ޣައްޒާގައި ކުޑަކުދިންނަށް އަމާޒުކޮށް ޔަހދީީންގެ ރެޖީމުން ގަސްދުގައި ހަމަލާތައް ދެމުންދާކަމަށް އދ.ގެ ތަހުގީގު ޓީމަކުން ތުހުމަތުކޮށްފިއެވެ. އދ.ގެ މިނިވަން ތަހުގީގު ކޮމިޝަނުން ބުނާ ގޮތުގައި، މިއީ ޣައްޒާގައި ހިންގަމުންދާ "ޖެނޮސައިޑް ޖަރީމާ" ގެ މައިގަނޑު އެއް ސަބަބެވެ.
މި ތަހުގީގުން ދައްކާ ގޮތުގައި، ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށް އިސްރާއީލުގެ ސިފައިން ގަސްދުގައި ހަމަލާދީ މަރަމުންދާކަމުގެ ސާބިތު ހެކިތައް ވަނީ ލިބިފައެވެ. އަދި މިއީ ފަލަސްތީނުގެ އާބާދީ ނައްތާލުމަށް އިސްރާއީލުގެ ވެރިންނާއި ސަލާމަތީ ބާރުތަކުން ގެންގުޅޭ ނިޔަތެއްކަން ސާބިތުކޮށްދޭ މައިގަނޑު އެއް ސިފައެއް ކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވެއެވެ. ތަހުގީގުގެ ހޯދުންތަކުން ދައްކާ ގޮތުގައި، މި ހަނގުރާމަ ފެށުނީއްސުރެ މަރުވި މީހުންގެ ތެރޭގައި ގާތްގަނޑަކަށް 30 އިންސައްތައަކީ ކުޑަކުދިންނެވެ.
މި ހަނގުރާމަ ފެށުނުތާ ގިނަ ދުވަސްތަކެއް ވީ ނަމަވެސް، ޣައްޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތައް އަދިވެސް ހުއްޓުމެއް ނެތި ކުރިއަށްދެއެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ވެސް ޣައްޒާގެ އެކި ސަރަހައްދުތަކަށް ދުވާލަކު އެއްފަހަރު ފަދައިން ބޮން އަޅައި، ބަޑިޖަހަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހު ހަމާސްއާ އެކު ވެވުނު ސުލްހައިގެ އެއްބަސްވުމަށްފަހު، ވެސް އިސްރާއީލުން ދިން ހަމަލާތަކުގައި 1،005 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި 2023 ވަނަ އަހަރުން ފެށިގެން މި ހަނގުރާމައިގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ލައްކައާ ގާތް ކުރެއެވެ.







