ ބޭސްތަކުގެ އަގުގެ 10 ޕަސެންޓަށް ވުރެ ވެސް ކުޑަ އަގެކެވެ.
އީރާނުގެ މި ކާމިޔާބީގެ މުހިންމުކަން
- އީރާނަކީ މިހާރު އޭންޓިބޮޑީ އިންޖިނިއަރިންގ އާއި ލިންކާ ކެމިސްޓްރީ ފަދަ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ބޭސް އުފައްދާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
- ބޭރުގެ ބޭސްތަކަށް ބަރޯސާވާ މިންވަރު ކުޑަވެ، ގައުމީ ފެންވަރުގައި ސިއްހީ ޚިދުމަތްތައް މިހާރު އިރާންގައި ހަރުދަނާވެގެން ގޮސްފައިވެއެވެ.
އީރާނުގެ މި މަސައްކަތް ކާމިޔާބު ކުރުމުގައި، އެ ގައުމުގެ ޚާއްސަ 'ނޮލެޖް-ބޭސްޑް' ކުންފުނިތަކުގެ ދައުރު ބޮޑެވެ. މި ކުންފުނިތަކުން ދަނީ އީރާނުގެ ސިއްހީ ދާއިރާގައި އިންގިލާބީ ބަދަލުތަކެއް ގެންނަމުންނެވެ.



