އީރާނާއި އެމެރިކާއާ ދެމެދު ސްވިޒަލޭންޑުގައި ބާއްވާ ފަންނީ މަޝްވަރާތައް ނިމުމަކަށް އައުމާއެކު، ކުރިއަށް އޮތް ފިޔަވަޅُތަކާ ބެހޭގޮތުން ވާހަކަދެއްކެވުމަށް އީރާނުގެ ރައީސް މަސްއޫދު ޕަޒެޝްކިއަން އަންގާރަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގެންފިއެވެ. ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ އީރާނުގެ ރައީސަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢަރާޤްޖީ ވެސް ވައިވެރިވެވަޑައިގަންނަވާއިރު، އޭނާ އިސްލާމްއާބާދަށް ވަޑައިގަތީ އޮމާނުން ނެވެ. އޮމާނުގައި އީރާނުގެ ވަފުދުން ވަނީ އެ ޤައުމުގެ ސުލްޠާން ހައިތަމް ބިން ޠާރިޤާއި ޚާރިޖީ ވަޒީރު ބަދްރް އަލްބޫސައިދީއާ ބައްދަލުކުރައްވައި، އެމެރިކާގެ މަޝްވަރާތަކާއި ހުރުމުޒް ކަނޑުއޮޅީގެ ކަންކަމާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ.
އީރާނުގެ ރައީސްގެ މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި އަމާޒު ހިފާނީ ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާނެ މަޝްވަރާތަކުގެ މަގުޗާޓަށާއި އިސްލާމްއާބާދުގައި ސޮއިކުރި އެއްބަސްވުން ތަންފީޒުކުރުމުގެ ކަންކަމަށެވެ. ދެ ޤައުމުގެ ވެރިން މަޝްވަރާކުރައްވާނެ މުހިންމު މައުޟޫއުތަކުގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅُތައް ލުއިކުރުމާއި، އީރާނުގެ ނިއُކްލިއަރ މަސައްކަތްތަކާއި، އެއްބަސްވުންތަކަށް ބޯލެނބުމާ ބެހޭ އިންތިޒާމުތައް ހިމެނެއެވެ.
މީގެ އިތުރުން، ކަނޑުމަތީގެ ސަލާމަތީ ކަންކަމާއި، ހުރުމުޒް ކަނޑުއޮޅީގެ ވިޔަފާރި އުޅަނދުފަހަރުގެ ދަތުރުފަތުރާއި، ލުބުނާނުގެ މަސްރަހު ފިނިކުރުމަށްޓަކައި ވިލަރެސްކުރާނެ ޚާއްޞަ ނިޒާމެއް އެކުލަވައިލުމާ ބެހޭގޮތުން ވެސް ދެ ޤައުމުގެ ވެރިން ވާހަކަދައްކަވާނެއެވެ. މި މަޝްވަރާތަކުގެ ބޭރުން ދެ ޤައުމުގެ ދެމެދުގައި އިޤްތިސާދީ ގުޅުން ބަދަހިކުރުމާއި، ސަރަހައްދީ ރޮނގުގެ ސަލާމަތް ބެހެއްޓުމާއި، ވިޔަފާރި ފުޅާކުރުމަށް ވެސް ދެ ފަރާތުން ރާވަމުންދެއެވެ.
ޚާރިޖީ މަސްދަރުތަކުން ބުނާ ގޮތުގައި، އީރާނުގެ ރައީސް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅުން ހާމަވަނީ އެމެރކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ޕާކިސްތާނުން އަދާކުރާ މެދުވެރިއެއްގެ ދައުރަށް ތެހެރާނުން ދޭ އަހައްމިއްޔަތެވެ.
އީރާނުން ބޭނުންވަނީ އެމެރިކާއާއެކު ކުރިއަށް އޮތް އުނދަގޫ މަޝްވަރާތައް ފެށުމުގެ ކުރިން އިސްލާމްއާބާދާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކަންކަން ވިލަރެސްކުރުމަށެވެ. މީގެ އިތުރުން، އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށްޓަކައި ޕާކިސްތާނުން ކުރި ސިޔާސީ އަދި ބައިނަލްއަޤްވާމީ މަސައްކަތްތަކަށް ޝުކުރު އަދާކުރުމަކީ ވެސް މި ދަތުރުފުޅުގެ މުހިންމު އެއް ބޭނުމެވެ.





