ޖައިޝަންކަރު މޮންގޯލިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން 'މޮންގޯލް ރިފައިނަރީ' ޕްރޮޖެކްޓް ބައްލަވާލައްވައިފި

އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު މިހާރު މޮންގޯލިއާއަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި އިންޑިއައިން ހިންގާ 'މޮންގޯލް ރިފައިނަރީ' ޕްރޮޖެކްޓްގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި އޭނާ ވަނީ ޕްރޮޖެކްޓް ސައިޓުގައި މަސައްކަތްކުރާ އިންޑިއާ އާއި މޮންގޯލިއާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ގޮންޖެހުންތަކާއެކު ވެސް އެ މަސައްކަތަށް އެ މުވައްޒަފުން ބަހައްޓާ ޝައުގުވެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ޖައިޝަންކަރު ވަނީ މޮންގޯލިއާގެ މަތީ ފަންތީގެ ގިނަ ލީޑަރުންނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މޮންގޯލިއާގެ ރައީސް ޚުރެލްސުޚް އުޚްނާއާ ބައްދަލުކުރައްވައި، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މެސެޖުތައް އޭނާ ރައްދުކުރެއްވިއެވެ. މި ބައްދަލުވުމުގައި ދެ ލީޑަރުން ވެސް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަކުރައްވައި، ކުރިމަގުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ މެދު އެއްބަސްވެވަޑައިގެންފައެވެ.

މީގެ އިތުރުން ޖައިޝަންކަރު ވަނީ މޮންގޯލިއާގެ ޚާރިޖީ ވަޒީރު ބަޓްސެޓްސެގް ބަޓްމުންޚް އާ ބައްދަލުކުރައްވައި، އިޤްތިޞާދީ ގޮތުން ދެ ޤައުމަށް ފައިދާހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މަޝްވަރާކުރެވުނު މައިގަނޑު ދާއިރާތަކުގެ ތެރޭގައި: މައުދަން ނެގުން އަދި ސާފު ހަކަތަ އާއި ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ތައުލީމާއި ސަލާމަތީ ދާއިރާގެ ގުޅުންތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ. 

ޖައިޝަންކަރު ވަނީ މޮންގޯލިއާގެ ސްޓޭޓް ގްރޭޓް ޚުރާލްގެ ސްޕީކަރާއި، ތައުލީމީ ވަޒީރާއި އަދި ކުރީގެ ރައީސްއާ ވެސް ބައްދަލުކުރައްވާފައެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅަކީ މޮންގޯލިއާގެ އިތުރުން ދެކުނު ކޮރެއާއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގެ ބައެކެވެ. މި ދަތުރުގެ މައިގަނޑު އަމާޒަކީ އިންޑިއާއިން މި ސަރަހައްދުގެ ޤައުމުތަކާއެކު އޮތް ސްޓްރެޓީޖިކް އަދި ސަގާފީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމެވެ.

ހިއްސާ ކުރައްވާ!