އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވާނުލާނެ: އިޝާޤް ދާރު

އެމެރިކާ އާއި އީރާނުގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ ދެވަނަ މަރުހަލާގައި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވާނުލާނެ ކަމަށް ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޚާރިޖީ ވަޒީރު އިޝާޤް ދާރު ވިދާޅުވެއްޖެއެވެ.

ދާރު ވިދާޅުވީ، އީރާނުގެ ނިއުކްލިއާ ސާމާނު މަދުކުރުމަށް ތައްޔާރަށް އޮތް ކަމަށާއި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ މުސްތަޤްބަލު ކަނޑައަޅާނީ އެމެރިކާ އާއި އީރާނުން މަޝްވަރާކޮށްގެން ކަމަށެވެ. މަޝްވަރާތަކުގެ ކުރިއަށް އޮތް މަރުހަލާގައި މައިގަނޑު ތިން ކަމަކަށް އަލިއަޅުވާލާނެއެވެ: އެއީ ދަތިކުރުމުގެ ފިޔަވަޅުތަކާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އަދި ލުބުނާނުގެ މައްސަލައެވެ.

މި މަޝްވަރާތަކަށް ތިން ޓެކްނިކަލް ގްރޫޕެއް އެކުލަވާލާފައިވާއިރު، އެއްބަސްވުމުގެ ބާކީ ހުރި ބައިތައް ނިންމުމަށް 30 ދުވަސް ދީފައިވާ ކަމަށާއި، 60 ދުވަހުގެ ތެރޭގައި ފައިނަލް އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރަމުންދާ ކަމަށް ދާރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އިސްލާމްއާބާދު ފަހުމުނާމާ އެއްބަސްވުމަކީ ދެ ފަރާތުން ވެސް ޤަބޫލުކޮށްފައިވާ ލިޔުމެއް ކަމަށާއި، އޭގެ ފަހަތުގައި އެއްވެސް ސިއްރު އެއްބަސްވުމެއް ނެތް ކަމަށެވެ.

ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން މި ޑިޕްލޮމެޓިކް މަސައްކަތް ހުއްޓުމަކަށް އަންނަން އުޅުނު ކަމަށާއި، ނަމަވެސް ޕާކިސްތާނާއި އެހެނިހެން ބައިވެރިންގެ މަސައްކަތުން ދެ ޤައުމު އަލުން މަޝްވަރާ މޭޒަށް ގެނެވުނު ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އިސްލާމްއާބާދުގައި ބޭއްވި މި ބައްދަލުވުންތަކުގައި އެމެރިކާގެ ނައިބު ރައީސާއި، އީރާނުގެ ސްޕީކަރާއި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ. ޕާކިސްތާނުން މެދުވެރިއެއްގެ ހައިސިއްޔަތުން ބައިވެރިވީ އިސްހާޤް ދާރާއި، ޑިފެންސް ފޯސަސްގެ ޗީފް އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރެވެ.

މީގެ އިތުރުން ޕާކިސްތާން، ސައުދީ އަރަބިއާ، މިސްރު އަދި ތުރުކީ ގުޅިގެން 'އާރް4 ފޯރަމް’ގެ ނަމުގައި އާ ޕްލެޓްފޯމެއް އުފައްދާފައިވާ ކަމަށް ދާރު ހާމަކުރެއްވިއެވެ. މިއީ އެއްވެސް ބްލޮކެއް ނޫން ކަމަށާއި، މިއީ ސަރަހައްދީ ހަމަޖެހުމަށް މަސައްކަތްކުރާ 500 މިލިއަން މީހުން ތަމްސީލުކުރާ ޕްލެޓްފޯމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން އެއްވެސް ޓްރާންސިޓް ނުވަތަ ސަރވިސް ފީއެއް ނުނަގާނެ ކަމަށް ވެސް ދާރު ވަނީ އިއުލާންކުރައްވާފައެވެ.

ހިއްސާ ކުރައްވާ!