ޔޫރަޕަށް ހޫނު ގަދަ ދުވަސްވަރެއް: ފަރަންސޭސިވިލާތާއި އެހެނިހެން ޤައުމުތަކުގައި ސަމާލުކަން އިތުރުކޮށްފި

މުޅި ޔޫރަޕްގެ ގިނަ ޤައުމުތަކަކަށް އަމާޒުވެފައިވާ ހޫނު ގަދަ ރާޅުގެ ސަބަބުން ފަރަންސޭސިވިލާތުގެ 49 ޕްރޮވިންސެއްގައި އެންމެ މަތީ ދަރަޖައިގެ ސަމާލުކަން ނެރެފިއެވެ. މި ހޫނުގަދަ މޫސުމުގެ ސަބަބުން މިހާތަނަށް ހިތާމަވެރި އެތައް ހާދިސާތަކެއް ހިނގާފައި ވެއެވެ. ފަރަންސޭސިވިލާތުގެ ދެކުނު އިރުމަތިން ކާރެއްގެ ތެރޭގައި އުމުރުން 2 އަހަރާއި 4 އަހަރުގެ ދެ ކުޑަކުދިން މަރުވެފައި ތިއްބާ ފެނިފައިވެއެވެ. މިއީ ހޫނު ގަދަވުމުގެ ސަބަބުން ހިނގި ހާދިސާއެއްކަމަށް ބަލައި ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފަރަންސޭސިވިލާތުގެ ޖުމްލަ 49 ޕްރޮވިންސެއްގައި އެންމެ މަތީ ދަރަޖައިގެ ސަމާލުކަން ނެރެފައިވާއިރު، އިތުރު 6 ޕްރޮވިންސެއް ގައި މާދަމާ ރަތް އިންޒާރުގެ ލިސްޓަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އަދި 35 ޕްރޮވިންސެއްގައި އޮތީ އޮރެންޖް އިންޒާރެވެ.

މި ހޫނުގަދަވުމާ ގުޅިގެން 35 މިލިއަން މީހުންނަށް ސަމާލުވުމަށާއި، ބުރަ މަސައްކަތްތައް ނުކުރުމަށާއި، އަވީގައި ގިނައިރު ނުއުޅުމަށާއި ގިނައިން ފެން ބުއިމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. ހޫނުގަދަވުމުގެ ސަބަބުން 1300 އަށްވުރެ ގިނަ ސްކޫލް ބަންދުކޮށްފައި ވެއެވެ. އަދި ޕެރިސްގެ ރޭލު ދަތުރުތަކަށް ވެސް ވަނީ ބުރޫއަރާފައެވެ.

ފަރަންސޭސިވިލާތުގެ ބައެއް ސަރަހައްދުތަކުގައި ހޫނުމިން 43 ޑިގްރީ ސެލްސިއަސްއަށް އަރާނެކަމަށް ލަފާކުރެވެއެވެ. ރޭގަނޑުގެ ހޫނުމިން ވެސް 25 ޑިގްރީ ސެލްސިއަސްގައި ހުރުމަކީ މީގެ ކުރިން ރެކޯޑް ކުރެވިފައިވާ ކަމެއް ނޫނެވެ.

ޔޫރަޕްގެ އެހެން ޤައުމުތަކަށް ބަލާއިރު، ސްޕޭންގެ ބައެއް ސަރަހައްދުތަކުގައި ހޫނުމިން 44 ޑިގްރީ ސެލްސިއަސްއަށް އަރާނެކަމަށް ލަފާކޮށް ރަތް އިންޒާރު ނެރެފައިވެއެވެ.

  • ޖަރުމަނުވިލާތުގައި ހޫނުގަދަވެގެން ކުޅިވަރު މުބާރާތްތައް މެދުކަނޑާލާފައިވެއެވެ.
  • ބެލްޖިއަމްގައި ވެސް ހޫނުމިން ރެކޯޑް މިންވަރަކަށް ވަނީ މައްޗަށް ގޮސްފައެވެ.
  • އިޓަލީގެ 12 ސަރަހައްދެއްގައި ރަތް އިންޒާރު ނެރެފައިވެއެވެ.
  • އިނގިރޭސިވިލާތުގައި ވެސް 39 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން އަރާނެކަމަށް ލަފާކޮށްފައިވެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން، މީގެ ކުރިން ހަމައެކަނި ހޫނު މޫސުމުގެ އެންމެ ގަދަ ދުވަސްވަރު ފެންނަ މިފަދަ ހޫނުގަދަ ރާޅުތައް މިހާރު ދަނީ ދުރާލާ ފެނި، އިތުރަށް ގަދަވެ، ދިގުދެމިގެންދާ ގޮތަށް ބަދަލުވަމުންނެވެ.

ހިއްސާ ކުރައްވާ!