އެމެރިކާ ބުނާ ވާހަކައާ ޚިލާފަށް، އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް ބަލައި ފާސްކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެޓޮމިކް އެނާޖީ އެޖެންސީ އާއެކު އެއްވެސް ޒާތެއްގެ އެއްބަސްވުމަކަށް ނުވަތަ އިންތިޒާމަކަށް އައިސްފައިނުވާނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަޤާއީ ވިދާޅުވެއްޖެއެވެ.
އީީރާން ނިއުސް އެޖެންސީއާ ވާހަކަދައްކަވަމުން ބަޤާއީ ވިދާޅުވީ، ފަހުގެ ހަނގުރާމައިގެ ތެރޭގައި ގެއްލުންތައް ލިބުނު އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް ބަލައި ފާސްކުރުމާ ގުޅޭގޮތުން އެއްވެސް އިޖުރާއަތެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ. އަދި ނިއުކްލިއަރ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، ސޭފްގާޑް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރާ ޤައުމެއްގެ ގޮތުން، އީރާނުން އަބަދުވެސް އަމަލުކުރާނީ އެ މުއާހަދާތަކުގައިވާ ގޮތުގެ މަތިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ހޯމަ ދުވަހު ވިދާޅުވެފައިވަނީ، ނިއުކްލިއަރ މޮނިޓަރުން އީރާނަށް އެތެރެވުމުގެ ހުއްދަ ދިނުމަށް ތެހެރާނުން އެއްބަސްވެފައިވާ ކަމަށެވެ. މިއީ އީރާނުގެ ނިއުކްލިއަރ ހަތިޔާރުތައް ދާއިމީ ގޮތެއްގައި ނައްތާލުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ.
ނަމަވެސް، އީރާނުގެ ރަސްމީ މީޑިއާ ރިޕޯޓުކުރާ ގޮތުގައި، ސްވިޒަލޭންޑުގައި 18 ގަޑިއިރަށް ދިގުދެމިގެންދިޔަ އެމެރިކާ-އީރާން މަޝްވަރާތަކުގައި ނިއުކްލިއަރ މައްސަލައާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައިނުވެއެވެ. މި މަޝްވަރާތައް ބިނާކުރެވިފައިވަނީ މީގެ ކުރިން ދެ ޤައުމުން އެއްބަސްވި ކަންތައްތައް ތަންފީޒުކުރުމުގެ މައްޗަށެވެ. މި މަޝްވަރާތަކަށްފަހު ދެ ޤައުމުން ވެސް ވަނީ ފަންނީ މަޝްވަރާތައް މި ހަފުތާގައި އަލުން ފެށުމަށާއި، މި މެދުވެރިކަމުގެ ކަންކަން ސިޔާސީ ގޮތުން ބެލެހެއްޓުމަށް މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވައިލުމަށް އެއްބަސްވެފައެވެ.






