ތަފާތުކުރުމުގެ މައްސަލައެއް ކޮފީ ޝޮޕަކާ ދެކޮޅަށް ބަލަން ފަށައިފި

ނިއުޔޯކް ސިޓީގެ ކޮފީ ޝޮޕެއް ކަމަށްވާ 'ބޮޓީކާ ކޮފީ’އާ ދެކޮޅަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން، ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ އެ ކޮފީ ޝޮޕުން، އިސްރާއީލަށް ތާއީދުކުރައްވާ އެމެރިކާގެ ކޮންގްރެސް މެންބަރު ޑޭން ގޯލްޑްމަން އެތަނަށް ވަޑައިގެންނެވުމުން، އޭނާ އަށް ހުރަސް އެޅުމާ ގުޅިގެންނެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ އެ ވުޒާރާގެ ސިވިލް ރައިޓްސް ޑިވިޜަނުން މި މައްސަލަ ބަލަމުންދާ ކަމަށާއި، ބޭނުންވެއްޖެ ހިނދެއްގައި ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެމެރިކާގެ ފެޑެރަލް ގާނޫނުތައް ބުނާ ގޮތުން، ކޮފީ ޝޮޕް ފަދަ އާންމުންނަށް ހުޅުވާލެވިފައިވާ ތަންތަނުން ދަރިކޮޅާއި، ދީނާއި، އަދި ގައުމީ އަސްލުގެ މައްޗަށް ބިނާކޮށް ކަސްޓަމަރުންނާ މެދު ތަފާތުކުރުން މަނާ ވެގެން ވެއެވެ.

މެންބަރު ގޯލްޑްމަން އޭނާގެ ހަތް އަހަރުގެ ދަރިފުޅާއެކު މިދިޔަ އާދީއްތަ ދުވަހު އެ ކޮފީ ޝޮޕަށް ވަޑައިގެންނެވީ ފާޚާނާ ބޭނުންކުރުމަށެވެ. އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން އޭނާ އެތަނުން ކޮފީއެއް ގަނެ، މުވައްޒަފުންނަށް ޓިޕްސް ވެސް ދެއްވިއެވެ. ނަމަވެސް، ފަހުން އެ ކޮފީ ޝޮޕުން އިންސްޓަގްރާމްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "އެތަނަށް ވަނީ ކާކުކަން އެނގުނު ނަމަ، އޭނާ ވަނުން މަނާކުރީސް" ކަމަށެވެ. އަދި އޭނާގެ އަމަލުތައް ސިފަކޮށްފައިވަނީ ޖެނޮސައިޑް ސަޕޯޓަރެއްގެ ގޮތުގައެވެ.

މި ކަމާ ގުޅިގެން ގޯލްޑްމަން އެ ޕޯސްޓަށް ދެއްވި ރައްދުގައި ވިދާޅުވީ، އޭނާ އެތަނަށް ވަޑައިގެންނެވީ ހަމައެކަނި ދަރިފުޅަށް ފާޚާނާ ބޭނުންކުރުމުގެ ފުރުސަތު ހޯދައިދޭން ކަމަށެވެ. އެ ކޮފީ ޝޮޕުން ވަނީ ގޯލްޑްމަން ކޮފީއަށް ދެއްކެވި ފައިސާ އަނބުރާ ރައްދުކޮށް، އެތަނުގެ އިންސްޓަގްރާމް އެކައުންޓް ވެސް ޑިސޭބަލް ކޮށްފައެވެ.

ގޯލްޑްމަންއަކީ ނިއުޔޯކްގެ ގަވަރުނަރު ކެތީ ހޯކުލްގެ ތާއީދު އޮތް ބޭފުޅެކެވެ. އޭނާ އަންނަ ޖޫން މަހުގެ 23 ގައި ބާއްވާ ޕްރައިމަރީ އިންތިޚާބުގައި ވާދަކުރައްވަނީ ބްރެޑް ލޭންޑަރާ ދެކޮޅަށެވެ. މި ދެ ބޭފުޅުންނަކީ ވެސް ޔަހޫދީންނެވެ.

ހިއްސާ ކުރައްވާ!