ބަންގާޅު މީހުން ބަނޑަށް މެރި މީހާ: ޗަރޗިލްގެ ވާހަކަ ހިމެނޭ ފިލްމު އާޓިސްޓު ނަގައިފި

ސަރ ވިންސްޓަން ޗަރޗިލްގެ ދައުރާމެދު އުފެދުނު ބޮޑު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެން، ނޭޝަނަލް ޕޯޓްރެއިޓް ގެލެރީގައި ބަހައްޓާފައި ހުރި އާޓް މަސައްކަތާ މެދު އިނގިރެސިން ރުޅިވެރިކަން ފާޅުކުރުމން އާޓިސްޓު ހެލަން ކަމޮކް އެ މަސައްކަތް ނަގައިފިއެވެ.

"ޕަރސިސްޓެންސް"ގެ ނަމުގައި އޭނާ ތައްޔާރުކުރި 40 މިނެޓުގެ މި ވީޑިއޯ ފިލްމުގައި، 1943 ވަނަ އަހަރު ބަންގާޅަށް ކުރިމަތިވި ބަނޑުހައިހޫނުކަމުގެ ހާދިސާގައި، ޗަރޗިލް ގަސްދުގައި ރައްޔިތުން ބަނޑަށް ޖެއްސި ކަމަށް ތުހުމަތުކޮށްފައިވެއެވެ. މި ފިލްމާ ގުޅިގެން ހައުސް އޮފް ލޯޑްސްގެ 50 އަށް ވުރެ ގިނަ މެމްބަރުން ވަނީ ގެލެރީއަށް ސިޓީއެއް ފޮނުވައި، މި ތުހުމަތުތަކަކީ "ހަޑިހުތުރު އަދި ދޮގު ވާހަކަތަކެއް" ކަމަށް ބުނެ ފާޑުކިޔާފައެވެ.

އާޓިސްޓު ހެލަން ކަމޮކް ބުނާ ގޮތުގައި، މި ކަމާ ގުޅިގެން މިހާރު ވަނީ ވަރަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެފައެވެ. އަދި ގެލެރީން މި މަސައްކަތް ނެގުމަށް ނިންމީ ވަރަށް ހިތާމައާ އެކު ކަމަށް އޭނާ ފާހަގަކުރިއެވެ. އޭނާ އިތުރަށް ބުނީ، މިއީ ޑޮކިއުމެންޓްރީއެއް ނޫން ކަމަށާއި، މިއީ ގެލެރީގައި ހުރި ތާރީޚީ ލިޔެކިޔުންތަކާ މެދު އޭނާގެ އަމިއްލަ ފަންނީ ހިޔާލުތައް ފާޅުކޮށްފައިވާ އުފެއްދުމެއް ކަމަށެވެ.

ބަންގާޅު ބަނޑަށް ޖެއްސުމުން ތިން މިލިއަނެއްހާ މީހުން މަރުވިކަމަށް ލަފާކުރެވެއެވެ. 2019 ވަނަ އަހަރު އިންޑިއާ އާއި އެމެރިކާގެ ދިރާސާވެރިން ކުރި ދިރާސާއަކުން ދައްކާފައިވަނީ، މިއީ އިނގިރޭސިންގެ ވެރިކަމުގައި އެޅުނު ނުރަނގަޅު ސިޔާސަތުތަކެއްގެ ނަތީޖާއަކުން މީޙުން ބަނޑަށް ޖެއްސީ ކަމަށެވެ.

ނޭޝަނަލް ޕޯޓްރެއިޓް ގެލެރީން ބުނެފައިވަނީ، އެ ފިލްމުގައި ފާޅުކޮށްފައިވާ ހިޔާލުތަކަކީ ގެލެރީގެ ހިޔާލުތަކެއް ނޫން ކަމަށާއި، އެއީ އާޓިސްޓުގެ އަމިއްލަ ހިޔާލުތައް ކަމަށެވެ. އަދި އާޓިސްޓު އެ މަސައްކަތް ނެގުމަށް ނިންމި ނިންމުމަށް ގެލެރީން އިހުތިރާމު ކުރާ ކަމަށާއި، ހަމަ އެފަދައިން އެ ފިލްމާ މެދު ހިތްހަމަނުޖެހުން ފާޅުކުރި ފަރާތްތަކުގެ ޝުޢޫރުތައް ވެސް ބަލައިގަންނަ ކަމަށް ގެލެރީގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!