ކެންބަރާއަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ ޖޯސެފް މެކްގްރެއިލް-ބޭޓަޕް، ދުނިޔޭގެ އެންމެ އަޑުގަދަ މީހާގެ ގޮތުގައި ގިނެސް ވޯލްޑް ރިކޯޑްސް ފޮތުން ޖާގަ ހޯދައިފިއެވެ. އޭނާ މި ރިކޯޑު ހާސިލްކުރީ 122.4 ޑެސިބެލްގެ ބާރުމިނުގައި ނައު: މިހާރު، އޭ ގޮވައިގެންނެވެ. މިއީ ޖެޓް ފްލައިޓެއް ނުވަތަ އަދުގަދަ ކީހެއްގެ އަޑާ އެއްވަރުގެ ބާރުގަދަ އަޑެކެވެ.
މި ރިކޯޑު ހޯދުމުގެ ކުރިން، 1994 ވަނަ އަހަރު 121.7 ޑެސިބެލްގެ ބާރުމިނުގައި ކުއައެޓު: ހިމޭން އޭ ގޮވި އުތުރު އަޔަލޭންޑުގެ ޓީޗަރެއް ކަމަށްވާ އެނަލީސާ ފްލަނަގަން އަތުގައި އޮތް ރިކޯޑު މުގުރާލުމަށް ފަހު، ޖޯސެފް ބުނެފައިވަނީ އެނަލީސާ އަދިވެސް ދުނިޔޭގެ އެންމެ އަޑުގަދަ އަންހެނާގެ ގޮތުގައި ދެމިހުންނާނެ ކަމަށާއި އޭނާގެ މަޤްސަދަކީ ދުނިޔޭގެ އެންމެ އަޑުގަދަ ފިރިހެނާގެ ރިކޯޑު ހާސިލްކުރުން ކަމަށެވެ.
މިފަދަ ކަމަކަށް ތަމްރީނު ނުވެވޭނެ ކަމަށާއި، މި ރިކޯޑު ހޯދަން 7 ފަހަރު މަސައްކަތް ކުރުމަށްފަހު އޭނާގެ އަޑު ދެ ދުވަސް ވަންދެން ހަލާކުވެފައި ހުރި ކަމަށް ޖޯސެފް ފާހަގަކުރިއެވެ. ކެންބަރާގެ ރަސްމީ ހަވަރަށް ގޮވާ މީހާގެ މަގާމުގައި މަސައްކަތްކުރާ ޖޯސެފްއަކީ މީގެ ކުރިން 2019 ވަނަ އަހަރު އިންސާނަކަށް އެންމެ އަވަހަށް 10 ތީރު ޖެހުމުގެ ރިކޯޑު ވެސް ހޯދާފައިވާ ފަރާތެކެވެ.
ޖޯސެފްގެ މި ރިކޯޑު ގިނެސް ވޯލްޑް ރިކޯޑްސްއިން އިއުލާންކޮށްފައިވަނީ ހުކުރު ދުވަހުއެވެ. އޭނާ ބުނާ ގޮތުގައި މި ރިކޯޑު ދެމެހެއްޓުމަށްވުރެ ބޮޑަށް އޭނާ ބަލަނީ މި ކަމުން ލިބުނު އުފާވެރިކަމަށެވެ.






