އީރާނާއި އެމެރިކާގެ ފަހުމުނާމާ އާ ގުޅޭގޮތުން އޮމާނުން މަޝްވަރާތައް ފަށައިފި

އޮމާނާއި އީރާނުގެ ޚާރިޖީ ވެރިން މަސްކަޓުގައި ބޭއްވި ބައްދަލުވުމެއްގައި، އެމެރިކާއާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ އިސްލާމްއާބާދު ފަހުމުނާމާ އާ ގުޅޭގޮތުން، ޚާއްސަކޮށް ހުރުމްޒު ކަނޑުއޮޅިއާ ބެހޭ ކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރައްވައިފިއެވެ. އޮމާންގެ ޚާރިޖީ ވަޒީރު ބަދުރު އަލް ބޫސައީދީ ވިދާޅުވި ގޮތުގައި، މި މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކޮށް، ހުރުމްޒު ކަނޑުއޮޅިން އުޅަނދުތަކަށް އެއްވެސް ފީއަކާ ނުލައި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ ފަސްވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުން، ހުރުމްޒު ކަނޑުއޮޅީގެ މުސްތަގުބަލުގެ އިދާރީ އިންތިޒާމުތަކާއި ކަނޑުގެ ޚިދުމަތްތައް ރޭވުމުގައި އީރާނުން އޮމާނާއި އަދި އެ ކަނޑުއޮޅިއާ ގުޅިފައިވާ އެހެނިހެން ގައުމުތަކާ މަޝްވަރާކުރަން ޖެހެއެވެ.

މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް 60 ދުވަހުގެ މުއްދަތަށް އެއްވެސް ފީއަކާ ނުލައި ވިޔަފާރީގެ އުޅަނދުތައް ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އީރާނުން ވަނީ ވައުދުވެފައެވެ. މި މަސައްކަތުގެ ތެރެއިން ވިޔަފާރީގެ އުޅަނދުތަކުގެ ހަރަކާތްތައް ވަގުތުން ފަށައި، ފަންނީ އަދި އަސްކަރީ ހުރަސްތައް ނައްތާލުމާއި ކަނޑުގެ މައިންތައް ނެގުމުގެ މަސައްކަތް 30 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް އީރާނުން ވަނީ ނިންމާފައެވެ.

މި ބައްދަލުވުމުގައި އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ފާހަގަކުރެއްވި ގޮތުގައި، އަސްކަރީ ކާމިޔާބީތަކަކީ ޑިޕްލޮމެޓިކް މަސައްކަތްތަކަކާ ނުލައި ދެމެހެއްޓޭނެ އެއްޗެއް ނޫނެވެ. ޑިޕްލޮމަސީއާއި އަސްކަރީ އޮޕަރޭޝަންތަކަކީ ގުޅިލާމެހިފައިވާ ދެ ކަމެއް ކަމަށާއި، ކޮންމެ އަސްކަރީ ކާމިޔާބީއެއް ދާއިމީ ސިޔާސީ އަދި ގާނޫނީ ހައްލަކަށް ބަދަލުކުރުމަށް ޑިޕްލޮމަސީގެ ދައުރު ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

އޮމާނާއި އީރާނުން ވަނީ މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ.

ހިއްސާ ކުރައްވާ!