އެމެރިކާ-އީރާން މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި

އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި "ވަރަށް ރަނގަޅު ކުރިއެރުންތަކެއް" ހޯދިފައިވާ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ. ސުވިޒަލޭންޑްގެ ބޯގެންސްޓޮކް ރިސޯޓްގައި ކުރިއަށްދާ މި މަޝްވަރާތަކުގައި އެމެރިކާގެ ވަފުދަށް އިސްކޮށް ހުންނެވި ވެންސް ވަނީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އިންސްޕެކްޓަރުން އެ ގައުމަށް އަލުން ވަނުމަށް އީރާނުން އެއްބަސްވެފައިވާކަން އިއުލާނު ކުރައްވައިފައެވެ.

"އަޅުގަނޑުމެން މިވަނީ ފައިނަލް އެއްބަސްވުމަކަށް އައުމަށް ރަނގަޅު ބިންގަލެއް އަޅާފައި. ފައިނަލް ޑީލް އޮތީ ތައްޔާރުކުރުމުގެ މަރުހަލާގައި. އެމެރިކާގެ ރައްޔިތުންނަށް ފައިދާހުރި ހިސާބަކަށް ވާސިލްވުމަށް އަޅުގަނޑުމެން މަގުފަހިކޮށްފިން،" ވެންސް ވިދާޅުވިއެވެ.

ވެންސް އިތުރަށް ވިދާޅުވީ، ނިއުކްލިއާ މަޝްވަރާތަކުގެ އިތުރުން އިގްތިސާދީ މަޝްވަރާތަކާއި، ހުރުމުޒް ކަނޑުއޮޅިން މައިންތައް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި ފަންނީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށާއި، މި މަޝްވަރާތަކަށް ސިޔާސީ ގޮތުން ފާރަވެރިވާނެ ޚާއްސަ ހައި-ވެލް ކޮމިޓީއެއް އުފައްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، އިސްލާމްއާބާދު ފަހުމުނާމާގެ ދަށުން ފަންނީ މަޝްވަރާތައް ހޯމަ ދުވަހު ފެށިފައިވާ ކަމަށެވެ. މި މަޝްވަރާތަކުގައި އީރާނުގެ ވަފުދަށް އިސްކޮށް ހުންނެވީ ޚާރިޖީ ވަޒީރުގެ ނައިބު ކާޒިމް ޣަރީބް އާބާދީއެވެ.

އިންސްޕެކްޓަރުން އީރާނަށް އެނބުރި ދިއުމާ ގުޅޭގޮތުން ވެންސް ވިދާޅުވީ، މިއީ ވަރަށް އަވަހަށް ހިނގާނެ ކަމެއް ކަމަށާއި، ބައެއް މަޝްވަރާތައް ހޯމަ ދުވަހު ވެސް ކުރިއަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ވެންސް ވިދާޅުވީ، ސަރަހައްދީ ފެންވަރެއްގައި ހަނގުރާމަ ހުއްޓާލުމަކީ އެމެރިކާގެ ވެސް ލަނޑުދަނޑިއެއް ކަމަށެވެ. "ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާ ދިނުން ހުއްޓާލަން ޖެހޭ. އަޅުގަނޑުމެން ބޭނުންވަނީ އިޒްރޭލުން ސުލްހައިގައި ދިރިއުޅެން. އިޒްރޭލުން ލުބުނާނުގެ ބިމެއް ހިފަހައްޓަން ބޭނުން ނުވާކަން އެމީހުން ވަރަށް ސާފުކޮށް ބުނެފައިވޭ،" ވެންސް ވިދާޅުވިއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ބައެއް ހަރުކަށި ބަސްފުޅުތަކާ ގުޅިގެން މަޝްވަރާތައް މެދުކެނޑުނުކަން ވެންސް ގަބޫލުކުރެއްވިއެވެ. ނަމަވެސް، އެކަމުގެ ސަބަބުން މަޝްވަރާތައް "ފޭލް" ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އީރާނުން ދުލެއް ނުދޭނަމަ ރައީސް ޓްރަމްޕް ރައްދު ދެއްވާނެ. އެއީ އެމަނިކުފާނުގެ ސްޓައިލް. ނަމަވެސް މަޝްވަރާތައް ކުރިއަށްދާކަން ޔަގީން،" ވެންސް ވިދާޅުވިއެވެ.

އީރާނުގެ ފައިސާތައް ދޫކުރުމަށް ދަނބިކޮއެ ޖަރެޑް ކުޝްނާ ފަރުމާކުރެއްވި އާ ޕްލޭނެއް ވެންސް ވަނީ ހާމަކުރައްވައިފައެވެ. މި ޕްލޭންގެ ދަށުން އެ ފައިސާ ބޭނުންކުރެވޭނީ ހަމައެކަނި އެމެރިކާއިން ދަނޑުވެރިކަމުގެ އުފެއްދުންތައް ސޯޔާބީން، ގޮދަން، ގަތުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. "މިއީ ޓްރަމްޕްގެ ކްލެސިކް ޑީލެއް. އީރާނުގެ ރައްޔިތުންނަށް ކާބޯތަކެތި ލިބޭނެ، އަދި އެމެރިކާގެ ދަނޑުވެރިންނަށް ފައިދާވާނެ،" ވެންސް ވިދާޅުވިއެވެ.

މި ޕްލޭނަކީ 2023 ގައި އޭރުގެ ރައީސް ބައިޑަންގެ އިދާރާއިން ގެންގުޅުނު މޮޑެލްއާ އެއްގޮތް ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެއީ އެމެރިކާގެ ޚަޒާނާގެ ބެލުމުގެ ދަށުން، އީރާނުގެ ފައިސާ ހަމައެކަނި އިންސާނީ އެހީތަކަށް ބޭނުންކުރުމުގެ އިންތިޒާމެވެ.

ހިއްސާ ކުރައްވާ!