ޕެލިސޭޑްސް އަލިފާނުގެ މައްސަލަ: ފަޔަރ ފައިޓަރުންގެ ހެކިބަހުގައި ފުށުއެރުންތަކެއް

ލޮސް އެންޖެލެސްގައި ހިނގި ބިރުވެރި "ޕެލިސޭޑްސް އަލިފާނުގެ" މައްސަލާގައި 29 އަހަރުގެ ޖޮނަތަން ރިންޑާކްނެކްޓްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި، ފަޔަރ ފައިޓަރުން ދިން ހެކިބަސްތަކެއް ފުށުއަރައިފިއެވެ. ރިންޑާކްނެކްޓްގެ މައްޗަށް ތުހުމަތުކުރެވެނީ 2025 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު އޭނާ ގަސްދުގައި ޕެސިފިކް ޕެލިސޭޑްސް ސަރަހައްދުގައި އަލިފާން ރޯކުރި ކަމަށާއި، ފަހުން އެ އަލިފާންގަނޑު ބޮޑުވެ ކެލިފޯނިއާގެ ތާރީޚުގައި ހިނގި އެންމެ ހަލާކު ބޮޑު އަލިފާނުގެ ހާދިސާއަކަށް ބަދަލުވި ކަމަށެވެ.

މި މައްސަލައިގައި ދިފާއީ ވަކީލުން ވަކާލާތު ކުރަނީ އަލިފާން ރޯވީ ފަޓާސް ގޮވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން، ފަޔަރ ފައިޓަރު ރޮބާޓް އެޕަލްފޯޑް ހެކިބަސް ދެމުން ބުނީ، އާ އަހަރު ފެށުމުގެ ކުޑައިރުކޮޅެއް ކުރިންނާއި ފަހުން އެ ސަރަހައްދުން ފަޓާސް ގޮވާ އަޑާއި އަލިތައް ފެނުނު ކަމަށެވެ. ނަމަވެސް، އެޕަލްފޯޑްގެ ކެޕްޓަން ޑޭވް ސޭންޑާސް ހެކިބަސް ދެމުން ބުނީ، އެފަދަ އެއްވެސް ކަމެއް އޭނާއަށް ނުފެންނަ ކަމަށާއި ނުއިވޭ ކަމަށެވެ. އަދި ކުރިން އޭނާ އެފަދަ ވާހަކައެއް ބުނި ކަމަށް ދެކެވޭ ވާހަކަ ވެސް ސޭންޑާސް ވަނީ ދޮގުކޮށްފައެވެ.

ޝަރީއަތުގެ މަޖިލީހުގައި ފަޔަރ ފައިޓަރަކު ހެކިބަސް ދިނުމަށްފަހު ފައިބައިގެން ދިޔަ ވަގުތު، ޖޫރީ މެމްބަރަކު އޭނާއަށް ޝުކުރު އަދާކުރުމުން، އެ މެމްބަރުގެ ނިއުޓްރަލްކަމާ މެދު ސުވާލު އުފެދި، ފަނޑިޔާރުވަނީ ޖޫރީންގެ ތެރެއިން  އޭނާ ވަކިކޮށްފައެވެ. ދިފާއީ ވަކީލުން މި ނިންމުމާ ދެކޮޅު ހެދި ނަމަވެސް، ފަނޑިޔާރު އެން ހްވާން ނިންމެވީ އެ މެމްބަރުގެ ފަރާތުން ފެނުނު "ވަރުގަދަ އިހުސާސްތަކުގެ" ސަބަބުން އޭނާ ބަދަލުކުރުމަށެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ވެސް ހެކިބަސް ދެމުން ބުނީ، އޭނާއަށް ބާރު އަޑެއް އިވުނު ކަމަށާއި ފަހުން އަލިފާންގަނޑެއް ފެނުނު ކަމަށެވެ. އަދި އެހެން ހެކިވެރިން ވެސް ވަނީ ފަޓާސް ގޮވި އަޑު އިވުނު ކަމަށާއި، އެ ސަރަހައްދުގައި ޒުވާނުންތަކެއް ދުވެފައި ދިޔަ މަންޒަރު ފެނުނު ކަމަށް ބުނެފައެވެ.

ޕްރޮސެކިއުޓަރުން ވަނީ ރިންޑާކްނެކްޓް އަކީ ރުޅިގަދަ އަދި ނަފްސާނީ ގޮތުން ހަމަނުޖެހޭ މީހެއް ކަމަށް ސިފަކޮށް، އޭނާ ގަސްދުގައި އަލިފާން ރޯކުރީ ކަމަށް ބުނެފައެވެ. ޝަރީއަތް އަދިވެސް ކުރިއަށް އެބަދެއެވެ.

ހިއްސާ ކުރައްވާ!